ޕާޓީ ހަރުގައި ހައްދުފަހަނައަޅާފައިވާ މީހުން، އެމީހުންގެ ޕާޓިގެ ދިފާޢުގައި، އެމީހުން ލޯބިކުރާ ސިޔާސީ ޒަޢީމުންގެ ދިފާހުގައި މިހާރަކަށްއައިސް އެންމެ ގިނައިން ބޭނުންކުރާ އެއް ޖުމްލަޔަކީ "ސިޔާސީ ކަންކަމުގަ ދީން ހަތިޔާރަކަށް ނަހަދާށެވެ!" މިއެވެ. މި ޖުމްލަ ޢާންމުކޮށް މީހުން ބޭނުންކޮށް އުޅެނީ ސިޔާސީން ހިންގާ ދީނާ ގުޅުންހުރި މައްސަލަތަކަށް ދީނުގެ ދަންނަބޭކަލުން ފާޑުވިދާޅުވުމުންނެވެ.
2007 ވަނަ އަހަރު މާޗް 14 ވީ ބުދަ ދުވަހު ބ.ލަނޑާގިރާވަރު ރިސޯޓުގައި ބޮޑު ބިޔަ ބުދެއް ބެހެއްޓުނެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު ﷲ އަށް ޝަރީކު ކުރެވޭޒާތުގެ ބުދެއް ރާއްޖެ އެތެރެވުމަކީ މައްސަލައެކެވެ. ދީނީގޮތުންނާއި، ޤާނޫނީ ގޮތުންވެސް މައްސަލައެކެވެ. ކަންމިހެން ހުރުމާއެކު އޭރު ރާއްޖޭގައި ތިއްބެވި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން މިކަން ކުށްވެރިކޮށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަނީ އަޑު އުފުލާފައެވެ. ކަސްޓަމުން އެފަދަ ބޮޑު ބުދެއް ރާއްޖެ އެތެރެވިގޮތާމެދުވެސް އެބޭފުޅުން ދިޔައީ ސުވާލު އުފައްދަމުންނެވެ. މިހާލަތުގައި، ދީނުގެ ދަންނަބޭކަލުން ސިޔާސީ ކަމެއްގައި ދީން ހަތިޔާރަކަށް ހެއްދެވީކަމުގައި ބުނެވިދާނެތޯއެވެ؟ ނޫނެކެވެ! ނުބުނެވޭނެއެވެ. އެހެނީ އެބޭފުޅުން އެއަދާކުރެއްވީ އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ދީނީ ވާޖިބެވެ. ސިޔާސީ ފަރާތަކުން ކުރިކަމުގައި ވިޔަސް، ޢާންމު ފަރުދަކު ކުރިކަމުގައި ވިޔަސް، އެއީ މުންކަރާތެއް ނަމަ އެކަމެއް ނަހީކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ވަކީން ޚާއްސަކޮށް ދީނުގެ ދަންނަބޭކަލުގެ މައްޗަށްވާ ވާޖިބެކެވެ.
ދާދި ފަހެވެ! 17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން އައްޑޫ ސިޓީގައި ވަނީ ބުދުތަކެއް ބެހެއްޓިފައެވެ. މިދަންނަވާ ބުދުތައް ޚުދު އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލް މަޖީދް ޢަބްދުލް ބާރީ ބެއްލެވުމަށްފަހު، އެއީ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ކަލާންގެތައް ރަމްޒުކޮށްދޭ ބުދުތަކެއް ކަމަށާއި، އެތަކެއްޗަކީ ރާއްޖެ އެތެރެކުރުން މަނާ އެއްޗެއްކަމަށް ވަނީ ވިދާޅުވެފައެވެ. ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންނަށް އެނގިގެންދިޔައީ އެއީ ދީނާ ޚިލާފު އެއްޗެހިތަކެއް ކަމެވެ.
މިހާލަތުގައި، ދީނުގެ ދަންނަބޭކަލުން ސިޔާސީ ކަމެއްގައި ދީން ހަތިޔާރަކަށް ހެއްދެވީކަމުގައި ބުނެވިދާނެތޯއެވެ؟ ނޫނެކެވެ! ނުބުނެވޭނެއެވެ. އެހެނީ އެބޭފުޅުން އެއަދާކުރެއްވީ އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ދީނީ ވާޖިބެވެ. ސިޔާސީ ފަރާތަކުން ކުރިކަމުގައި ވިޔަސް، ޢާންމު ފަރުދަކު ކުރިކަމުގައި ވިޔަސް، އެއީ މުންކަރާތެއް ނަމަ އެކަމެއް ނަހީކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ވަކީން ޚާއްސަކޮށް ދީނުގެ ދަންނަބޭކަލުގެ މައްޗަށްވާ ވާޖިބެކެވެ.
މާގިނަ ދުވަސްތަކެއް ނުވެއެވެ! ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކަމިޝަނަރ ނަވީ ޕިއްލޭ ވަނީ އިސްލާމީ ޝަރީއަތުގެ ޙައްދަކަށް ފާޑުކިޔާފައެވެ. އަދި އެ ޙައްދު ޤާއިމް ކުރުމާމެދު ޢާންމު ބަހުސަކަށް އޭނާވަނީ ގޮވާލާފައެވެ.
ބަޔާންވެދިޔަ ދެ ޙާދިސާއަކީވެސް ދިވެހި ސަރުކާރާ، ރައްޔިތުންގެ މަޖިލީހުން ޒިންމާ ނަގަންޖެހޭ ދެ މައްސަލައެވެ. އެހެނީ މޮނިއުމަންޓް ތަކެއްގެ ގޮތުގައި އައްޑޫ ސިޓީގައި ބުދު ބެހެއްޓުނީ ސަރުކާރަށް އެނގިގެން، އަދި ސަރުކާރުގެ އެހީތެރިކަމާވެސް އެކުގައެވެ. ހަމަ އެހެންމެ ނަވީ ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އިސްލާމީ ޝަރީޢަތަށް ގޮންޖަހަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމަތީގައެވެ. އެއިން އެއްވެސް ބޭފުޅަކު މިކަމާ އިހްތިޖާޖު ކުރުމެއްނެތި ހިނިތުންވެފައިތިބިކަމީ މައްސަލައެކެވެ.
ނަތީޖާއެއްގެ ގޮތުން ދީނުގެ ދަންނަބޭކަލުން، އެބޭފުޅުންގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ތެދުވިއެވެ. މުންކަރާތް ނަޚީކޮށް ޙައްޤަށް ވަޞިއްޔަތް ކުރެއްވިއެވެ. ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ޒިންމާ ނެގުމަށް ގޮވާލެއްވިއެވެ. މިހާލަތުގައި ދީނީ ޢިލްމުވެރިން ޢަމަލު ކުރެއްވި ގޮތަކީ ސިޔާސީ ކަމެއްގައި ދީން ހަތިޔާރަކަށް ނެންގެވުން ކަމުގައި އަޅުގަނޑުމެންނަށް ބުނެވިދާނެތޯއެވެ؟
ނޫނެކެވެ! ހަމަ ހިލާ ނުބުނެވޭނެއެވެ. އެހެނީ ހައްޤަށް ގޮވާލުމާއި، މުންކަރާތް ނަހީ ކުރުމީ ކޮންމެ މުސްލިމަކާ މުސްލިމާއެއްގެ މައްޗަށްވާ ވާޖިބެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ މިފަދައިންނެވެ.
مَنْ رَأَى مُنْكَرًا فَاسْتَطَاعَ أَنْ يُغَيِّرَهُ بِيَدِهِ فَلْيُغَيِّرْهُ ، فَإِنْ لَمْ يَسْتَطِعْ بِيَدِهِ فَبِلِسَانِهِ ، فَإِنْ لَمْ يَسْتَطِعْ بِلِسَانِهِ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ
މާނައީ:- "ތިޔަބައިމީހުންނަށް މުންކަރާތެއް ފެނިއްޖެނަމަ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަމެއް އަތުން މަނާކުރާ ހުށިކަމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ދުލުން މަނާކުރާ ހުށިކަމެވެ. އެކަމަށްވެސް ކުޅަދާނަވެގެން ނުވާ މީހާ ހިތުން މަނާކުރާ ހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ." ވުމާއެކު މިނަބަވީ ޙަދީޘަށް ޢަމަލުކުރުމީ ސިޔާސީ، ނުވަތަ އެނޫންވެސް ކަމެއްގައި ދީން ހަތިޔާރަކަށް ހެދުންކަމުގައި ބުނެވޭނޭ އެއްވެސް ހަމައެއް ނޯންނާނެއެވެ. ސިޔާސީން އެމީހުންގެ އަމިއްލަ އެޖެންޑާ ކުރިއެރުވުމަށް މިފަދަ ބަސްތައް ބުނިކަމުގައި ވިޔަސް، އަޅުގަނޑުމެން ވާންޖެހޭނީ އެއަށްވުރެ ހަރުދަނާ ބަޔަކަށެވެ. އަޅުގަނޑުމެން ވާންވާނީ ކޮންމެ ޙާލެއްގައިވެސް އަޅުގަނޑުމެންގެ ދީން އިސްކުރާ ތެދުވެރި މުސްލިމުންނަށެވެ. ތަޢައްޞުބުން އެއްކިބާވެ ތިބެ، ކިތަންމެ ލޯބިވާ މީހަކު ކުރިކަމުގައި ވިޔަސް އެއީ މުންކަރާތެއްނަމަ އެކަމެއް ނަޙީކުރާ ބަޔަކަށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތުގެ މަގަށް މަގުދައްކަވައި ދީނުގެ މަގުގައި ސާބިތު ކުރައްވާށިއެވެ. އާމީން!
(كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ)((ال عمران 110))
"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ."
ކޮމެންޓް (0)
ލޯޑް ކުރަމުން...