1948 ގެ ހަނގުރާމައިގައި އިޒްރޭލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިމުގައިވާ ހުރިހާ މިސްކިތެއްގައި ބަންގި ގޮވުން މަނާކުރުމަށްޓަކައި އިޒްރޭލުގެ ޕާލަމެންޓަށް ބިލެއް ހުށައަޅަފިއެވެ.
މި ބިލް ޕާލަމެންޓަށް ހުށައަޅާފައިވަނީ ޙައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ސިޔާސީ ޕާޓީއެއްކަމުގައިވާ "ލިކޫޑް" ގެ މެންބަރެކެވެ. އެބިލްގައި ބުނެފައިވަނީ ހިފާފައިވާ ސަރަޙައްދުތަކުގައިވާ މިސްކިތްތަކުގެ ލައުޑްސްޕީކަރުތަކުން ގޮވާ ބަންގީގެ ސަބަބުން ޔަހޫދީ ވަޒަންވެރިންގެ އަރާމަށް އުނދަގޫވަމުން ދާތީ ހިފާފައިވާ ފަލަސްޠީނުގެ ހުރިހާ މިސްކިތެއްގައި ބަންގިގޮވުން ނުވަތަ މިސްކިތުގެ ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގިގޮވުން ޔަހޫދީންނަށް އަރާމުގައި އުޅެވޭނެ ގޮތް ހަދައިދިނުމަށެވެ.
މި އަނިޔާވެރި ބިލާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔަތުން ގެންދަނީ ވަރަށް ވަރުގަދަޔަށް ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން ޤުދުސް އާއި ފަލަސްޠީނުގެ އެންމެ އިސް މުފްތީ އައްޝައިޚް މުޙައްމަދު ޙުސައިން ވެސް ވަނީ މިސްކިތްތަކުން ބަންގި ގޮވުން މަނާކުރުމަށް ޔަހޫދީން އުޅޭ އުޅުމަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ރޭވިގެން ހިންގާ ޖަރިމާއެއްކަމުގައި ވިދާޅުވެ އެކަން ކުށްވެރިކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ޝައިޚް ވިދާޅުވެފައިވަނީ މިސްކިތްތަކަކީ މުސްލިމުންގެ އަމިއްލަ ތަރިކައެއް ކަމުން އެހެން ބަޔަކަށް އެކަމުގެ ތެރެއަށް ވަދެ ގޮތްކިޔައި ނެހެދޭނެކަމަށެވެ.
ޝައިޚް ވިދާޅުވިގޮތުގައި މިސްކިތްތަކަށް ޙަމަލާދީ އަލިފާން ޖަހައި، ބަންގިގޮވުން މަނާކުރުމަށް ޤާނޫނުހެދުން ފަދަ ނުބައި ޖަރީމާތައް ހިންގައިގެން ޒަޔޮނިސްޓު ޔަހޫދީ ސަރުކާރުން އެވަނީ އެންމެހާ ސަމާވީ ދިންތަކުގެ އެންގެވުންތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތައްވެސް ފާރު ބުޑަށް ޖަހާފައެވެ. މުފްތީ އިތުރަށް ވިދާޅުވިގޮތުގައި މިއީ ފަލަސްޠީނުގެ އިސްލާމީ ޢަރަބި ރައްވެހިކަން ނައްތާލުމަށްފަހު ފޭކު ޔަހޫދީ ރައްވެހިކަން އާލާކުރުމަށްޓަކައި އިޒްރޭލުން ހިންގާ ޖަރީމާއެކެވެ.
ފަލަސްޠީނުގެ މިސްކިތްތަކާއި އެހެނިހެން މުޤައްދަސް ބިންތައް ޔަހޫދީންގެ އަނިޔާވެރި އިންޞާފެއް ނެތް ޖަރީމާތަކުން ސަލާމަތްކޮށް ޙިމާޔަތްކުރުމުގެ ޒިންމާ އުފުލުމަށް އިސްލާމީ ޤައުމުތަކަށް މުފްތީ ވަނީ ގޮވައިލައްވާފައެވެ.
______________________
މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...