
ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ : ރައީސް އޮފީސް
އިސްލާމީ ޝަރީޢަތުގައި ލާއިންސާނީ ޙުކުމްތަކެއް ހުރި ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެކަމަކު އެ ޙުކުމްތައް ބަލައިގަތުމުގައާއި މާނަކުރުން އަދި ދެނެގަތުމުގައި އޮޅުން އަރާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް އޮންނަ އިސްލާމީ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށާއި، އދ.ގެ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތުގެ މެމްބަރެއް ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޮޑު ފުރުސަތެއް ރާއްޖެ އަށް އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހުރި ހުކުމްތައް އޮޅުން ފިލުވައި ދެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށް ވެސް އަދި ރާއްޖޭގެ އެހެން އެންމެ ބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ މިކަން އޮޅުން ފިލުވައި ދެއްވާށޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަތަކާ މެދު ވަރަށް ގިނަ ބަޔަކަށް ނުތަނަވަސްކަން ލިބުނު ނަމަވެސް، ލާއިންސާނީ އަދަބާ ބެހޭގޮތުން މަޝްވަރާކުރުމަށާއި ބަހުސްކުރުމަށް އޭނާ ގޮވާލުމަކީ ބައިނަލްއަގްވާމީ ދުނިޔެއަށް އިސްލާމީ ޝަރީއަތުގެ ގަދަރާއި އިއްޒަތް ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށް ވެސް އަދި ރާއްޖޭގެ އެހެން އެންމެ ބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ މިކަން އޮޅުން ފިލުވައި ދެއްވާށޭ." - ރައީސް
ރައީސް އަދި ވިދާޅުވީ ދިވެހި ރައްޔިތުން، އެ ފުރުސަތު ނަގާލީ "ޖިހާދީ ރޫހެއްގައި" ކަމަށާއި ޕިއްލޭގެ ވާހަކައަށް ރައްދު ދިނީ "ހަމަވިސްނުމެއްގައި ކަން ދަންނަވަން ދަތި" ކަމަށެވެ. ޕިއްލޭ މަރާލަން ނުވަތަ އޭނާ ރާއްޖޭން ބޭރު ކުރަން އުޅެގެންނެއް އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައެއް އަދި ފާހަގަކޮށްދޭން ބޭނުންވާ ނުކުތާއެއް ވެސް ފާހަގައެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިސްލާމީ ޝަރީއަތުގައި، އަޅުގަނޑުމެން އިސްލާމުން ދެކޭ ގޮތުގައި، ލާއިންސާނީ އަދަބެއް ނުހުރޭ، އަޅުގަނޑުމެނަށް ލާއިންސާނީ އަދަބާ ބެހޭ ގޮތުން އދ.އާ އެކު މަޝްވަރާ ކުރުމަށް، ބަހުސް ކުރުމަށް، ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތެއް ހަގީގަތުގައި އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނަރ ރާއްޖެ ވަޑައިގަތް ދުވަސް އެއީ. އަޅުގަނޑުމެން އެ ފުރުސަތު ނަގާލީ ޖިހާދީ ރޫހެއްގައި. އެކަމަނާ ވިދާޅުވި އެއްޗެއް، އަޅުގަނޑުމެން އެއަށް އެނބުރި ރައްދު ދިނީ ހަގީގީ ހަމަ ވިސްނުމެއްގައި ކަމަކަށް އަޅުގަނޑަށް ދަންނަވަން ދަތި،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދޅުވި ގޮތުގައި، ރާއްޖޭގައި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ހިންގާކަށް އެމަނިކުފާނު ބޭނުންފުޅެއް ނޫނެވެ.
"ރާއްޖޭގެ ގާނޫނު އަސާސީ ވެސް އަދި އަޅުގަނޑުމެންގެ ދިރިއުޅުން ވެސް ބިނާވެފައި އޮންނަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް. އެކަމަކު އަޅުގަނޑުމެންނަށް ލިބޭ މިފަދަ ފުރުސަތުތައް ނަގާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ މަހު 24 ގައި ރައްޔިތުންގެ މަޖިލީހުގައި އަދި ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލާފައި ވެއެވެ. ޕިއްލޭ ވަނީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށް ބުނެ، ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް ގޮވާލާފަ އެވެ.
ޕިއްލޭގެ އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދެއްކި މައްސަލައިގައި، ދީނީ ޢިލްމުވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުންނާއި، އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާމެދު ސީރިއަސް ފިޔަވަޅު އެޅުމަށް އެދިފައެވެ. ޕިއްލޭގެ މައްސަލައިގައި ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ، އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ގޮވާލާފައެވެ.
ނަމަވެސް، ރައީސް ނަޝީދު ވެސް އަދި އެމްޑީޕީން ވެސް ޕިއްލޭގެ މި ޖަރީމާ މިހާތަނަށް ރަސްމީ ސިފައެއްގައި، ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ރައީސް ނަޝީދު އެކަން ކުށްވެރިކުރުމުގެ ބަދަލުގައި، އަކަމަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމުގައި ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...