ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނާއި އިބްނު ސަބީލުންނަށް ފައިސާދޭނެ އުޞޫލު ވަޒީރުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.
މި އުޞޫލު ކަނަޑައާޅާފައި ވަނީ މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި އުޞޫލުގެ ދަށުން ޒަކާތު ފަންޑުން ފައިސާ ދެއްވަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ފަޤީރުންގެ ބައިން ބޭސްފަރުވާ ކުރުމަށް އެހީ ދެއްވުމަށް ހަމަޖައްސަވާފައިވާ އެއްބަޔަކީ [މަދަނަ] ސްކީމުން ލިބޭ ބޭސްފަރުވާގެ އެހީގެ ޢަދަދު ފަހަނައަޅާފައިވާ ފަރާތްތަކާއި، އެކިއެކި ސަބަބުތަކާހުރެ މަދަނައިގެ އެހީ މެދުކެނޑިފައިވާ ފަރާތްތަކެވެ. އަނެއްބަޔަކީ ކުއްލި ޙާދިޘާތައް ދިމާވާ ފަރާތްތަކެވެ. އެގޮތުން، ކުއްލި ޙާދިޘާތައް މެދުވެރިވެ ޙާލުގައިޖެހޭ މީހުންގެ ތެރޭގައި، ތަނެއް އަނދައިގެން ދިއުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބެންނެތް ފަރާތްތައް ހިމެނެއެވެ.
އޭގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ތެރެއިން، ޚާއްޞަ ޙާލަތްތައް މެދުވެރިވާ ފަރާތްތަކަށްވެސް ޒަކާތު ފަންޑުގެ ފަޤީރުންގެ ބައިން އެހީ ދިނުމަށް ހަމަޖައްސާފައި ވެއެވެ.
ޒަކާތު ފަންޑުގެ އިބްނު ސަބީލު ބައިން އެހީ ދިނުމަށް ނިންމާފައި ވަނީ، ދަތުރުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށެވެ. އޭގެތެރޭގައި، ރާއްޖެއިން ބޭރުގައި އުޅެނިކޮށް ކުއްލި ޙާދިޘާއެއް މެދުވެރިވެ ޙާލުގައިޖެހޭ ފަރާތްތަކާއި، ޓޫރިސްޓް ވިސާގައި ރާއްޖެ އަށް އަންނަ ބިދޭސީ މުސްލިމުންގެ ތެރެއިން ހާލުގައިޖެހޭ މީހުން ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަކާތު ފަންޑުން ފައިސާ ދޭނެ އުޞޫލު މީގެ ކުރިން ކަނޑައަޅަމުން ދަނީ ޒަކާތާ ބެހޭ ޚާއްޞަ ކޮމިޓީންނެވެ. އަދި މިފަދަ ފިޤުހީ ކަންތައްތައް ނިންމަން ޖެހޭނީ ފިޤުހު އެކަޑަމީން ކަމުގައި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...