"އަބޫ އުމާމާ" ގެ ގަލަމުން
މިސާލަކަށް ޓެނިސް ނަގަމާ ހިނގާށެވެ. އަންހެނުން ލާން މިޖެހެނީ ޓޮޕަކާއި ފޫކޮޅު ނުފޮރުވޭވަރުގެ މިނީސްކާޓެކެވެ. ޓޮޕް މިހުންނަނީ ގައިގެ ބައްޓަމަށް ގަޔަށް ބާރުކޮށެވެ. ކުޅިވަރުގެ ގަވާއިދު ބުނާގޮތުން އެމީހުންނަކަށް ފައިގެ ފަލަމަސްގަނޑު ނިވައެއް ނުކުރެވެއެވެ. ކުޅެން މިޖެހެނީ ލައިގެން ހުންނަ ޖަނގިޔާ ދައްކައިގެންނެވެ. އެކަމަކު ފިރިހެނުން ގަޔަށް ދޫކޮށް ހުންނަ ޓީޝާޓް ލާއިރު ކަކުލާއި ހަމައަށް ފޯރާ ސޯޓް ވެސް ލެވެއެވެ. ރަފައެލް ނަޑާލް އެނގިލައްވާތޯއެވެ؟ މިއީ މިމީހުން މިކިޔާ ޝަރަފެވެ. ހަމަހަމަ ކަމެވެ.
ދެން ބީޗްވޮލީއެވެ. މަޑުފަސްގަނޑުގައި ކޮޅެއްގައި ދެމީހުން ތިބެގެން ކުޅޭވޮލީއެވެ. ފިރިހެނުންނަމަ ޓީޝާޓާއި ސޯޓެވެ. އަންހެނުންތޯއެވެ. "ޓޫޕީސް" އެވެ. ބިކިނީއެވެ. އެންމެ އާދައިގެ ގޮތަށްނަމަ ޖަނގިޔަލާއި ބުރެޝިއަރެވެ. މިހެދުމުގައި ތިބެގެން ކުޅޭއިރު ވަށައިގެން ސަޕޯޓަރުން ތިބޭނެއެވެ. ޓީވީ ޗެނަލްތަކުން ދުރަށް ދައްކަމުން ދާނެއެވެ.
ދެން އެތުލެޓިކްސް ނުވަތަ ކަސްރަތަށް ބައްލަވާށެވެ. އޭގެވެސް ގިނަ ޙަރަކާތްތަކުގައި ފިރިހެނުން ތިބޭނީ ޓީޝާޓާއި ސޯޓުގައެވެ. ގަޔަށް ދޫ ހެދުމުގައެވެ. އެކަމަކު އަންހެނުންނަމަ ހީވާނީ ގައިގައި ކުލަލާފައި ފޭރާމެއް ނުލާ ތިބޭ ފަދައަކުންނެވެ. އެމީހުން ދުވިޔަސް، ނެށިޔަސް، "ބީމް" މަތީގައި އެކޮޅުކޮޅުން ޖެހުނަސް، ފުންމިޔަސް، ދަނޑީގައި އެލިގެން ބުރުއުކިޔަސް ނުވަތަ އެނޫންވެސް ކޮންމެ ކަމެއް ކުރިޔަސް ޅިނދުން ފެށިގެން ތިރި އޮންނާނީ ހާމައަށެވެ. އަދި އޭގެ މަތީބައި ކޮނޑާ ހަމައަށް ފެންނާނީ ދަވާދު ކާއްތައިގެން ތިބޭހެންނެވެ.
އައިސްކޭޓިންގ، ފިގަރސްކޭޓިންގ މިރޮނގުން ވަކި ދެރައެއް ނުވާނެއެވެ. އަންހެނުންގެ ހެދުން އާދައިގެ ރުމާލަކުންވެސް ފެހޭހާ ޚަރަދު ކުޑަވާނެއެވެ. އެމީހުން ލައިގެން ތިބޭ ހެދުން ފެނިއްޖެނަމަ އެހެދުން އެލަނީ ކޮން ބޭނުމަކުތޯ ހިތުގައި ސުވާލު އުފެދޭހާ ވާނެއެވެ. އެކަމަކު ފިރިހެނުންގެ ހެދުމަކީ ހަމަ ކޯޓްފަޓުލޫނު ފަދަ ހެދުމެކެވެ. އަޖައިބެއްފަހެ ނުވާނެ ހެއްޔެވެ؟ ދުވަހަކަށްވުރެ ދުވަހެއް މިރޮނގުން އަންހެނުންގެ ބަރަހަނާ ކުރެވޭލެއް މިދަނީ ބޮޑުވަމުންނެވެ.
ދާދި ފަހަކުން އަޅުގަނޑު އަޑުއެހި ޚަބަރެއްގައި 2012 ގެ ލަންޑަން އޮލިމްޕްކްސްގައި ބޮކްސިންގައި ބައިވެރިވާ އަންހެން އެތުލީޓުންނަށް ސްކާޓް ލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވެއެވެ. މިހާރު އެމީހުންގެ ހެދުމަކީ ޓީޝާޓާއި ކަކުލާއި ހަމައަށް ދާވަރުގެ ސޯޓެވެ. ދިގު ސޯޓްގެ ބަދަލުގައި ސްކާޓް ބޭނުންކުރަން ފެށުމުން އެކުޅިވަރުގެ ތެރޭގައި އެ އެތުލީޓުން ބަރަހަނާވާ މިންވަރު ބޮޑުވާނެ ކަމީ ހަމަ ޔަޤީންކަމެކެވެ.
ދެން ކުޅިވަރުކުޅޭ މީހުންނަށް ހިތްވަރުދީ ސަޕޯޓްކުރާ ކުރުމަށް ބަލާލަމާ ހިނގާށެވެ. ޗިއަރލީޑަރުންނަކީ ކުޅުންތެރިންނަށް ހިތްވަރުދީ ސަޕޯޓް ކުރުމަށްޓަކައި ނަށާ އަދި ތަފާތު އެކްރޮބެޓިކް ޙަރަކާތްތައް ކުރާބައެކެވެ. ޢާއްމު ގޮތެއްގައި މިމީހުން ފެންނަނީ ފިރިހެނުން ކުޅޭ ކުޅިވަރުތަކުގެ މައިދާންތަކުންނެވެ. އެކަމުގައި އުޅެނީ އަންހެން ކުދިންނެވެ. އެކުދިންގެ ޙަރަކާތްތަކާއި ހެދުން ހުންނާނީ ފިރިހެނުންގެ ސަމާލުކަން ވީހާވެސް ބޮޑަކަށް ލިބޭގޮތަށެވެ. އެކަމަކު އަންހެންކުދިންގެ ކުޅިވަރުތައް ކުރިއަށްދާއިރު ފިރިހެނުން އެފަދަ ޙަރަކާތްތައް ހިންގާތީއެއް ނުފެނެއެވެ.
ޒުވާން ރީތި އަންހެން ކުދިންތައް އެކުދިންގެ ހަށިގަނޑުއެއްކޮށްހެން ހާމަވާގޮތަށް ހެދުން އަޅައިގެން ދެއަތުން ޕޮންޕޮން ހިފައިގެން ދެސަފަށް ތިބޭއިރު ސްޕަރބޯލް ކުޅޭ ފިރިހެނުންތައް އެދެސަފު ދޭތެރެއިން ދަނޑަށް އަރާއިރު އަދި ކުޅިބަލަން ވަދެ ތިބޭ އެންމެން ސަޕޯޓްކުރުމުގެ ގޮތުން ހަޅޭއްލަވާއިރު އެއަންހެން ކުދިންގެ ޝަރަފާއި ކަރާމަތާއި ޢިއްޒަތަކީ ކޮބައިހެއްޔެވެ؟ އެ އަންހެން ކުދިން އެކުޅޭ ރޯލު ފިރިހެނުން ނުކުޅޭއިރު އެބުނާ ހަމަހަމަކަމަކީ ކޮބައިހެއްޔެވެ؟
ހުނޅަގުގެ އަދި އެނޫންވެސް ކާފަރު ޤައުމުތަކުގެ މައިގަނޑު ސިޔާސަތަކީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަމެންނާއި، އަނބިންނާއި، އުޚުތުންނާއި އަދި އަންހެން ދަރިން އެޖިންސަކަށް ނިސްބަތްވާ އަންހެން ޖިންސުގެ ޢިއްޒަތާއި ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެކަން ވެއްޔާ މޮޑެލުމެވެ. އެކަނބަލުންގެ ހަށިތަކަކީ ފިރިހެނުންގެ ލޮލަށް "ޖާފަތެއް" ކަމުގައި ހެދުމެވެ.
ބައިސްކަލު، ސައިކަލް އަދި ކާރުރޭސްތަކުގައި ވެސް ހަމަ މިއުސޫލުން އަންހެން ކުދިން ބޭނުންކުރެވެމުން ދެއެވެ. ފޯމިއުލާ ވަން ފަދަ ކާރު ރޭސްތަކުގައި، ޓުއަރޑިފުރާންސް ފަދަ ބައިސްކަލު ރޭސްތަކުގައި އަދި މިނޫންވެސް ރޭސްތަކުގެ އެކިކަންކަމުގައި އެކި ޙާލަތްތަކުގެ އަންހެންކުދިންގެ އޮރިޔާންކަން އިޝްތިހާރުކުރެވެމުން ދެއެވެ. އެކުދިން އެރޭސްތަކުގެ ކަންކަމުގައި ބޭނުން ކުރެވެމުން ދަނީ އެކުދިންގެ ހުރި ވަކިހުނަރެއްގެ ސަބަބަކުން ނޫނެވެ. ހަމައެކަނި އެކުދިންގެ ޖިސްމުތައް އިޝްތިހާރުކޮށް އެމީހުންގެ އެ ކުޅިވަރުތައް ބޮޑުއަގުގައި ވިއްކާ ފައިސާ ހޯދުމަށެވެ.
މީގެއިތުރުން ތަފާތު ކުޅިވަރުތަކުގައި ބޭނުންކުރެވޭ "ބޯލްބޯއިސް" އަދި "ބޯލްގާރލްސް" އަށް ބެއްލެވިޔަސް މިތަފާތު ފެންނާނެއެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ގަދަ ފިރިހެން އަށް ކުޅުންތެރިންގެ މުބާރާތުގެ މެޗެއް ބައްލަވާލެއްވިޔަސް މީގެ ޙަޤީޤަތް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ.
ކުޅިވަރުގެ މުބާރާތްތަކުގައި ދެވޭ އިނާމަށް ބަލައިލިކަމުގައި ވިޔަސް އެބުނާ ހަމަހަމަކަން އެއޮތީ ފެންނާށެވެ. އަންހެނުން އެހާ ބޮޑަށް ބަރަހަނާވާން ޖެހޭއިރުވެސް ކޮންމެ ކުޅިވަރެއްގައިހެން މުބާރާތްތައް ކާމިޔާބުކުރާ ކުޅުންތެރިންނަށް ދެވޭ ފައިސާގެ އިނާމަށް ބަލާލާއިރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ދެވޭ ފައިސާގެ ޢަދަދު އެތައް ގުނައަކުން ކުޑައެވެ. ތިޔަބޭފުޅުން އަމިއްލައަށް "ގޫގުލް" ކޮށްލެއްވިޔަސް ތަފްޞީލު ފެނިވަޑައިގަންނަވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހުނޅަގުގެ އަދި އެނޫންވެސް ކާފަރު ޤައުމުތަކުގެ މައިގަނޑު ސިޔާސަތަކީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަމެންނާއި، އަނބިންނާއި، އުޚުތުންނާއި އަދި އަންހެން ދަރިން އެޖިންސަކަށް ނިސްބަތްވާ އަންހެން ޖިންސުގެ ޢިއްޒަތާއި ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެކަން ވެއްޔާ މޮޑެލުމެވެ. އެކަނބަލުންގެ ހަށިތަކަކީ ފިރިހެނުންގެ ލޮލަށް "ޖާފަތެއް" ކަމުގައި ހެދުމެވެ.
ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ކަންތައްތައް އޮތީ މިފަދައަކުންނެވެ. މި އަލިއަޅުވާލީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަށެވެ. ޙަޤީޤަތުގައި ކުޅިވަރަކީ އޭގައި ބެލުންތެރިންގެ ސަމާލުކަން ކުޅުންތެރިންގެ ހުނަރަށާއި ބުންވަރަށާއި ކުޅަދާނަކަމަށް ހުއްޓޭ ޙަރަކާތެވެ. އެކަމަކު ކުޅުންތެރިންނަކީ އަންހެނުން ކަމުގައި ވަނީނަމަ މިހުރިހާ ކަމެއްގެ މައްޗަށް އިސްވަނީ ކުޅުންތެރިންގެ ހަށިގަނޑުތަކެވެ. އަދި ޚާއްޞަކޮށް ޓެނިސް ކަހަލަ ވަކިވަކި ކުޅުންތެރިން ތަމްސީލު ކުރާ ކުޅިވަރުތަކުގައި މަޝްހޫރުކަމާއި ގިނަ ފައިސާ ހޯދުމުގައި އެކުޅުންތެރިންގެ ހަށިގަނޑަކީ ވަރަށް އިސްރޯލެއް އަދާކުރާ އެއްޗަކަށް މިވަނީ ވެފައެވެ.
ގިނަ ސްޕޮންސަރޝިޕްތައް މިލިބެނީ ރީތި އަދި ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކޮށް ބަރަހަނާވާ ކުޅުންތެރިންނަށެވެ. މިއީ "ޕިއްލޭ" މެން އަންހެނުންނަށް އެހޯދައިދޭ ޢިއްޒަތާއި ޝަރަފެވެ. މިއީ އޭގެ ހަމަ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ބޮޑުބައި އަދިއޮތީއެވެ. އެކަންތައްތައް ހާމަކުރުމަށްޓަކައި އެތައް ޞަފުޙާއެއް ލިޔަން ޖެހޭނެއެވެ. އާދޭހެވެ! އަންހެނެއް ވިއްޔާ؟؟؟؟؟؟؟ ތިހީފުޅު ކުރެއްވީ ރަނގަޅަށެވެ. އަންހެނެއް ވިއްޔާ ޖެހޭނީ ވީހާވެސް ބޮޑަކަށް ހަށިގަނޑު ހާމަކުރާށެވެ. ހަންގަނޑު ހާމަކުރާށެވެ. އަންހެނެއް ވިއްޔާ ހަންގަނޑެވެ.
(ނިމުނީ)

















މާޝާ ﷲ ވަރަށް ރީތި.