
އެމްޑީޕީން ސްޕްރީމް ކޯޓު ކައިރީގައި 20 އޮކްޓޯބަރު 2011 ގައި ކުރި މުޒާހަރާގެ ތެރެއިން ރީކޯ މޫސާ މަނިކު (ކ. ން ދެވަނަ އަށް) އަދި އެޕާޓީގެ އެކްޓިވިސްޓުން – ރީކޯ މޫސަގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް އެމްޑީޕީގެ ބައެއް މެމްބަރުން ކުރޭ.
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ކުރައްވާ ތުހުމަތުތަކުގައި ޙަޤީޤަތެއްވޭތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަންގަވައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އާއި، އަދި ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ކުރައްވާ ތުހުމަތުތަކަކީ ހަމައެކަނި ކުރެވޭ ތުހުމަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެއީ ސާބިތު ހިފިދާނެ ވާހަކައެއްތޯ ބެއްލެވުމަށް ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން، އެކަން ބަޔާންކުރައްވައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމް ވަނީ އެތިން ބޭފުޅުންނަށް ސިޓީ ފޮނުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ، އެ ތިން ބޭފުޅުން ސަރުކާރަށް ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭގޮތުން ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތުތަކާއި، ހެކިތަކާއި، ޤަރީނާތައް، ތަފްޞީލާއެކު ވެވަޑައިގެންނެވި އެންމެ އަވަހަކަށް ރައީސް އޮފީހަށް ފޮނުއްވައިދެއްވުމަށެވެ.
އަދި އެކަމުގައި އެތިން ބޭފުޅުންގެވެސް ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ނިހާޔަތަށް ބޭނުންފުޅުވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މެންބަރު އަޙްމަދު ރަޝީދާއި، މުޞްޠަފާ އާއި، އަދި ޝިފާޤު ވަނީ އެކި ފަހަރު މަތިން ސަރުކާރު ތެރޭގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަގެ ކުންފުންޏަށް ސަރުކާރުގެ އެކި މަޝްރޫޢުތައް ކޮރަޕްޝަން އެކުލެވޭ ގޮތަށް ދީފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...