" އިސްލާމްދީނުގެ މަޝްވަރާއާ ޑިމޮކްރަސީގެ މަޝްވަރާއާ އުޑާ ބިމާހާ ތަފާތުވާނެ" ކަމަށް ޝެއިޚް ސަމީރު ވިދާޅުވެއްޖެއެވެ.
ރޭ އާރޓިފިޝިއަލް ބީޗްގައި ސަލަފް ޖަމިއްޔާއިން ބޭއްވި ދަރުސް ގައި ވާހަކަ ދައްކަވަމުން ޝެއިހް އަހްމަދު ސަމީރު ވިދާޅުވީ، "އިސްލާމްދީނުގެ މަޝްވަރާއާ ޑިމޮކްރަސީގެ މަޝްވަރާއާ އުޑާ ބިމާހާ ތަފާތުވާނެ، އެއީ ޑިމޮކްރަސީގައި ކޮންމެ ކަމަކާ މެދުގައި ވެސް މަޝްވަރާކުރެވޭނެ، ކޮންމެ މީހަކަށް ވެސް މަޝްވަރާ ކުރެވޭނެ، އިސްލާމްދީނުގައި ކޮންމެ ކަމަކާމެދު މަޝްވަރާއެއް ނުކުރެވޭނެ، ކޮންމެ މީހަކަށް ވެސް މަޝްވަރާއެއް ނުދެވޭނެ، މަޝްވަރާ ދެވޭނީ އެކަމެއްގެ އިލްމާއި ހުނަރު ހުރި މީހަކަށް"ކަމަށާއި "އެއްވެސް ހާލެއްގައި އެއްވެސް ވަލައީ ފަލްސަފާއަކަށް އަމިއްލަ ވިސްނުމަކަށް ﷲގެ އަޅުތަކުން އަޅުވެތިވާނެ ޖާގައެއް ނުދެމާ، އެހެން ނޫން ނަމަ ޝަރީއަތް ބާވައިލެއްވުމުގެ ބޭނުމެއް ނެތް، އެހެނީ ﷲ ސުބުޙާނަހޫ ވަތައާލާ އަޅުތަކުންނަށް ޝަރީއަތެއް ބާވާނުލެއްވިޔަސް، ރަސޫލު ބޭކަލުން ނުފޮނުއްވިޔަސް، ކީރިތި ގުރުއާން ބާވައި ނުލެއްވިޔަސް، އަޅުތަކުން އުޅެމުންދާނީ އެމީހުންނަށް ފެންނަ ގޮތަކަށް، އެމީހުންގެ ތެރޭގައި މަޝްވަރާކުރެވެމުން އޭގެ ތެރެއިން ގިނަ ބަޔަކު ތާއީދުކުރާ ގޮތަކަށް ކަންކަން ފާސްކުރެވި ނިންމޭ ގޮތަކަށް އަމަލުކުރަމުން ދާނެ" ކަމަށް ޝެއިހް ވިދާޅުވިއެވެ.
ދިޓީވީއިންނާއި ރޭޑިއޯ އެޓޯލްއިން ލައިވް ކުރި މިދަރުސް އަޑުއަހަން ގިނަ އަދަދެއްގެ ބަޔަކު އާރޓިފިޝިލް ބީޗަށް ޖަމާވެފައިވެއެވެ. "ޙައްޤާއި ބާތިލް"ގެ ނަމުގައި ބޭއްވި މިދަރުސްގައި ސުވާލު ކުރުމުގެ ފުރުސަތު ކުރިން ހުޅުވާލިނަމަވެސް އެންމެ ފަހު ވަގުތު ވަނީ އެކަން ކެންސަލް ކޮށްފައެވެ. މިދަރުސްއަށް އެކި ގޮތްގޮތުން އެހީވި ފަރާތްތަކަށް ޖަމިއްޔަތުލް ސަލަފްއިން ޝުކުރު އަދާކުރާކަމަށް ސަލަފްގެ ވެބްސައިޓްގައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...