
އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ޑިސެމްބަރ 23 ގައި ބާއްވާ ބޮޑު މުޒާހަރާގެ ޕޯސްޓަރެއް - ޕޯސްޓަރ : ޢަބްދުﷲ ޝަފީޢު
"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މިޝިޢާރުގެ ދަށުން ޑިސެމްބަރ 23 ގައި ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވާ ބޮޑު މުޒާހަރާގައި ޢަދާލަތު ޕާޓީގެ އެންމެހައި މެންބަރުން ބައިވެރިވުމަށް އެޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން އަދި ރަށު މަންދޫބުންނަށް އިއްޔެއިން ފެށިގެން ސިޓީ ފޮނުވަން ފަށައިފިއެވެ.
މި ސިޓީގައި ޢަދާލަތުން ވަނީ އެ ޕާޓީގެ މެންބަރުން ތިބި ހުރިހާ ރަށެއްގައި މުޒާހަރާ އިންތިޒާމުކުރުމާއި، މުޒާހަރާގައި އިސްވެ ޙަރަކާތްތެރިވުމަށްވެސް ގޮފިތަކުގެ އިސްފަރާތްތަކަށް ދަންނަވާފައެވެ.
"23 ޑިސެމްބަރ 2011 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަކީ ދިވެހި ސަރުކާރުން ދިވެހި ރާއްޖޭގައި، މުޝްރިކުން ޝިރުކު ކުރުމަށްގެންގުޅޭ ބުދުތައް ގެނެސް އައްޑު އަތޮޅުގެ އެކިއެކި ރައްރަށުގެ ޢާއްމު މައިދާންތަކުގައި ބަހައްޓާފައިވާތީ އެބުދުތަކުން، ދިވެހި ބިން ސާފު ކުރުމާއި، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުގެ ރައީސަށް ދިވެހި ސަރުކާރުން ދަޢުވަތުދީގެން ގެނެސް ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނުގެ ޙައްދުތަކަކީ އަނިޔާވެރި ލާއިންސާނީ ޙައްދުތަކެއްކަމާއި، މިކަންކަމާއިމެދު ބަޙުސްކުރުމަށް ގޮވާލާފައިވާތީ އެކަމާއިދެކޮޅުހަދައި އިސްލާމްދީން ޙިމާޔަތްކުރުމަށް އެންމެހައި ދިވެހިން ގުޅިގެން މަސައްކަތްކޮށް، މުސްލިމުންގެ އަޑު އުފުލުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ." އެ ސިޓީގައި ބުނެފައި ވެއެވެ.
ޢަދާލަތުން ވަނީ، މި ހަރަކާތަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ބައްލަވައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...