ސަރުކާރުން ބޭނުންވަނީ 23 ޑިސެމްބަރ ގައި ބޭއްވޭ ބޮޑު މުޒާހަރާގެ އަސްލު މަޤްޞަދުތައް އޮޅުވާލަން ކަމަށާއި ސަރުކާރުން ހާމަކުރަމުންގެންދަނީ ދޮގު މައުލޫމާތު ތަކެއްކަަމަށް މަދަނީ އިއްތިހާދުގެ ރައީސް އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު އެއްވުންކަމަށްވާތީ ސަރުކާރުން ބޭނުންވެގެން އުޅެނީ މިއެއްވުމުގެ ހަޤީޤީ މަޤްޞަދު އޮޅުވާލުމަށް ކަމަށެވެ. އަދި އެކަން ސަރުކާރަށް ވެސް އެނގިކަށަވަރުވާތީ އެކިގޮތްގޮތުން އެއްވުމުގެ މަގުސަދު އޮޅުވާލަން މަސައްކަތްކުރަމުން ގެންދަނީ ކަމަށެވެ. އަދި ތަފާތު ގޮތްގޮތަށް ވާހަކަތައް ދައްކައިގެން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް ގެންދަން ކަމަށެވެ. އަދި އެގޮތަށް ސަރުކާރުން ކަންތައް ކުރަމުންގެންދަނީ މުޒާހަރާގެ އަސްލު މަޤްޞަދު އޮޅުވާލައި މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން ވެއްދުމަށް ސަރުކާރުން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.
މީގެއިތުރުން އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ސަރުކާރުން އަމަލުކުރަމުންގެންދާ ގޮތުން މި ރާއްޖޭގައި ހަމަނުޖެހުންތައް އިތުރުވެ ދާޚިލީ ހަނގުރާމައެއް ފެތުރިދާނެ ކަމުގެ ބިރު އިންތިހާއަށް ގޮސްފައިވާކަމަށެވެ. އެހެންކަމުން މަދަނީ އިއްތިހާދުން ބޭނުންވަނީ އެކަން ސަރުކަރުގެ ސަމާލުކަމަށް ގެނެސް އެފަދަ އަމަލުތައް ހުއްޓުވުން ކަމަށެވެ.
އެމްޑީޕީ އިން މުޒާހަރާއާ ދެކޮޅަށް ނުކުތުމަށް ނިންްމުމުން އެކަމަށްރައްދު ދެއްވަމުން އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ބޮޑު މުޒާހަރާ ހުއްޓުވައި އެކަމަށް ހުރަސް އަޅަން މަސައްކަތްކުރާ ފަރާތްތަކަކީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރިޔަ ނުދިނުމަށް ނުކުމެ ތިބި މީހުން ކަމަށެވެ.
އިތުރަށް މަދަނީ އިއްތިހާދުގެ ރައީސް ވިދާޅުވީ ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިމަތި ކުރުވިނަމަވެސް 23 ވަނަ ދުވަހުގެ މުޒާހަރާ ނުހުއްޓާނެކަމަށެވެ. އަދި މިހާރު ސަރުކާރުން ކުރަމުން އަންނަ ކަންކަމުން ސަރުކާރު މި ކަމުގައި ބަލިކަށިވަމުން އަންނަކަން ހާމަވާ ކަމަށެވެ.
މަދަނީ ޖަމިއްޔާތަކުން ނުކުންނަނީ ލޭ އޮހޮރުވާންކަމަށް ބުނެ އެފަދަ ވާހަކަތައް ދައްކަނީ އެފަދަ ކަންކަން ކުރަން ހިތުގައި އޮންނަ ފަރާތްތަކުން ކަމަށާއި “އަޅުގަނޑުމެންނަކީ އެފަދަކަންކަން ކުރަން ހިތުގައި އޮންނަ ބައެއް ވެސް ނޫން” ކަމަށް މަދަނީ އިއްތިހާދުން ހާމަކުރެއެވެ.
މުޒާހަރާގެ މައިގަނޑު މަޤްޞަދުތައް އޮޅުވާލާއި ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމުން ދުރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މަދަނީ އިއްތިހާދުގެ އިސްވެރިންނާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިސްލާމް ދީނަށް ނަސްރު ދިނުމަށްޓަކައި މީގެ ކުރީގައި ވަނީ ގިނަ ބަޔަކު ބައިވެރިވެ މި ސަރުކާރު ހައިރާންވަފަދަ ސުލްޙަވެރި މުޒާހަރާތައް ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...