އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން އިސްނަގައިގެން މި މަހު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއެއްގެ ވާހަކަ އަޅުގަނޑުމެން އެންމެން އެބަ އަހަމުއެވެ. މިހާތަނަށް 127 ޖަމްޢިއްޔާއަކާއި 6 ސިޔާސީ ޕާޓީއެއް ވަނީ މި މުޒާހަރާގައި ބައިވެރިވުމަށް މަދަނީ އިއްތިހާދާ ގުޅިފައެވެ. މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ކަމަށްވެސް އިއްތިހާދުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.
މަތީގައި އެވަނީ، 23 ޑިސެމްބަރ 2011 ގައި އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ބެހޭގޮތުން ކުރު ތަޢާރަފެކެވެ. ދެން އަޅުގަނޑުގެ މައުޟޫޢާގެން ކުރިޔަށް ދާނަމެވެ. 23 ޑިސެމްބަރުގެ މުޒާހަރާ، ދީން ހަތިޔާރަކަށް ހަދަނީ ބާ؟
ޞުރުޙީ އެގޮތަށް އެއޮތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ އިސް އެއް ސަބަބަކީ، ދީނީ ޖަމްޢިއްޔާއެއް ކަމަށް ދަޢުވާ ކުރާ ޖަމްޢިއްޔާއަކުން، މި މުޒާހަރާއަކީ ދީން ހަތިޔާރަކަށް ހަދަން ކުރާ ކަމެއް ކަމަށް ބުނާ ބުނުމެވެ.
6 ސިޔާސީ ޕާޓީއަކުން ބައިވެރިވާއިރު، އެއިން ސިޔާސީ ޕާޓީއެއްގެ މަޤްސަދުގައި ހަރާބު ކަމެއް ހުރުމަކީ ވެދާނެ ކަމެކެވެ. އެކަމަކު، ކާކުގެ ކަމެއް އަދި ކޮން ޕާޓީއެއްގެ ކަމެއް ހަރާބު ހުރީ އެނގޭނީ ކިހިނަކުން ތޯއެވެ؟ ކޮންމެ ޕާޓީއެއްގެ ވެސް އެންމެ އިސް ވާޖިބެއް ކަމަށް ބުނަނީ، އިސްލާމް ދީން ހިމާޔަތް ކުރުން ކަމުގައެވެ. އެހެންވީމަ، ވަހުމެއްގެ ތެރެއަށް ވަދެ، އަޅުގަނޑުމެން މައްޗަށްވާ ވާޖިބުވެސް ދޫކޮށްލަން ވީތޯއެވެ؟ އަދި އެބައިމީހުންގެ "ސިޔާސީ މަޤްސަދެއް" ހާސިލުވެއްޖަނަމަ، އަޅުގަނޑުމެންނަށް ކުރާނެ ގެއްލުމެއް އެބައޮތްތޯއެވެ؟ ނެތެވެ. އެހެންވީމަ، އެމީހެއް ނިޔަތް އެމީހަކަށެވެ. ނިޔަތް ދިރާސާ ކުރަން އަޅުގަނޑުމެންނަށް ވަޤުތެއް ނެތެވެ. މިޤައުމުން އިސްލާމްދީން ނައްތާލަން ފައިވިއްދައިގެން ތިބި، ޢަލްމާނީ ފިކުރުގެ އަހުލުންނާ ދެކޮޅަށް އަޑު އުފުލަން އެބަޖެހެއެވެ.
މުޒާހަރާ ކުރަން ދިމާކުރީމައި، ދީން ހަތިޔާރަކަށް ނަހަދާށޭ ބުނާއިރު، ސަރުކާރުން ދީނީ ކަންތަކާމެދު ކަންތައް ކުރަނީ ރަނގަޅަށް ތޯއެވެ؟ މެންދުރުގެ އިރު ފެންނަ ފަދައިން ސަރުކާރުން ދީނާ މެދު ހަދަމުން ދަނީ ހިތު ހުރި ގޮތަށެވެ. އެންމެ ދަލީލަކުން ފުދެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ދީނީ ކަންކަމުގައި ދެއްވާ މަޝްވަރާތައް އަޑު ނޭހުމާއި، އެ ބަސްފުޅުތަކާ މުޅިން ޚިލާފަށް ސަރުކާރުގެ އަމަލުތައް ބެހެއްޓުމަކީ ދަލީލެއް ނޫންތޯއެވެ؟ އިސްލާމިކް މިނިސްޓަރުގެ ބަސްފުޅު އަޑުނާހާ ސަރުކާރަކުން އަޅުގަނޑުމެންގެ އަޑު އަހާނެތޯ؟ ނާހާނެއެވެ. އެހެންވެއްޖެނަމަ، ދެން އޮތީ ހަމަ މުޒާހަރާ ކުރުމެވެ.
ރަނގަޅެވެ. މިކަމުން ސިޔާސީ މަޤްސަދެއްވެސް ޙާސިލު ވާނެއެވެ. އެއީ ސިޔާސީ އިދިކޮޅު ޕާޓީތައް ވެސް މިކަމުގައި ބައިވެރިވާނެއެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވެސް ބައިވެރިވާނެއެވެ. ސަރުކާރުގެ މަޤްބޫލުކަން ދަށަށް ދާނެއެވެ. އަޅުގަނޑު ބޭނުން ވަނީ ވެސް އެގޮތަށް އެކަން ވުމެވެ. ސަރުކާރަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވުމާއި، ސަރުކާރުގެ މަޤްބޫލުކަން ވެއްޓުމެވެ. މިއީ އަޅުގަނޑުގެ ޒާތީ ސިޔާސީ ފިކުރު މިކަމުގައި ހުރި ގޮތެވެ. ސަބަބަކީތޯއެވެ؟ ސަބަބު ވަރަށް ސާފެވެ. ދީނަށް ގޮން ޖަހަމުން، ދީނާ ޚިލާފަށް ކަންތައް ކުރަމުންދާ، ދީނީ މިނިސްޓަރުގެ ވާހަކަފުޅުތައް ފާރު ބުޑުގައި ޖަހަމުންދާ ސަރުކާރެއް ދެން މިޤައުމުގައި އޮންނަން އަޅުގަނޑު ބޭނުން ނުވަނީއެވެ. މިއީ ދީން ހަތިޔާރަކަށް ނެގުން ކަމަށް ބަޔަކު ބުނެފާނެއެވެ. އަދި ބުނަމުންވެސް އެބަދެއެވެ. އެކަމަކުވެސް ފަރުވާލެއް ނެތެވެ.
މިހިސާބަށް އާދެވުމުން، " ދީން ހަތިޔާރަކަށް ނެގުން"، މި ޖުމުލައިގެ މާނައަށް ބަލާލަން މުހިންމު ވެއްޖެއެވެ.
" ދީން ހަތިޔާރަކަށް ނެގުން" އެބޭފުޅުން މާނަ ކުރަނީ، ދީނުގެ ނިވަލުގައި ތިބެގެން، ދީނީ ކަމަކަށް ހަދާފައި، ކޮންމެވެސް އެހެން މަޤްސަދެއް ޙާސިލްކުރުމަށް ބަޔަކު މީހުން އުޅޭ އުޅުމަށެވެ. އެއްގޮތަކުން ރަނގަޅު ވާހަކައެކެވެ. މި މާނާގަވެސް އެބަސް ބޭނުން ކުރެވިދާނެއެވެ. އެހެންވެއްޖެނަމަ، ދީން ހަތިޔާރަކަށް ނަގާފައި މި މުޒާހަރާގައި އަޅުގަނޑު ބައިވެރިއެއް ނުވާނަމެވެ. އަދި ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިއެއް ނުވާނެ ކަމީ ކަށަވަރު ކަމެކެވެ.
ނަމަވެސް، ދީން ހަތިޔާރަކަށް ނެގުން އަޅުގަނޑުގެ "ރަދީފުގައި" ބުނަނީ، އެއީ ދީނީ ހިމާޔަތުގައި ތެދުވުން ކަމުގައެވެ. އެހެންވެއްޖެނަމަ، މި އިސްތިލާހުގައި އަޅުގަނޑު މިހުރީ ހޭވައްލާ ތައްޔާރަށެވެ. ދީނީ ހަތިޔާރު ހިފައިގެން، ލާދީނީ ފިކުރުތަކާއި ދެކޮޅަށް ޖިހާދު ކުރުމަށް ފަސް ނުޖެހޭނަމެވެ.
ސިޔާސީ ޕާޓީތަކުން ބައިވެރިވަނީ، ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް ކަމަށް ތުހުމަތު ކުރެއެވެ. އެ ޕާޓީތަކުން ބައިވެރިވާ ޙަޤީޤީ ނިޔަތް އެނގޭނީ އެޕާޓީތަކަށެވެ. ނަމަވެސް، ބަޔަކު މީހުން ތެދުވަނީ ސިޔާސީ މަޤްސަދަކަށޭ ކިޔާފައި، އަޅުގަނޑުމެންގެ މައްޗަށްވާ ދީނީ ވާޖިބު ކުޑަވެގެންދޭތޯއެވެ؟ ނުވާނެއެވެ. ދީނީ ހިމާޔަތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެހެން އެއްވެސް ކަމެއް ނެތިއްޖެފަދައެވެ. ތެދެކެވެ. ﷲ ގެ ޙަޟްރަތަށް ދުޢާ ކުރަންވީއެވެ. ނަމަވެސް، ދުޢާ ކުރުމަށްފަހު، ދެން ކުރެވެން އޮތް ކަމެއްވެސް ކުރަން ދީން އެބަ އަންގަވައެވެ.
ހަމަ ތެދެކެވެ. މުޒާހަރާގެ ސަބަބުން ސިޔާސީ މަޤްސަދުތަކެއްވެސް ހާސިލުވާނެއެވެ. ސަރުކާރަށް ޕްރެޝަރު ބޮޑުވާނެއެވެ. ސަރުކާރުގެ މަޤްބޫލުކަން ގެއްލޭނެއެވެ. ބޭރު ދުނިޔޭގައި ސަރުކާރުގެ އޮފްކަން ކެނޑޭނެއެވެ. މިއީ ހައްތާހާވެސް ސިޔާސީ ގޮތުން ސަރުކާރަށް ކުރިމަތިވާނޭ ކަންކަމެވެ. ނަމަވެސް، މި މުޒާހަރާ ކުރުމަށް މަޖުބޫރު ކުރުވީ ހަމަ ސަރުކާރުންނެވެ. ދީނުގެ ހިމާޔަތުގައި ތެދުވާން މަޖުބޫރު ކުރުވީވެސް މި ސަރުކާރުންނެވެ. އެހެންވެއްޖެނަމަ، ދެން ހަޖަމްކޮށްލާށެވެ. ދީނީ ހިމާޔަތުގައި ތެދުވުމަކީ، ދީން ހަތިޔާރަކަށް ހެދުން ކަމުގައި ވާނަމަ، މިފަހަރު އެ ހަތިޔާރުވެސް ހިފައިގެން ތެދުވާނަމެވެ. މާތް ﷲ ނަސްރު ދެއްވާށިއެވެ. އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...