އޭޝިއާ އަފްގާން ހަނގުރާމައިގާ އަނެއްކައިވެސް 3 މީހުން މަރާލައިފި

އަފްގާން ހަނގުރާމައިގާ އަނެއްކައިވެސް 3 މީހުން މަރާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ބޭރުގެ ފައުޖުތަކާއެކު މަސައްކަތް ކުރަމުންދާ އަފްގާނިސްތާނުގެ ސިފައިންގެ މީހަކު ކުއްލިއަކާ ދިން ބަޑީގެ ހަމަލާއެއްގައި 3 މީޙުން މަރުވެ 2 މީހަކު ޒަހަމްވެއްޖެއެވެ. އިއްޔެގެ ވަގުތެއްގައި ދިން މި ހަމަލާއަކީ މި ހަފްތާގައި ހިނގި މިފަދަ ދެވަނަ ހަމަލާއެވެ.

އިއްޔެގެ ހަމަލާގައި ކުއްލިއަކާ ހަމަލާ ދިން އަފްގާން ގެ ސިފައިންގެ މީހަކީ  މަޒަރް އޭ ޝަރީފް ނަމަކަށް ކިޔާ ސިފައިންގެ ބޭސެއްގައި އެހެން މީހުން ޓްރެއިންކުރަމުން ދިޔަ މީހެކެވެ. އޭރު އެމީހުން ކުރިޔަށް ގެންދިޔައީ ހަތިޔާރުތަކަށް ފަރިތަވުމުގެ ހަރަކާތެއްކަމަށް ޚަބަރުލިބެއެވެ. މިހަމަލާގައި ހަމަލާ ދިން މީހާވެސް ވަނީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެން މަރުވެފައެވެ.

އިއްޔެ ދިން މިހަމަލާގައި މަރުވި 3 މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާ ފައުޖުގެ  2 މީހަކާއި، އަފްގާނިސްތާނުގެ ސިފައިންގެ މީހެކެވެ. އަދި މިހަމަލާގައި ޒަހަމްވެފައިވާ ދެމީހުންކުރެ އެކަކީ ނޭޓޯގެ ހަނގުރާމަވެރިއެކެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން، ޖެނެރަލް މުހައްމަދު ޒާހިރު އާޒިމީ ވިދާޅުވެފައިވަނީ، ނޭޓޯގެ ފައުޖުތަކާއި، އަފްގާނިސްތާނުގެ ސިފައިންނާ ގުޅިގެން މިހާރު އެ ހާދިސާ ތަހުގީގުކުރެވެމުން ދާ ކަމަށެވެ.

މިދިޔަ ހަފްތާތެރޭ ހިނގި މިފަދަ އެހެން ހާދިސާއެއްގައި ވަނީ އިނގިރޭސި ސިފައިންގެ 3 މީހަކު މަރާލާފައެވެ. ރޭގަނޑުގެ ވަގުތެއްގއި ދިން އެ ހަމަލާ ދިނުމަށްފަހު ސިފައިންގެ މީހާވަނީ ފިލާފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ވަނީ ހަމަ މިފަދަ ހަމަލާއެއް، ހެލްމަންޑު ޕްރޮވިންސްގެ ޗެކްޕޮއިންޓެއްކައިރީގައި ދީފައެވެ. އެ ހަމަލާގައިވެސް ވަނީ އިނގިރޭސީންގެ 5 މީހުން މަރާލާފައެވެ.

މިފަދަ ހަމަލާތައް އިތުރުވެފައި މިވަނީ ބޭރުގެ ފައުޖުތަކުން އަފްގާންގެ ސިފައިންނާއި ފުލުހުން ތަމްރީނުކުރަމުން ދާ ދަނޑިވަޅެއްގައެވެ. ބޭރުގެ ފައުޖުތަކުން ގެންދާ ތަމްރީނުތަކުގެ ސަބަބުން އަފްގާނިސްތާނުގެ ސިފައިންގެ އަދަދު 134000 އަށް އަންނަ އަހަރުގެ އޮކްޓޫބަރު މަހު އަރާނެކަމަށް ވަނީ ލަފާކުރެވިފައެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.