މީގެ ދެ މަސްކުރިން ޙަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ބުރުގެ ދަށުން ފަލަސްޠީނުގެ އެތައް ސަތޭކަ އަސީރުންނެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އިޒްރޭލުގެ ޖަލުތައް ފަލަސްޠީނުގެ އަސީރުންނާއިގެން ފުރެން ފަށައިފިއެވެ.
ހުޅަނގު އައްސޭރީގެ "ރާމަﷲ" ގައި މަރުކަޒު ހުންނަ އަސީރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ގުރޫޕެއްކަމަށްވާ "އައްދަމީރް" އިން ބުނިގޮތުގައި ޙަމާސްއިން ހައްޔަރުކުރި އިޒްރޭލުގެ ސިފައިންގެ މީހާގެ ބަދަލުގައި އޮކްޓޯބަރ 18 ވަނަ ދުވަހު، ފަލަސްޠީނުގެ 477 އަސީރުން ދޫކޮށްލުމަށްފަހު، އޭގެފަހުން މިހާތަނަށް އައިއިރު އިޒްރޭލުން ވަނީ ގާތްގަނޑަކަށް 470 ފަލަސްޠީނު މީހުން ހައްޔަރުކޮށްފައެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ބުނިގޮތުގައި "އިޒްރޭލުން ފަލަސްޠީނުގެ ރައްޔަތުން ހައްޔަރުކުރުމުން ގެންދާ ރޭޓުން ދޭހަވަނީ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސަބަބުންވެސް އިޒްރޭލުން ގެންގުޅޭ ހައްޔަރުކުރުމުގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ނާންނަކަމެވެ. އެގޮތުން އިޒްރޭލުން މިހާރު އެވަނީ އޮކްޓޯބަރ މަހު އެމީހުންގެ ޖަލުތަކުން މީހުން ދޫކޮށްލި ޢަދަދާއި އެއްވަރަށް އަނެއްކާވެސް މީހުން ހައްޔަރުކޮށްފައެވެ."
"އައްދަމީރް" އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެ ދިޔަ ދެމަސްދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްޠީނުގެ 70 ކުޑަކުދިން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ ދެ ހަފްތާގައި ޤުދުސްގެ "ޝުފާތް" ރެފިޔުޖީ ކޭމްޕުން ހައްޔަރު ކުރި 11 ކުދިންނާއި ބައިތްލަހަމްގެ "ދުހެއިޝާ" ރެފިޔުޖީ ކޭމްޕުން ހައްޔަރުކުރި 10 ކުއްޖަކު ހިމެނެއެވެ.
މީގެ އިތުރުން 11 އަންހެނުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ މީހުން އަދިވެސް ދޫކޮށްނުލައެވެ. އަދި ތިން މީހުން ތިބީ ގޭ ބަންދުގައެވެ.
އަސީރުން ބަދަލުކުރުމުގެ ދެވަނަ ބުރުގައި 550 އަސީރުން މިއަންނަ އާދިއްތަ ދުވަހު މިިނިވަން ކުރަން ހަމަޖެހިފައިވާކަމަށް ޣައްޒާގެ އަސީރުންނާބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ. އެވުޒާރާގެ އިސް އޮފިޝަލެއްކަމުގައިވާ ރިޔާޟް އަލް އަޝްޤަރް ވިދާޅުވިގޮތުގައި މިނިވަންކުރަން ހަމަޖެހިފައިވާ މީހުން ގެ ތެރޭގައި 6 އަންހެނުންނާއި 55 ކުޑަކުދިން ހިމެނެއެވެ.
އިޒްރޭލުގެ ޖަލުތަކުގައި މީހާރުވެސް ފަލަސްޠީނުގެ 4973 މީހުން ހައްޔަރުކޮށްފައި އެބަ ތިބިކަމަށް "އައްދަމީރް" އިން ބުނެއެވެ.
_______________________
މަޞްދަރު: މަޢަން ނިއުސް އެޖެންސީ

ކޮމެންޓް (0)
ލޯޑް ކުރަމުން...