ރާއްޖޭގައި އިސްލާމްދީން ހަލާކުކޮށް ނައްތާލުމަށް މަކަރުވެރި ރޭވުންތައް ހިންގަމުންދާއިރު، މިދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ހުރިހާ ދިވެހި މުސްލިމުން ތެދުވަން ޖެހޭނެ ކަމުގައި އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވީ “ބުނާށެވެ! އަޑުއަހާ ކިޔަމަން ވެޖައިމެވެ" މި މައުޟޫއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީސް ފައުންޑޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ވިލިމާލޭ ބޯޅަދަނޑުގައި ބޭއްވި ދަރުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް އިލްޔާސް ބަޔާންކުރެއްވި ގޮތުގައި ރާއްޖޭގެ ޤައުމިއްޔަތާއި، މިނިވަންކަމުގެ ބިންގަލަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ލާދީނީ މީހުން ކަންތައްތައް ކުރަމުންދާއިރު، އެތަން ބަލަން މަޑުން ނުތިބެ، ދީން ސަލާމަތްކޮށް ދިފާއުކުރުމަށް މަސައްކަތް ކުރުމަކީ މާތް ﷲ އަށް އީމާންވާ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ބައެއް މީހުންގެ ބަސްމަގާއި ޢަމަލުތައް ހުންނަނީ މުނާފިޤުންގެ ކަންތައްތަކާ އެއްގޮތަށް ކަމަށެވެ. ސާކް ސަމިޓާ ދިމާކޮށް ކާފަރުން އަޅުކަން ކުރަން ގެންގުޅޭ ބުދު ބަހައްޓާފައި ވެސް އެއީ ފޮޓޯ ނުވަތަ ކުޑަކުދިން ކުޅެން ގެންގުޅޭ "ޓޯއި" ފަދަ އެއްޗެއް ކަމަށް ބުނާނެ ކަމަށާއި، ނަމަވެސް އެމީހުންގެ މަޤްސަދަކީ އިސްލާމް ދީން ނިކަމެތިކޮށް ޝިރުކުގެ ނުބައި ވަބާ ރާއްޖޭގައި އަށަގެންނެވުން ކަމުގައި ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ މީ މަކަރުވެރި ރޭވުމެއް ކަމަށާއި، ޝިރުކުގެ ވަބާ ނައްތާލުމަށް އެންމެން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ، ރާއްޖޭގެ ޚިދުމަތްތެރި ސިފައިންނާއި ފުލުހުންވެސް ޝިރުކާއި ބުދު ހިމާޔާތް ނުކޮށް، އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައްވާފައެވެ. ޝައިޚް ވިދާޅުވީ، އެހެން ޤައުމުތަކުގެއި ތަފާތު ދީންތަކަށް އަޅުކަންކުރާ ފައްޅިތައް ހުރުމަކީ ރާއްޖޭގައި އެހެން ދީންތަކުގެ ފައްޅި އަޅައި އެހެން ދީންތައް ރަމްޒުކޮށްދޭ ބިނާތައް ބަހައްޓައި އެފަދަ ކަންކަމަށް ފުރުޞަތު ދޭންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ބައެއް މީހުން “އަހަރެމެން އިންޑިއާ އާއި އެހެން ޤައުމުތަކަށް ވެސް މިދަނީ ނޫންހޭ، އެޤައުމުތަކުގައި ދިރިއުޅެނީ ނޫންހޭ، އެހެން ދީންތަކުގެ ފައްޅިތަކަކަށް ނުވަންނަމެއް ނޫންހޭ” ކިޔައިގެން ދައްކާ ވާހަކަތަކަކީ ވަރަށް ނުބައި މަކަރުވެރި ރޭވުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިކަންކަމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެންޖެހޭނެ ކަމަށެވެ.
އެމްޑީޕީއަށް މެންބަރުން އިތުރުކުރުމަށް ދަރުބާރުގޭގައި ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ދެއްކެވި ވާހަކަތަކަށް ޝައިޚް އިލްޔާސް ވަނީ ރައްދު ދެއްވާފައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ލާދީނީ ކަންކަން ކުރާނަމޭ، ބުދުބަހައްޓާނަމޭ ކުރެވޭނީ ކޮންކަމެއްހޭ ބުނާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށާއި، އެފަދަ މީހުން އެގެންދަނީ އިސްލާމް ދީނަށް ގޮންޖަހައި މުސްލިމުންގެ މޫނުމަތީގައި އެތިފަހަރެއް ޖަހަމުން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އާރާ ބާރަކީ މާތްﷲ ދެއްވަވާ އެއްޗެއް ކަމަށާއި އެއްވެސް ބައަކަށް އަބަދު ވެރިކަމުގައި ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން އެބާވަތުގެ ވާހަކަތައް ނުދައްކަވައި ތައުބާވުމަށް ވެސް ޝައިޚް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑު ތައުބާވުމަށް ގޮވާލުމަކީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ގިނަގިނައިން ތައުބާވާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާ. އެކަމަށް އުފާކުރާ ހާލު އަޅުގަނޑު، އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް މިގޮވައިލަނީ އެފަދަ ވާހަކަތައް ނުދައްކަވައި ތައުބާވެވަޑައިގަތުމަށް" ޝައިޚް އިލްޔާސް ވިދާޅުވި އެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ، އިސްލާމްދީން ހަލާކު ކުރުމަށް މިފަދަ މަކަރުވެރި ވާހަކަދައްކާ ފަރާތްތަކުން، އެ ވާހަކަތަކާ ދެކޮޅު ހަދައި އިސްލާމްދީން ހިމާޔަތްކުރުމަށް ނުކުންނަން އަޑު އުފުލާ މީހުންނަށް މަރުގެ އިންޒާރުތައް ދެމުންދާ ކަމަށާއި، ނަމަވެސް އެއީ ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ދުވަހުން ފެށިގެން ކާބަފައިން ވަނީ ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށް، އަޅުގަނޑުމެންނަކީ އިސްލާމްދީން ނޫން އެހެން ދީނަކަށް އުޅޭބައެއް ނޫން ކަމުގައި މިއަދާއި ހަމައަށް ވާރުތަކޮށްދީފައި ކަމަށެވެ. އަދި އެއީ ކާބަފައިން ވެފައިވާ މަތިވެރި ޤުރުބާނީއެއް ކަމަށާ އެ ޤުރުބާނީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަކީ މިއަދު ރާއްޖޭގައި ތިބި ބަޔަކަށް މާތްﷲ ގެ މަގުގައި ނަޞްރު ދިނުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ މިމަހު 23 ވަނަ ދުވަހު ބާއްވާ އެއްވުމަކީ ސިޔާސީ ކަމެއްކަމަށް ނުދެކި ދީނަށް ނަޞްރުދިނުމަށް ވީހާ ގިނަ ބަޔަކު އެ އެއްވުމުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...