ފްރާންސުން މޫނުބުރުގާ މާނާކުރިޔަސް އިނގިރޭސިވިލާތުގައި މޫނު ބުރުގާ މަނާ ނުކުރާނެކަމަށް އެ ޤައުމުގެ އިމިގްރޭޝަން މިނިސްޓާ ޑެމިއަން ގްރީން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ މުޖުތަމައެއްގެ ތެރޭ މިފަދަ ކަމެއް މަނާކުރުމަކީ ވަރަށް 'އޮޑު' ކަމެއްކަމުގައެވެ. ޑެމިއަން ގްރީން މިހެން ވިދާޅުވެފައި މިވަނީ، ކޮންޒަވޭޓިވް ޕާޓީގެ ޕާލިމެންޓު މެންބަރެއްކަމުގައިވާ ފިލިޕް ހޮލޮބޯން، މޫނުބުރުގާ މަނާކުރުމުގެ ބިލެއް ފާސްކުރުމަށް ގޮވާލާފައިވަނިކޮށެވެ. ހޮލޮބޯން ވިދާޅުވެފައިވަނީ މޫނުބުރުގާ އަޅައިފައިވާ މީހަކާ، ސީދާގޮތެއްގައި އޭނާ ވާހަކަ ނުދައްކާނެކަމަށެވެ. އަދި އެފަދަ މީހަކު ވާހަކަ ދައްކަން ބޭނުންނަމަ އޭނައަށް ސިޓީ ފޮނުވުމަށްވެސް އޭނަ ވަނީ އެދެފައެވެ.
ސަންޑޭ ޓެލެގްރާފަށް ދެއްވި ބަސްދީގަތުމެއްގައި ގްރީން ވިދާޅުވެފައިވަނީ، އެމީހަކަށް ލެވޭނެ އެއްޗަކާއި، ނުލެވޭނެ އެއްޗެއް ގާނޫނަކުން ކަނޑައެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، އެފަދަ ބިލެއް އިނގިރޭސި ވިލާތުގެ ޕާލެމެންޓުން ފާސްވެގެން ދިޔުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ.
"ފަރަންސޭސީން އެކަން އެކުރީ ބަޔަކަށް ދެއްކުމަށް. އެތަނުގެ ސިޔާސީ މަސްރަހު މިތަނާ ވަރަށް ތަފާތު. އެއީ ވަރަށް ސެކިއުލާ ގައުމެއް. އެމީހުން ބުރުގާވެސް މަނާކުރި. މަދަރުސާއަށްދާއިރު ސޮލީބު އެޅުންވެސް މަނާކުރި. މިތަނުގައި ހަމައެކަނި ދީން އުނގަންނައިދޭ މަދަރުސާތައްވެސް އެބަހުރި." ގްރީން ވިދާޅުވިއެވެ.
ފްރާންސްގެ ތިރިގެއިން މިމަހުގެ ކުރީކޮޅު ވަނީ މޫނުބުރުގާ މަނާކުރުމެ ބިލު ވަރަށްބޮޑު އަޤުލަބިއްޔަތަކުން ފާސްކޮށްފައެވެ. އެ ބިލުގައި ވާގޮތުން މޫނުބުރުގާ އަޅާމީހުން 150 ޔޫރޯއިން ޖޫރިމަނާކުރެވޭނެއެވެ. އަދި މޫނުބުރުގާ އެޅުމަށް ބާރު އަޅާ ފިރެހެނުން އެއް އަހަރުދުވަހަށް ޖެލަށްލެވި، 25000 ޕައުންޑުން ޖޫރިމަނާކުރެވޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...