
ލާދީނީ މިނިވަންކަމަށް ގޮވާލައި މިދިޔަ ހޮނިހިރު ދުވަހު މާލޭ އާޓިފިޝަލް ބީޗަށް އެއްވި މީހުންނާމެދު ފިޔަވަޅު ނާޅުއްވައި، އެނާޒުކު މައްސަލައިގައި އިހުމާލުވާ ރާއްޖޭގެ ވެރިންގެ ތެރެއިން މަޤާމުން ދުރުކުރަންޖެހިއްޖެ ކަމަށް ޝަރީޢަތަށް ޘާބިތުވާ އެންމެހާ ވެރިން މަޤާމުން ދުރުކުރަން ފަސްޖެހި ވަޑައިނުގަތުމަށް ރާއްޖޭގެ ސްޕްރީމް ކޯޓުތަކާއި އެންމެހާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފި އެވެ.
އެ ޖަމްޢިއްޔާ އިން މިރޭ ނެރުނު ނޫސްބަޔާނުގައި ވަނީ އިސްލާމްދީނުގެ ޙައްޤުތަކަށް އަރައިގަނެއް، ޤާނޫނުތައް މުގުރައި، އެހެން ދީންތަކުގެ މިނިވަންކަމަށް ގޮވާ މީހުންނާ މެދު ވަޤުތުން ވަޤުތަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން އެދިފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އަށާއި، ހޯމް މިނިސްޓްރީ އަށާއި، ފުލުހުންގެ މުއައްސަސާ އަށާއި، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ މުއައްސަސާ އަށް ވެސް އެމީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ސަލަފުން އިލްތިމާސްކޮށް ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން، ސަލަފުން ވަނީ އިސްލާމްދީނަށް ހަޖޫޖަހައި، ޤުރުއާނާ ޚިލާފަށް ގޮވާލައި، ރާއްޖޭގެ ޤާނޫނުތައް މުގުރައި، ރާއްޖޭގައި އޮތް ދާޚިލީ އަމާންކަމާ މުޖުތަމަޢުގެ މަސަލަސްކަން ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ޤައުމު ހައިޖާނުކުރާން މަސައްކަތްކުރި ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ނާޅުއްވަވާ އަމުރުވެރި ފަރާތްތަކާމެދު ގޮތެއް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ގޮވާލާފައި ވެއެވެ. އަދި ސަލަފުން ބުނެފައިވާ ގޮތުގައި، އިސްލާމްދީނުގެ ހައިބަތަށްވުރެ، އެހެން އެއްވެސް ފަރާތެއްގެ ހައިބަތެއް މި ޤައުމުގައި ބޮޑެއް ނުކުރެވޭނެއެވެ.
"އިސްލާމްދީނުގެ އަބުރު މިއަދު ރާއްޖެއިން ގެއްލުވާލައިފި ނަމަ، އެމަސައްކަތުގައި ޙިއްޞާވި މުޖުރިމުންނާ އެކު ހަނުހިމޭނުން ތިބި އެންމެހާ މީހުންވެސް ނިކަމެތިވެގެންވާ ޙާލު ގަދަކީރިތިވަންތަ މާތް ﷲ ގެ ދަރުބާރަށް މަޙުޝަރު ކުރެވޭނެކަމީ ކަށަވަރު ކަމެކެވެ. ރާއްޖޭގެ ވެރިކަމަކީ އިސްލާމްދީނާއި، ރައްޔިތުންގެ ހަމަޖެހުމާއި، ޤައުމުގެ އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި އިޢުތިރާފުވެވެފައި އޮންނަ އެއްޗެކެވެ. މިކަންކަން ރައްޔިތުންގެ އަތުން ގެއްލޭން ވެއްޖެ ނަމަ ދެން ޤާނޫނެއް، އަދި ވެރިކަމެއް ވެސް އެއީ އޮންނާނޭ އެއްޗެއް ނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުމެ ޤަބޫލު ކުރާނެއެވެ." - ސަލަފް
ސަލަފުން ބުނީ ބަޔަކު މީހުން ރާއްޖޭގެ މުސްލިމު ރައްޔިތުންގެ އަތުން އިސްލާމްދީނުގެ މިނިވަންކަން ނުޙައްޤުން ނިގުޅައިގަންނަން ނިކުތްނިކުތުމާމެދު، އިސްލާމްދީނާއި އަދި ރާއްޖޭގެ ޤާނޫނުތައް ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ އެއްވެސް މުއައްސަސާއަކުން އެކަންކަން އެނގިތިބިޙާލު ކުރިން ފިޔަވަޅު އަޅާފައި ނުވާތީ، އެކަމާމެދު އިންތިހާ އަށް ކަންބޮޑުވެ، ދިވެހި އެންމެހާ ރައްޔިތުންގެ ޙައްޤުގައި އެފަރާތްތައް ކުށްވެރިކުރާ ކަމަށެވެ.
ސަލަފުން ވަނީ، ރާއްޖޭގައި އިސްލާމީ ޝަރީޢަތް ފުރިހަމަ އަށް ތަންފީޛުކުރުމަށް ހުރަސްތައް ކުރިމަތިކުރުމުގެ ބަދަލުގައި، ރާއްޖޭގެ ރައްޔިތުން އިޚްތިޔާރުކުރި ޙައްޤު ދީނުގައިވާ، މާތް ﷲ ބާވައިލެއްވި ޙައްދުތަކާ ޙުކުމްތައް ތަންފީޛުކުރުމަށް ތަންދެއްވުމަށް އެދި އެންމެހާ މަސްއޫލުވެރި ފަރާތްތަކަށް ގޮވާލާފައެވެ.
"އިސްލާމްދީން ޙިމާޔަތްކުރުމުގައި ދިވެހި ރައްޔިތުން އެއް ވިންދެއްގައި މަސައްކަތްކުރުމީ ކެއުންބުއިމާއި ފަރުދީ ހިތްހަމަޖެހުންތަކަށް ވުރެ، މުހިއްމު އަދި މަތިވެރި ކަމެއް ކަމުގައި ވެސް ހަނދުމަކޮށްދެމެވެ. އިސްލާމްދީނުގެ އަބުރު މިއަދު ރާއްޖެއިން ގެއްލުވާލައިފި ނަމަ، އެމަސައްކަތުގައި ޙިއްޞާވި މުޖުރިމުންނާ އެކު ހަނުހިމޭނުން ތިބި އެންމެހާ މީހުންވެސް ނިކަމެތިވެގެންވާ ޙާލު ގަދަކީރިތިވަންތަ މާތް ﷲ ގެ ދަރުބާރަށް މަޙުޝަރު ކުރެވޭނެކަމީ ކަށަވަރު ކަމެކެވެ. ރާއްޖޭގެ ވެރިކަމަކީ އިސްލާމްދީނާއި، ރައްޔިތުންގެ ހަމަޖެހުމާއި، ޤައުމުގެ އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި އިޢުތިރާފުވެވެފައި އޮންނަ އެއްޗެކެވެ. މިކަންކަން ރައްޔިތުންގެ އަތުން ގެއްލޭން ވެއްޖެ ނަމަ ދެން ޤާނޫނެއް، އަދި ވެރިކަމެއް ވެސް އެއީ އޮންނާނޭ އެއްޗެއް ނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުމެ ޤަބޫލު ކުރާނެއެވެ." ސަލަފްގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ތާރީޚްގައި ބަޔަކު ހިންގި މި ޖަރީމާގެ ޙަޤީޤަތް ދިވެހި ދަރިފަސްކޮޅަށް މިނިމިންޏަށް ދާންދެން ހަނދާންކުރެވޭނޭ ހެން، ލިޔުންތެރީންނާއި، އަމާނާތްތެރިން ފޮޅުވަތްތަކުގައި ލިޔެ، ހިތްތަކުގައި ރައްކާތެރިކޮށްދިނުމަށް ވެސް ސަލަފުން ވަނީ ގޮވާލާފަވެ.
މި ޖަރީމާ ކުށްވެރިކޮށް ޢަދާލަތު ޕާޓީން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިކަން ހިންގި މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ އެކަމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމާމެދު ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ސަރުކާރުން މިހާތަނަށް މި ލާދީނީ ޖަރީމާ ކުށްވެރިކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...