ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ޤައުމިއްޔަތެއް ބިނާކުރުމުގައި ޢަޤީދާ ވަރުގަދަވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. މާރަންދޫ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ޙަވާލުކުރެވޭނީ، ވަރުގަދަ ޢަޤީދާއެއްގެ މައްޗަށް ޤައުމިއްޔަތު ބިނާކުރެވިގެން ކަމަށެވެ.
ދީނީ ކަންތައްތައް ސަރުކާރުން ގެންދަނީ، ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަޞޭޙަތާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އަދި ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި، ދީނަކީ ހަތިޔާރެއް ކަމަށް، މި ސަރުކާރުން ނުހަދާނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިނަމަވެސް، އިސްލާމިކް މިނިސްޓަރ ޑރ. މަޖީދު އާއި އެހެނިހެން ދީނީ ޢިލްމުވެރިން ދެއްވާ ލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުނުކުރާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން އާއްމުކުރަން އުޅުނު މައްސަލައާއި، ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ކާފަރުން އަޅުކަންކުރާ ބުދުތައް ބެހެއްޓުން ފަދަ މައްސަލަތަކުގައި ވެސް ސަރުކާރުން ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ފުރަގަސްދީފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
އިސްލާމްދީނާ ޚިލާފަށް ސަރުކާރުން ކަންތައްތައް ކުރަމުންދާތީ، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދިވެހި ސިފައިންނަށް ޝައިޚް އިލްޔާސް ޙުސައިން ދެއްވަން ހަމަޖެހުނު ދަރުސެއް ވެސް ސީދާ ރައީސް ނަޝީދުގެ އެންގެވުމަށް ހުއްޓާލާފައިވާ ކަމުގެ މަޢުލޫމާތު މުއުތަބަރުކޮށް ލިބިފައިވެއެވެ.
ސަރުކާރުން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމްދީނަށް ފުރައްސާރަކޮށް މިދިޔަ މަހު ފަހުކޮޅު ވާހަކަދެއްކި މައްސަލަ ރައީސް ނަޝީދު ކުށްވެރިކުރެއްވުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދެއްވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި، ރޭ ކެލައަށް ވަޑައިގަންނަވާ އެރަށު ކައުންސިލާ ބައްދަލުކުރައްވައި، ލާމަރުކަޒީ އުޞޫލުން ހުރިހާ މުއައްސަސާތައް ގުޅިގެން ރަށް ހިންގެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އިހަވަންދޫ، މާރަންދޫ އަދި ތަކަންދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައި، އެރަށްރަށުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރެއްވުމާ ބެހޭގޮތުން ރައީސް މަޝްވަރާ ކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...