އިސްލާމްދީން ޙިމާޔަތް ކުރުމަށް ގޮވާލައި މިމަހު 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާއަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ނިކުމެވަޑައިގެންފިނަމަ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން އެމަނިކުފާނަށް ދޭން ފަށައިފި އެވެ.
ޝައިޚް އިމްރާން "މިއަދު" ނޫހަށް ވިދާޅުވީ އެބާވަތުގެ އިންޒާރުތައް އެމަނިކުފާނަށް ލިބިވަޑައިގަތުން މިހާރު ޢާންމު ކަމަކަށް ވެފައިވާ ކަމަށެވެ.
"އެގޮތަށް ލިބޭ އިންޒާރުގެ ކޯލްތަކާ މެސެޖްތައް އަޅުގަނޑު ޢާންމެއް ނުކުރަން. ނަމަވެސް މީގެ ދެރެއެއް ކުރިންވެސް ގުޅި މީހަކު ބުނީ 23 ވަނަ ދުވަހު ނުކުމެއްޖެނަމަ ކަތިވަޅި ހިފައިގެން އައިސް ކޮށާލާނަމޭ. އެވަގުތު އެތަނުގައި ތިބި އަޅުގަނޑުގެ ވަރަށް ގާތް ބަޔަކަށް އެކަން އެނގުނީ. އެހެންވެ ތި ވާހަކަ އެނގިގެން ތިއުޅެނީ" ޝައިޚް އިމްރާން ވިދާޅުވި އެވެ.
ޝައިޚް އިމްރާން ވިދާޅުވީ މުޒާހަރާ ކުރުމާއި އަޑު އުފުލުމަކީ ޤާނޫނު އަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްޤެއް ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅައި ބިރު ދެއްކުމަކީ އެއްވެސް ހަމައެއްގެ ދަށުން ކުރެވިގެންވާނެ ކަމެއް ނޫން ކަމުގައި ޝައިޚް އިމްރާން ވިދާޅުވި އެވެ.
މި އިންޒާރާ ގުޅިގެން ޢަދާލަތުގެ ނާއިބް ރައީސް ޑރ. މަޢުރޫފް ޙުސައިން ވިދާޅުވީ ބަޔަކު ދޭ އިންޒާރަކުން ނުވަތަ ކުރާ ފުރައްސާރައަކުން އިސްލާމްދީނަށްޓަކައި ކުރާ މަސައްކަތްތަކަކަށް އެއްވެސް ހުއްޓުމެއް ﷲ އިރާދަކުރެއްވިއްޔާ ނާންނާނެ ކަމަށެވެ. އަދި އެފަދަ އިންޒާރުތަކުން އިތުރަށް އަޒުމް ވަރުގަދަ ވެގެންދާނެ ކަމުގައި ޑރ. މަޢުރޫފް ވިދާޅުވިއެވެ.
ޝައިޚް އިމްރާން އަދި ޢަދާލަތު ޕާޓީގެ ވަފުދެއް މިހާރު އައްޑޫ ސިޓީގެ އަވަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެސިޓީގައި ހިންގާ ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި، އެހެނިހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ވަކި ޕާޓީ އަކަށް ނުވަތަ ޖަމްޢިއްޔާ އަކަށް ނިސްބަތްނުވާ އައްޑޫގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން އެއްބަސްވެފައި ވަނީ ޑިސެމްބަރު 23 ގެ ބޮޑު މުޒާހަރާ ނިންމާލަން ވާނީ އައްޑޫގެ ބިން ބުދުތަކުން ތާހިރު ކުރުމަށްފަހު ކަމުގައި މަޢުލޫމާތު ލިބެއެވެ.
މިމުޒާހަރާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ގިނަ މަދަނީ ޖަމްޢިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ގެންދަނީ ގޮވާލަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ހުރިހާ ދިވެހި ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.
މި މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މި މުޒާހަރާގައި ގާތްގަނޑަކަށް އެއްލައްކަ މީހުން ބައިވެރިވާނެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...