ޙަމާސް އިން ހައްޔަރު ކުރި އިޒްރޭލުގެ ސިފައިންގެ މީހާ ގިލާދް ޝަލީތްގެ ބަދަލުގައި އިޒްރޭލުން ދޫކޮށްލުމަށް އެއްބަސްވި ފަލަސްޠީނުގެ 1050 އަސީރުންގެ ތެރެއިން މިހާތަނަށް ދޫކޮށްނުލައި ތިބި 550 އަސީރުން އާދިއްތަ ދުވަހުގެ ވަގުތެއްގައި އިޒްރޭލުން ދޫކޮށްލައިފިއެވެެ.
އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ދެވަނަ ބުރުގައި ދޫކޮށްލެވުނު 550 އަސީރުންގެ ތެރެއިން 41 މީހުން ނިސްބަތްވަނީ ޣައްޒާއަށެވެ. 2 މީހުން އުރުދުން އަށެވެ. ދެން ތިބި 507 މީހުންނަކީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ މީހުންނެވެ. މީގެ ތެރޭގައި 6 އަންހެނުންވެސް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކޮށްލެވުނު އަސީރުންގެ ގިނަ މީހުންނަކީ އިޒްރޭލަށް ހަމަލަދީގެން ނުވަތަ ހަމަލަދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޢުމުރަށް ޖަލަށްލުން ފަދަ ބޮޑެތި ޙުކުމްތައް އިއްވާފައިވާ މީހުންނެވެ. ނަމަވެސް މިފަހަރު ދޫކޮށްލެވުނު މީހުންގެ ތެރޭގައި އެފަދަ މީހަކު ހިމެނިފައެއްނުވެއެވެ.
"އަހަރެންނަށް އުފާވެރިކަމާއެކު ހިތާމަވެރިކަން ވެސް އިޙްސާސްކުރެވޭ. ސަބަބަކީ އަހަރަމެން މިއައީ އަހަރަމެންގެ ލޯބިވާ އެތައް އަޚުނެއް އިޒްރޭލުގެ ޖަލުތަކަށް ދޫކޮށްފަ. އަހަރެން އުއްމީދުކުރަން އެ އަޚުންވެސް ވަރަށް އަވަހަށް މިނިވަންވާނެކަމަށް" މިނިވަންކަން ލިބުނު އަސީރެއްކަމުގައިވާ ސަމަރު ޢުވައިޟާ އޭނާގެ ޝުޢޫރު ފާޅުކުރަމުން ބުނެފައިވެއެވެ. އޭނާވަނީ އިޒްރޭލުގެ ޖަލުގައި ހަތަރު އަހަރު ހޭދަކޮށްފައެވެ.
މިނިވަންކަން ލިބުނު އަސީރުންނަށް ޣައްޒާ އާއި ހުޅަނގު އައްސޭރީންވެސް ވަނީ ވަރަށް ހޫނު މަރުޙަބާއަށް ކިޔާފައެވެ. އެގޮތުން އަސީރުންގެ ޢާއިލާތަކުގެ އިތުރުން ފަލަސްޠީނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ޕާލިމަންޓުގެ މެންބަރުންނާއި ފަލަސްޠީނުގެ ތަފާތު ޖަމާޢާތްތަކުގެ އިސް ލީޑަރުންވެސް ވަނީ މިނިވަންކަން ލިބުނު އަސީރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އިޒްރޭލުން ވަނީ އަސީރުންގެ ޢާއިލާތައް ކަންބޮޑުކުރުވުމަށްޓަކައި އަސީރުން މިނިވަންކުރުން އެތައް ގަޑިއިރަކަށް ފަސްކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...