ޢުމުރުން އެންމެ ދިހަ އަހަރުގެ އަފްޣާނިސްތާނުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރިކަމުގެ ކުށުގައި އިނގިރޭސި ސިފައިންގެ މީހެއްކަމުގައިވާ ގްރަނާޑިއަރ ގާޑްސްމަން ޑެނިއަލް ކުރޫކް، ސިފައިންގެ ވަޒީފާއިން ވަކިކޮށް 18 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ޢަސްކަރީ ކޯޓެއްގައި ކުރިޔަށް ދިޔަ ޝަރީޢަތުގެ އަޑު އެހުމުން ހާމަވިގޮތުގައި ޣުލާމް ނަބީ ނަމަކަށް ކިޔާ އެކުއްޖާއަށް ކުރޫކް އަނިޔާކުރީ އެކުއްޖާ އޭނާ ގާތު ޗޮކްލެޓް ދޭން ކިޔަން ފެށުމުންނެވެ.
މިޙާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މާޗްމަހު "ހެލްމަންދު" ޕްރޮވިންސްގައެވެ. ކުރޫކް މިޖަރީމާ ހިންގާފައިވަނީ އިންގްލެންޑް ގައި ހުރި އޭނާގެ އެކުވެރިޔަކު ފޮނުވާފައިހުރި ރާތަކެއް ބޮއި އަމަލުވެގެން ހުރެއެވެ. އޭނާ ބޮއިގެން ހުރި ވަރުން ފޯރިމަރަން ނުކުތުމުގެ ކުރިން އޭނާއަށް ވަނީ ފަރުވާވެސް ދެވިފައެވެ. އަދި އޭނާގެ އަތުގައި އޮތް ރައިފަލުވެސް އަތުލެވުނެވެ. ނަމަވެސް އޭނާ ވަނީ އަމިއްލައަށް ބެނެޓަކާ ދެ އަތުބޮން ހޯދާފައެވެ.
ޕްރޮސިކިޔުޓަރުން ބުނި ގޮތުގައި ބައިސްކަލުގައި އައި ދެކުދިންނާ ކްރޫކް އާ ބައްދަލުވުމުން އެތަނުން އެއްކުއްޖެއްކަމުގައިވާ ޣުލާމް ނަބީ، ކުރޫކް ކައިރީ ޗޮކްލޭޓް ދޭން ކިޔައި އުނދަގޫކުރަން ފެށުމުން އޭގެ ޖަވާބުގައި އޭނާ ވަނީ އެކުއްޖާގެ އަތުގައި ހިފެހެއްޓުމަށްފަހު އޭނާގެ އަތުގައި އޮތް ބެނެޓުން އެކުއްޖާގެ ކިޑްނީ އާ ދިމާލުގައި ތަޅައި އަނިޔާކޮށްފައެވެ.
އޭގެ ފަހުން ފޯރިމަރަން ނުކުމެ އުޅުނު އެހެން ސިފައިންނަށް ކްރޫކް ފެނުމުން އޭނާވަނީ އެކަމަށް އެއްބަސްވެފައެވެ. އަދި މިލިޓަރީ ޕޮލިހުން އޭނާއާ ސުވާލުކުރުމުން އޭނާ އެކަންކުރީ ކީއްވެކަމެއް އޭނާއަށް ބުނެދެވިފައެއް ނުވެއެވެ.
ޣުލާމް ނަބީގެ ބައްޕަ ހާޖީ ޝާހްޒާދާ (72 އަހަރު) "ގާރޑިއަން" ނޫހަށް ބުނިގޮތުގައި އިނގިރޭސި ސިފައިންގެ މީހާ އޭނާގެ ދަރިފުޅުގެ ގައިގައި ޖަހައި އަނިޔާކުރަންވީ ސަބަބެއެއް އޭނާއަކަށް ނޭގެއެވެ. އަދި އިނގިރޭސި ޢަސްކަރިއްޔާއިން އެކަމަށް މާފަށް އެދިފައެއްވެސްް ނުވެއެވެ.
ދަނޑުވެރިއެއް ކަމުގައިވާ ޝާހްޒާދާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ލިބުނު ޒަޚަމްތައް އަދިވެސް ރަގަޅުނުވެއެވެ. އަދި ސްކޫލަށްވެސް އެނބުރި ނުދެވެއެވެ. އޭނާ ބުނިގޮތުގައި އިނގިރޭސި ސިފައިން އަފްޣާނިސްތަނަށް އެރީ އަފްޣާނިސްތާނު "އާބާދު" ކުރުމުގެ ނަމުގައެވެ. ކުޑަކުދިންނަށް އަނިޔާކުރާކަށް ނޫނެވެ.
____________
މަޞްދަރު: ދި ޓެލެގްރާފް

ކޮމެންޓް (0)
ލޯޑް ކުރަމުން...