
ހިލްއަތު ޑްރަގް އޯވަރޑޯޒްވެގެން ރ.އަތޮޅުގެ ފަޅު ރަށެއްގައި ހޭނެތިފައި އޮއްވާ މިދިޔަ އަހަރު ޖޫން މަހު ތެރޭގައި ފެނުނު މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ރާއްޖޭގައި ބާޠިލް ދީންތަކުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގޮވާލައި މިއަދު ހަވީރު މާލޭ އާޓިފިޝަލް ބީޗަށް އެއްވި މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ އެކަމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމާމެދު ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނެތް ކަމުގައި ޢަދާލަތު ޕާޓީން ބުނެފި އެވެ.
މިއަދު ބަޔަކު ހިންގި މި ޖަރީމާ ކުށްވެރިކޮށް ޢަދާލަތުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ “އިންސާނީ ޙައްގުތަކުގެ ދުވަސް” ނިވަލަކަށް ބޭނުންކޮށްގެން މުރުތައްދު ވުމުގެ މިނިވަންކަމަށްގޮވާލުމަށް ބަޔަކު އެއްވި އެއްވުމަކީ މި ސަރުކާރުން ކުރަހަން މަސައްކަތްކުރާ “ބޮޑު މަންޒަރު” ވަރަށް ސާފުކޮށްދޭ ކަމެއް ކަމަށެވެ.
ޢަދާލަތުން ބުނީ، މުރުތައްދުވެ އެހެން ދީންތަކަށް އުޅޭން ބޭނުންވާ މީހުންނާއި، އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުންނާއި އެފަދަ ބަޔަކު ފާޅުގައި ނިކުމެ ޑިސެމްބަރ 10 ގައި އަޑުއުފުލާނޭކަން ސޯޝަލް ނެޓްވޯކްގައި ހާމަ ކޮށްފައިވާ ކަމަށެވެ. އަދި އެކަމާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް މަދަނީ ބައެއް ޖަމިއްޔާތަކުން ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް އޭގެ އެއްވެސް މީހަކާމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އެހެން ކަމުން އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ސާފުވާ ކަމަށް ޢަދާލަތުން ބުންޏެވެ.
"މިއަދު މިބައިމީހުންނަށް ނިކުތުމުގެ ހިތްވަރު ލިބުނީ މި ސަރުކާރަކީ ރާއްޖެއިން އިސްލާމީ ވަޙުދަތު ނައްތާލައި، އެހެން ދީންތަކަށް މިފަސްގަނޑުގައި ފުރުޞަތު ހުޅުވާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ސަރުކާރެއް ކަމުގައި އެންމެނަށްވެސް ފެންނާން އޮތީމައެވެ. ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި ޣައިރުދީނުގެ މީހުން އަޅުކަންކުރާ ބުދުތައް ބަހައްޓައި، ސަރުކާރުން ހިތްވަރު ދީގެން ބޭރު މީހެއް ލައްވައި ކީރިތި ޤުރުއާނުގެ ޙުކުމް ތައް ބަދަލު ކުރުމަށް ޢާންމު ބަޙުސް ހުޅުވާލުމަށް ގޮވާލައި، ރައީސުލް ޖުމްހޫރިއްޔާ އެ ގޮވާލުމަށް ހިތްވަރު ދެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ވަރަށް އެތެރޭގައި އުޅޭ މީހުންނާ ސީދާ ގުޅުންހުރި ބަޔަކު ފާޅުގައި ނިކުމެ މުރުތައްދު ވުމުގެ މިނިވަން ކަމަށް ގޮވާލުމުން ދޭހަވަނީ މިހުރިހާ ކަންކަމަކީ މި ސަރުކާރުގެ ރޭވުމުގެ ދަށުން އިސްލާމީ ޥަޙްދަތު ނައްތާލުމަށް ހިންގަމުންދާ ކަންތައްތަކެއް ކަމެވެ." ޢަދާލަތުގެ ބަޔާނުގައި ވެއެވެ.
ޢަދާލަތުން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ބޭރުގެ ފަރާތްތަކެއްގެ ސީދާ އެހީއާ އެކުގައި ކަމަށާއި، ރާއްޖޭގައިވާ އިސްލާމީ ވަޙުދަތު ނައްތާލައި، ޣައިރު ދީންތަކަށް މިގައުމު ހުޅުވާލައި އެމީހުންނަށް ފުރުޞަތުތައް ހުޅުވާދިނުމަށް މިސަރުކާރާ ގުޅިފައިވާ ބޭރުގެ ފަރާތްތަކަށް ވަޢުދުވެފައިވާ ކަމަށެވެ. އަދި މިފެންނަ ކަންތައްތަކަކީ ހައްތަހާވެސް ސަރުކާރުގެ މެނިފެސްޓޯގައި ލިޔެފައިނުވާ “ހަވަނަ ވަޢުދު” ފުއްދުމަށް މަގުފަހި ކުރުމަށް ކުރާ މަސައްކަތްތައް ކަމުގައި ޢަދާލަތުން ބުންޏެވެ.
"ޣައިރުދީންތަކަށް ގޮވާލާ އެއްވުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފް ކަމެކެވެ. މިކަމަށް ނިކުތް މީހުންނަށް އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން ރިވެތިގޮތުގައި ނަސޭޙަތްތެރި ވުމަށްފަހު އެގޮތް ދޫނުކޮށްފިނަމަ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅެން ޖެހޭނެއެވެ. މިގޮތަށް މިބައި މީހުންނާއިމެދު ފިޔަވަޅު ނާޅައިފިނަމަ މިކަމަކީ ސީދާ މިސަރުކާރު އަޑީގައި އޮވެގެން ހިންގާ ޣަދަރުވެރި ޖަރީމާއެއްކަމާ މެދު ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނޯންނާނެއެވެ. މިއީ ދިވެހި އެންމެހާ ދިވެހި ރައްޔިތުން، ޕާޓީ ރޫޙުން އެއްކިބާވެ ފިނިހިތަކާއެކު ވިސްނަންޖެހޭ މައްސަލައެކެވެ." ޢަދާލަތުގެ ބަޔާނުގައި ވެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ކަމަށް ބުނެ، އެހެންދީންތަކުގެ މިނިވަންކަމަށް ގޮވާލައި ހަރަކާތެއް ބޭއްވުމަށް އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ 10 ވަރަކަށް މީހުން މިއަދު އާޓިފިޝަލް ބީޗަށް ދިޔައެވެ. އިސްލާމްދީނާ ދެކޮޅަށް ލިޔެ ވާހަކަދައްކަމުންދާ މަޝްހޫރު ބްލޮގަރ ހިލްއަތު ރަޝީދު ވެސް މި އެއްވުމުގައި ބައިވެރިވި އެވެ.
މުއުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތް އިސްވެ ހިންގުމުގައި އެމްޑީޕީގެ ކުރީގެ އަމީން ޢާއްމުގެ ނައިބު އަދި އެޕާޓީގެ އޭރުގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) ގެ ޚާއްޞަ ސެކްރެޓެރީ “ޢާއިޝަތު” އާނިޔާ ހިމެނެ އެވެ. އެމްޑީޕީން ހިންގާ މިނިވަން ނޫހުގައި 20މާރޗް 2007 ގައި “އަންހެނުންނަކީ އިޖްތިމާއީ ބަލި ފަތުރާ ޖަރާސީމެއްތަ؟” މިސުރުޚީގެ ދަށުން އާނިޔާ ވަނީ އިސްލާމްދީނަށާއި، ކީރިތި ޤުރްއާނަށާއި، މުސްލިމުންނަށް ފާޅުކަންބޮޑު ގޮތެއްގައި ފުރައްސާރަކޮށް ލިޔެ ހަޖޫޖަހާފައެވެ. އެކަމުގެ ސަބަބުން އާނިޔާ މުރުތައްދުވެފައިވާ ކަމަށް ދީނީ ޢިލްމުވެރިން އޭރު ވަނީ ބަޔާންކޮށްފައެވެ. އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހަށް 6 މެއި 2007 ގައި އާނިޔާ ހާޒިރުކޮށް ނަސޭހަތް ދީފައި ވެއެވެ.
އަދި މަޝްހޫރު ދާޢީ ޑރ.ޒާކިރު ނައިކް މިދިޔަ އަހަރު ރާއްޖެ ވަޑައިގެން ދެއްވި ދަރުސްގައި ތިމަންނަ އަކީ މުސްލިމެއް ނޫން ކަމަށް ބުނެ މުރުތައްދުވެފައިވާ ކަން އިއުލާނުކޮށް، ފަހުން އިސްލާމްވެފައިވާ މުޙައްމަދު ނާޒިމް ވެސް މި ހަރަކާތް ހިންގުމުގައި ބައިވެރިވި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ލާދީނީ އެއްވުން ބާއްވާނެކަން އިއުލާންކޮށް ފޭސްބުކްގައި ހަދާފައިވާ އިވެންޓް ޕޭޖްގައި ލިޔެފައިވާ ގޮތުގައި އެމީހުން ބޭނުންވަނީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާ މީހުންނަށް ރާއްޖޭގެ ރައްޔިތަކަށް ވުމުގެ ޙައްޤު ގެއްލޭތީ އެކަމާ ދެކޮޅު ހަދައި އެހެން ދީންތަކުގެ މިނިވަންކަމަށް ގޮވާލުމެވެ.
އިސްލާމްދީނާ ދެކޮޅުވާ މީހުންގެ އަޑުއުފުލުމުގެ މިހަރަކާތް ރަނގަޅަށް ނުފެށެނީސް ބަޔަކު މީހުން ވަނީ އެބައިމީހުންނާ ދިމާއަށް ގާއުކައި އެ ހަރަކާތް ހުއްޓުވާލާފައެވެ. އަދި ގާއުކުމުގެ ސަބަބުން ހިލްއަތުގެ ބޯ ފަޅައިގެން ގޮސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެއެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...