ދީން އަދިވެސް އަޅުގަނޑުމެން ހޭއަރަން ނުވަނީ ހެއްޔެވެ.؟

އަދިވެސް އަޅުގަނޑުމެން ހޭއަރަން ނުވަނީ ހެއްޔެވެ.؟

އަދިވެސް އަޅުގަނޑުމެން ހޭއަރަން ނުވަނީ ހެއްޔެވެ.؟

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ބޮޑު މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެވެ. އިސްލާމް ދީނުގެ ޢަދުއްވުން ދެކެންބޭނުންވާ މަންޒަރެވެ. އެތައް ޒަމާނަކުންސުރެ އެމީހުން ދެކެމުން އައި ހުވަފެން ތައް ޙަޤީޤަތަކަށް ވަމުން އަންނަ މަންޒަރެވެ. ކޮން މަންޒަރެއްތޯއެވެ؟ މުސްލިމުން ޙަޤީޤީ ބައްޔަކުން ބަލިވަމުން އަންނަ މަންޒަރެވެ. ޢަޤީދާބަލިކަށިވަމުން އައިސް އަމިއްލަ ދީނުގެ އަހުލުވެރިންނާއި ދެކޮޅަށް ތެދުވެ އަމިއްލަ ދީބުގެ ހަމަ ޖެހުން ނަގާލަން އަތުކުރި އޮޅާލާ މަންޒަރެވެ. އަމިއްލަ ދީނުގެ ލޮބުވެތި މުސްލިމް އަޚުން ދެކެ އަންނަރުޅިން އެ އަޚުން ތަކާއި ދެކޮޅަށް ވެވެން އޮތް ކޮންމެ ފަދައަކުން ދެކޮޅުވެރިވުމަށް ތެދުވަނީ އެވެ.  އަޚުން ތައް ނައްތާލަން ވެވެން އޮތ ހުރިހާ ގޮތަކުން މައްސައްކަތް ކުރަނީ އެވެ. ދީނާއި ދެކޮޅުވެރިވެ ދީން ނައްތާލާނެ ބަޔަކު މުސްލިމުންގެ ތެރެއިން އުފައްދަން ޢަދުއްވުން ކުރިމަސައްކަތުގެ ނަތީޖާ މިއޮއްފެންނަމުން ދަނީއެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ، لا إله إلا الله محمد الرسول الله   މި ދެ ކަލިމައިގެ ނިވަލުގައި ތިބެގެން،  އެ ދެ ކަލިމަ މަތިވެރި ކުރާ ފަރާތް ތަކާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރަނީ އެވެ. އަޅުގަނޑު މިދައްކަނީ މުސްލިމުންގެ ނަމުގައި ތިބެ ދީނާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔެއް ، ދުނިޔޭގެ އެހެން މުސްލިމް ޤައުމު ތަކުގައި އުޅޭ ފަދައިން މި ރާއްޖޭގެ ފަސްގަނޑުގައި ގިނަވަމުން  ފާޅުވަމުން ޢާއްމުވަމުން އަންނަ ވާހަކަ އެވެ.

       ޤާނޫން ތަން ނުދޭތީ އަދި ތިބީ ލިބިދާނެ އަދަބަކަށް ބިރުން ޝަހާދަތުގެ ދެކަލިމައިގެ ނިވަލުގައި ،ތިމަން މެން މީ "ދިވެހި މުސްލިމުން" ކަމުގައި ނަން ވެގެންނެވެ. ހިތުގައި ނިފާޤް ކަން ބާއްވައިގެން ކާފަރުކަން މާ ބޮޑަށް ފާޅުނުކޮށް ތިބި "ދިވެހި" ބަޔަކާއި ބޭރުގެ ޣައިރު މުސްލިމް ޢަދުއްވުން ރުއްސުމަށް  އެ މީހުންގެ މަޅީގައި ޖެހި ހަލާކުވަމުން މިދަނީ މިދެންނެވި ދިވެހި މުސްލިމުންނެވެ. ދީނުގެ އަޤީދާ އަޅުގަނޑުމެން  ޢާންމު ދިވެހިންގެ ހިތްތަކުން ފޮހެލުމަށް ކެނޑިނޭޅިމަސައްކަތް ކުރަމުން ދަނީ މި މީހުންނެވެ. ލާދީނީ ކަންތައްތައް ގިނަ ކޮށް އެކަން ދިފާއު ކޮށް، އަދި ދީނަށްޓަކައި ބަޔަކު މަސައްކަތެއް ކުރަންޏާ އެކަމެއް ހުއްޓުމަށް ނިކުމެ ފުރަތަމަ ސަފުގައި ތިބީ މުސްލިމުންގެ ޢަދުއްވުންގެ "ޕްރޮޑަކްޓެއް"(އުފެއްދުމެއް) ކަމަށްވާ "މެދުމިނުގެ މުސްލިމުން"ނެވެ.

       އިސްލާމްދީނުގައި މެދުމިނުގެ އުސޫލު އޮވެއެވެ. ދީނުގެ ކަންކަމުގައި ތިމާއަށް ނުވާވަރަށް އަޅުކަމަށް  ގޮސް ހުސްވެ ދީނުގެ އިންފަހަނަ އަޅާ ނުދިއުމުގެ މެދުމިނެވެ.  އުނދަގޫ ކަމުން ގޮސް ތިމާއަށް ނުހިފޭހާ އުންދަގޫ ގޮތް ދީނުގެ ކަންކަމުގައި އިޚްތިޔާރު ނުކުރުމެވެ.

މިދަންނަވާ މެދުމިނުގައި ދީނުގެ އުސޫލުތަކާއި ޙުކުމްތަކަށް ފުރިހަމަ އަށް ތަބާވެ ކިޔަމަން ވުން އޮންނާނެއެވެ. މިތާނގައި އަޅުގަނޑު ކޮމާކޯޅީގެ ތެރޭގައި މި ލިޔެލީ ދީނުގެ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވާ ބަޔެއްގެ ވާހަކަ އެއްނޫނެވެ. އިސްލާމް ދީނުގެ އިލްމްވެރިން ދައްކާ މެދުމިނުގެ ވާހަކަ އެއް ވެސް ނޫނެވެ. އެކަމަކު  ދީނުގެ އުސޫލުތަކާއި ޙުކުމްތަކަށް ތަބާނުވާ،އަދި ތިމާ ބޭނުން ވާކަމެއް ދީނުން ހިފާ ބޭނުން ނުވާބައި ދޫކޮށްލާ ބަޔެއްގެ ވާހަކަ އެވެ. ބޭނުން ނުވާ ޙުކުމް ތަކަށް އިންކާރު ކޮށް މިޒަމާނަށް ދީން މޮޑިފައި ކުރަން ބޭނުންވާ "މެދުމިނުގެ މުސްލިމުން" ގެ ވާހަކަ އެވެ.

މި މީހުންގެ މަސައްކަތަކީ އިސްވެދެންނެވިފަދައިން ދީނުގެ އުސޫލުތަކާއި އެންގެވުންތަކުގައި ފުރިހަމަ އަށް ހިފާ އަދި ދީނަށް އުޅުމަށް މަސައްކަތް ކުރާ މީސްތަކުން އެކަމުން ދުރުކޮށް ދުނިޔަވީ މަޖާ ތަކުގައި މަޝްޣޫލު ކޮށްފައި ބޭތިއްބުމެވެ.  ދީނުގެ އެންގެވުންތަކާއި މެދު މާބޮޑު ސަމާލުކަމެއް ނުދޭ ޣާފިލުވެފައިތިބި ބަޔެއް އަޚުން ގެ އަޤީދާގައި ބާކީ ހުރި ދީނީ ލޯބި ވަޅުލާ ހިރަފުސް އަޅާ ފޮރުވާލުމެވެ. އިތުރަށް ނިރުފެޅިޔަ ނުދިނުމެވެ.އަދި ދީނުގައި ފުރިހަމަ އަށް ހިފުމަށާއި ލާދީނީ ކަންކަމުން ދުރުހެލި ވުމަށް ގޮވާލެވޭ ގޮވާލުންތައް ހުއްޓުވާ އެފަދަ މީހުނާއި ދެކޮޅަށް މަސައްކަތް ކުރުމެވެ. މިހާރު ފެންނަމުން ދަނީ މިބުނެވި ތިޔަ މަސައްކަތް ކުރެވެމުން އަންނަ ތަނެވެ. ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ދީނަށް ލޯތްބަކާއި ޣީރަތް ތެރިކަމެއް ހުރިބަޔަކު މަސައްކަތް ތަކެއް ކުރަމުން  ޤުރުބާން ތަކެއް ވަމުން އަންނާތީ އެކަން އެކި ސިފަ ސިފައިގައި ހުއްޓުވުމަށް މަސައްކަތް ކުރަނީއެވެ.

އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔެއްގެ ހިތްތަކުގައި ދީނީ ލޯބި ކޮންމެސް ވަރަކަށް ނަމަވެސް އޮވެއެވެ. އަދި ދީނަށް ފުރިހަމަ އަށް ނޫޅެވުނަސް އެ އެއްޗަކާއި ކުޅުމުން ލޭކައްކާލާ އެއްޗަކަށް އިސްލާމީ ޢަޤީދާ ވެއެވެ. ވީމާ މިލޯބި ހޭލައްވާލާ ދީނާއިމެދު އިތުރަށް ހޭލުންތެރި ކުރުވާ އަދި މީހުންގެ އަޤީދާ އަށާއި މިރާއްޖެ އަށް ވަމުން މިދާގޮތާއި މެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދީންދެކެ ލޯބިވާފަރުދުން ތަކެއް އިސްނަގައިގެން މަސައްކަތް ތަކެއް ކުރަމުން ދާތަން އެބަފެނެއެވެ. ޝިރުކާއި މުންކަރާތް ތައް ކެނޑިނޭޅި އިތުރުވަމުން ދާކަމާއި މިދާ ބާރުމިނުގައި ދާނަމަ އިސްލާމް ދީން މި ގައުމު ގެ ރައްޔިތުންގެ ހިތްތަކުން ފޮހެވި ﷲ އަށް އަޅުކަންވެވޭ ބިމެއް ކަމުގައި މިދިވެހި ބިން ނުވެދާނޭ ކަމާއި، އެހައިރުން ﷲ ގެ ކޯފާ އާއި ޢަޒާބު އެކި ސިފަސިފައިގައި އަންނަން ފަށާނޭކަން މީހުންނަށް އަންގާ، ނިދިން ހޭލައްވަން ކުރަމުންދާ މަސައްކަތް އިތުރު ކުރަންފެށިއެވެ. މިކަމުގެ ސީރިއަސް ކަން މީހުންނަށް އަންގާދިނުމަށް އެވާހަކަ ތައް އިއްވަމުން އަދި އިތުރަށް ބައެއްކަންކަން ރާވަމުން އެ މީހުންނަށް ލިބި ހުރި މަދު ވަސީލަތް ތަކެއްގެ ބޭނުން ހިފަމުން އެބަދެއެވެ.

       މި ކަންކަން ވީ ދީނުގެ ޢަދުއްވުނާއި ، ކުފުރު ސިއްރުކޮށްގެން ތިބި މުނާފިޤުންގެ ހިތްތަކަށް ނުކުޅަދާނަވާހާ އަސަރު ކުރުވަމުންދާ ކަމަކަށެވެ. ވީމާ މިކަންކަމާއި ދެކޮޅަށް  މަސައްކަތް ކުރުމުގެ ގޮތުން އެއްކަލަ މެދުމިނުގެ މުސްލިމުން ގެ ބޭނުން ރަނގަޅަށް ހިފާލައިފިއެވެ. ބާރުހިންގޭ މަތީ ފަންތީގައި ތިބިމީހުން ފެށިގެން  ކިރިޔާ ވެސް އަސަރެއް ކުރުވެވޭވަރުގެބަޔަކު ތިބިއްޔާ އެބަޔަކު ހިމަނައިގެންނެވެ. މީޑިޔާ އާއި އާންމުންގެ ތެރޭގައި "އަޑުގަދަ /ރުއްގިނަ" މީހުން ލައްވާ އެއްޗެތި ކިޔުއްވަމުން ދޮގުވާހަކަ ފަތުރަމުންނެވެ. ބާރުވެރި ފަރާތްތައްލައްވާ ބާރުގެ ބޭނުން ހިފައިގެން، ދީނަށްލޯބި ކުރާމީހުންގެ މަސައްކަތް ތައް ފެނަށް ދުއްވާލެވޭތޯ ޢަމަލީ ގޮތުން ފިޔަވަޅު އަޅަމުން ދާކަން ތިޔައެންމެ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެމަންޒަރުތައް ދަނީ އެންމެންގެ ލޯ ތަކަށް ފެންނަމުންނެވެ. ޓެކްނޮލޮޖީ ބޭނުން ކޮއްގެން "އަތުލައިގަނެ" ޙަޤީޤަތް އޮޅުވާލުމަށް އެތަކެއް ދޮގުތަކެއް ހަދަމުން މަންޒަރު ބަދަލުކުރަމުން ދީނީ ޢިލްމްވެރިން ކުރާ އިޚްލާޞްތެރި މަސައްކަތުގެ ސޫރަ ހަޑިކުރަން ވެވެން އޮތް ހުރިހާގޮތަކުން މަސައްކަތް ކުރަނީއެވެ. މީޑިޔާގެ ބަޔެއް މީހުންނަށް މިމަންޒަރު ނުފެންނަ ކަމަށް ހަދައި ނޭނގޭކަމަށް ހަދަމުން ދަނީއެވެ. މީ ހައްތާވެސް ދީނާއި ގުޅުން ހުރިކަންތައްތަކެއްވީމައި ބަޔަކު އިސްނަގައިގެން އެކަން ސަމާލުކަމަށް ގެންނަން އުޅޭތީ ގަސްތުގައި ކުރަމުން ދާހާ ކަންތައްތަކެވެ. ކާފަރުންނާއި މުނާފިޤުން ގެ،  ދީނާއި ދެކޮޅު އެޖެންޑާ އަށް ފުރިހަމަ އަށް ވާގިވެރިވުމުގޮތުން ލަމުންދާ އެއްބާރުލުން ތަކެވެ.

       މިކަންކަން މިހެން ހިނގަމުން ދާއިރު ބައެއް  މުސްލިމު ދިވެހިންނަށް ކަހާތަން ހިރުވާވެސް ނުލިއެވެ.މި ވެސް މި އެޖެންޑާގެ ބަޔެކެވެ. ކުރެވުނު މަސައްކަތް ތަކެއްގެ ނަތީޖާ އެވެ. ދީނޭ ބުނެވިއްޖެއްޔާ އަޅާނުލާތިބޭ ބަޔަކާއި ސިޔާސީ ކަނު ލޯބި އެބަޔެއްގެ ހިތްތަކުގައި ކަނޑާނެގިފައިވާ ގިނަބަޔެއް މީގެތެރޭގައި ހިމެނުނެވެ. ސިޔާސީކަންތަކަށް ހޭލުއްވުމުގެ ނަމުގައި ދީނީ ކަންކަމުން މީހުންގެ ހިތްތައް ދުރުކޮށް ސިޔާސީ ވިސްނުން ތަކުގައި މަޝްޣޫލުކޮށްފައި ބޭތިއްބުމަށްޓަކައި ސިޔާސަތް ތަކުގެ ވާހަކަ އާއި ޕާޓީ ލޯތްބާއި ތަޢައްސުބު ހިތްތަކުގައި އަށަގެންނެވިއެވެ. ބޭނުމަކީތޯއެވެ. ލާދީނީ ކަންތައްތައް ކުރަމުން ދީނީ ޢަޤީދާ ފުނޑު ފުނޑު ކުރަމުން މަޑުމަޑުން ދީނާއި މީހުން ދުރުކުރުވަމުން ދާއިރު އެކަމާއި އަޅާ ނުލުވުމެވެ. އެމީހުންގެ އެޖެންޑާ ފުރިހަމަ ކުރަމުންދާއިރު ހަނުބޭތިއްބުމެވެ. އެޔައްވުރެ ފޯރި އަރާ އެހެން ކަމެއް ދެއްކީމައި މިމީހުން ކުރާކަންތަކާއި ނުބެހޭނެ ނޫންތޯއެވެ.

މިއީ ބޮޑުމަންޒަރެވެ. ވަރަށް ބޮޑަށް ރޭވިގެން އިސްލާމީ ޤައުމުތަކުގައި ތަންފީޒު ކުރަމުން ގެންދާ ޕްލޭން ތަކެކެވެ. ނަތީޖާވެސް އެދަނީ ފެންނަމުންނެވެ. ދީނީ ލޯބި ހިނގާހިތްތަކުގައި ވޭން އަޅާ އެތައް އަސަރެއް ކުރުވާ ނަތީޖާތަކެކެވެ. އަޑީގައި ތިބިކޮންބަޔެއް ތޯއެވެ. އެއްކަލަ ކާފަރުންނެވެ. އަދި އިންސާނުން ޤިޔާމަތާއި ޖެހެންދެން މަގުފުރައްދާނޭ ކަމުގައި ﷲ ގެ ޙަޟްރަތުގައި ތަޙައްދީ ކުރި ޝައިތާނާ އާއި އޭނާގެ ޢައުވާނުންތަކެވެ. މިޕްލޭން ގެ ދަށުން އެތައްގިނަ މުސްލިމް ޤައުމުތަކެއް ހަލާކު ކޮށްފިއެވެ. ޞަލީބީ ހަނގުރާމަ އަށްފަހު ނިންމި ނިންމުމަކީ ﷲ އަށް ފުރިހަމަ އަށް ތަބާވެގެން ތިބޭހާ ދުވަހަކު މުސްލިމުން ބަލި ނުކުރެވޭނެ ކަމާއި އިސްލާމްދީން ފޮހެ ނުލެވޭނެ ކަމާއި ކުރަންވީ ކަމަކީ މުސްލިމުންގެ ޢަޤީދާ ނެތިކޮށްލުމެވެ. އޭރުން ﷲ ގެ ނަސްރު މުސްލިމުންގެ ކިބައިން ވަކިވެގެންދާނެތީއެވެ. މިގޮތުން ދުނިޔޭގެ ބާރު ހޯދާ ފިކުރީ ހަނގުރާމަ އެއްކޮށް، ނޭނގިތިއްބާ މުސްލިމުން އިސްލާމް ކަމާއި ދުރުކޮށް، ދީނީ އަޤީދާ ބަލިކަށިބަޔެއް ލައްވާ މުސްލިމުންނާދެކޮޅަށް މަސައްކަތް ކޮށް ބައިބައިވުން އުފައްދާ ހަމަ ނުޖެހުން އުފައްދާ ގައުމުތައް އަނދަވަޅަކަށް ވައްޓާލަނީއެވެ. އެއަށްފަހު އެބައިމީހުންގެ ވަކިތައް މިގައުމުތަކުގައި ގަދައަށް ހިއްޕާލަނީއެވެ.

       މިރާއްޖެއިން މިމަންޒަރުތައް އަޅުގަނޑުމެންނަށް ނުފެނޭތޯއެވެ. ޒަމާންގަނޑެއްވަންދެން މަސައްކަތް ތަކެއް ކުރުމަށްފަހު އިސްލާމީ ހިދާޔަތުން ބޭރުވެތިބި "މުރުތައްދުވެތިބި" ބަޔަކު މި ދީބުގެ ފަސްގަނޑުންނެރެފިއެވެ. އަޤީދާ ބަލިކަށި "މެދުމިނުގެ މުސްލިމުން" ތަކެއްފާޅުގައި ދީނާއި ދެކޮޅަށް މަސައްކަތް ފަށައިފިއެވެ. އަޅުގަނޑުމެން ގެ ތެރެއިން އަޅުގަނޑުމެން ހަލާކު ކުރާނެ ބަޔަކު ފާކޮށްފިއެވެ. ރޯމާދުވާލު އެންމެހާ ނުބައި ކަންތައްތައް ކޮށް އެކަން ކުރާ މީހުން ފާޅުގައިދިފާޢު ކޮށް ދީނަށް ފުރައްސާރަކޮށް ޝިރުކުގެ ބިނާތައް ލޯތައް ކުރިމަތީ ބިނާކޮށް ހަދަމުން ގެންދާތަން ނުފެންނަނީތޯއެވެ.  މީގެ ސަބަބުން ﷲ ގެ ކޯފާ ގާތްވެއްޖެކަން އިހްސާސް ނުވޭތޯއެވެ. އަދިވެސް ހޭ އަރާކަށް ނުވޭތޯއެވެ.

ޓެގް

ދީން ބަނގުރާ ލާދީނީ ސަރުކާރު ކްރިސްޓިއަން އެހީ ދިވެހިން ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.