އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ އަށް މަސައްކަތްކޮށްދެމުންދިޔަ އީރާނު ދަރިކޮޅައް ނިސްބަތްވާ މީހަކު އީރާނުން ހައްޔަރުކޮށްފިއެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސީ.އައި.އޭ ގެ ޖާސޫސު އަތުލައިގަނެވިފައި ވަނީ އޭނާ އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއަށް ވަންނަން އުޅެނިކޮށްކަމަށެވެ. އީރާނުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާގޮތުގައި އޭނާ މަސައްކަތްކޮށްފައިވަނީ އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއަށް ވަދެ އެތައް ބައިވަރު ދޮގު މަޢުލޫމާތެއް އެތާނގެ އޮފިޝަލުންނަށް ދިނުމަށް ފަހު އެ ވުޒާރާއިން ޖާސޫސްކުރުމަށެވެ.
އީރާނުގެ ރަސްމީ ޓީވީ އިން ދުރަށް ފޮނުވި ރިޕޯޓެއްގައި އީރާނު ދަރިކޮޅަށް ނިސްބަތްވާ އަމީރް މިރްޒާ ޙިކްމަތީ ނަމަކަށް ކިޔާ މި މީހާ ވަނީ އޭނާއަކީ އެމެރިކާގެ ޖާސޫސެއްކަމަށް އިޢުތިރާފުވެފައެވެ. އަދި ސީ.އައ.ިއޭ ގެ ބެލުމުގެ ދަށުން 10 އަހަރު ވަންދެން ޖާސޫސުކުރުމުގެ ތަރުބިއްޔަތު ހޯދާފައިވާކަމަށާއި ޢަރަބި ބަހާއި ފާރިސީ ބަހުގެ އެތައް ކޯހެއްވެސް ފުރިހަމަކޮށްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އިތުރަށް އޭނާ ބުނި ގޮތުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ "މޮސާޑް" އާއި އިނގިރޭސި ވިލާތުގެ ސިއްރު ފުލުހުންނާއި ވެސް އޭނާ އާއި ގާތް ގުޅުންތަކެއް އޮވެއެވެ.
އެމެރިކާ އާއި އިޒްރޭލުން ގެންދަނީ އީރާނުގެ ނިޔުކުލިއާ ޕްރޮގްރާމްގެ ހަޤީޤަތް ހޯދުމަށްޓަކައި ޖާސޫސުންގެ ބޮޑު ދަލެއް އީރާނުގެ ތެރޭގައި ފަތުރަމުންނެވެ. އަދި އެމެރިކާ އިން ގެންދަނީ ވައިގެ މަގުންވެސް އީރާނަށް ފާރަލަމުންނެވެ. ދާދި ފަހުން އީރާނުން ވަނީ މި މަސައްކަތުގައި އުޅުނު ޕައިލެޓާކާ ނުލާ އުދުހޭ އެމެރިކާގެ ޑްރޯން އަކަށް ހަމަލާދީ ވައްޓައިލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...