ދީނީ ލިޔުންދީން

ﷲގެ ރުހިވޮޑިގަތުން – ދެދުނިޔޭގެ ކާމިޔާބު

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމީ، އޭނާގެ ދިރިއުޅުމުގެ މަޤްޞަދުކަމުގައި ހަދައި، އެގޮތް މަތީ ހެނދުންކޮށް ހަވީރުކުރާ މީހާ ދަންނާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ، އޭނާގެ ހުރިހައި ބޭނުންތަކެއް ފުއްދާނޭ މަގު ފަހިކޮށް ދެއްވާނެއެވެ. އަދި ކަންބޮޑުވާނެ ހުރިހާ ކަމަކުން އޭނާ ރައްކާތެރި ކުރައްވާނެއެވެ. އޭނާގެ ހިތް އެއިލާހަށް ލޯބިކުރުމަށް ޚާލިޞްކުރައްވާނެއެވެ. އޭނާގެ ދޫ އެއިލާހުގެ މަތިން ހަނދުމަކުރުމުގައި ލަހައްޓަވާނެއެވެ. އަދި އޭނާގެ ގުނަންތައް އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް، އަޅުކަންކުރުމުގައި މަޝްޣޫލު ކުރައްވާނެއެވެ.

ދުނިޔޭގެ އަރާމާއި އުފާ ހޯދުމީ، އޭނާގެ ދިރިއުޅުމުގެ މަޤްޞަދުކަމުގައި ހަދައި، އެގޮތް މަތީ ހެނދުންކޮށް ހަވީރުކުރާ މީހާ ދަންނާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ، އޭނާގެ ބޭނުންތައް ފުއްދާނޭ މަގު ދަތިކުރައްވާނެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށް އެކަންތައް ޖައްސަވާނެއެވެ. ހާސްކަމާއި، ކަންބޮޑުވުމާއި، ދަތިއުނދަގުލުގައި، އޭނާ ދިރިއުޅެންޖެހޭގޮތް މެދުވެރިކުރައްވާނެއެވެ. އެއިލާހަށް ލޯބިކުރުމުގެ ބަދަލުގައި، އޭނާފަދަ އެހެން މަޚްލުޤުންނަށް ލޯބިކުރުމުގައި އޭނާގެ ހިތް މަޝްޣޫލުކުރުވާނެއެވެ. އެއިލާހުގެ މަތިން ހަނދުމަކުރުމުގެ ބަދަލުގައި، އެމީހުންނަށް މަދަޙަޘަނާ ކިޔުމުގައި އޭނާގެ ދޫ ބިޒީކުރުވާނެއެވެ. އަދި އެއިލާހަށް އަޅުކަންކުރުމުގެ ބަދަލުގައި، އެމީހުންނަށް ޚިދުމަތްކުރުމުގައި އޭނާގެ ގުނަންތައް އަވަދިނެތި ކުރުވާނެއެވެ.

ފަހެ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހަށް ލޯބިކުރުމުން އެއްކިބާވެއްޖެ މީހާ ދަންނާށެވެ! އޭނާފަދަ އެހެން މަޚުލޫޤުންގެ އަޅުވެތިކަމުގެ ދަށަށް އޭނާ ދާ ހުއްޓެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ (الزخرف : 36) ” ރަޙުމާންވަންތަ އިލާހު ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަން އިލާހު ޝައިޠާނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.”

ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ޢަރަބީންގެ ތެރޭގައި މަޝްހޫރު މިޘާލުބަހެއް ތިޔަބައިމީހުން ގެނެސްފިނަމަ، އެއިން ކޮންމެ މިޘާލުބަހަކަށް ތިމަން ޤުރުއާނުން އާޔަތެއް ގެންނަވާ ހުށީމެވެ.” އެތަނުން މީހަކު ބުންޏެވެ. “ތިބާގެ އަޚާއަށް ކަދުރުއޮށެއްގެ މިންވަރު ވިޔަސް ދޭށެވެ. އޭނާ ޤަބޫލުނުކޮށްފިނަމަ އަނގުރު އަލިފާންގަޑެއް ދޭށެވެ. މި މިޘާލުބަހަށް ޤުރުއާނުން އާޔަތެއް ގެންނާށެވެ.” އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا… (الزخرف : 36) ” ރަޙުމާންވަންތަ އިލާހު ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަން އިލާހު ޝައިޠާނެއް ފާކުރައްވާހުށީމެވެ.”

_________________________________________

އަޞްލު : فوائد الفوائد لابن القيم الجوزية

ގުޅުންހުރި

2 ޚިޔާލު

  1. Alhamdulillaah Ya ALLAH
    Maasha ALLAH JazakALLAH Khayr

  2. Ma Sha Allah! Ibrathun furigenvaa liyunkolheh!

Your email address will not be published. Required fields are marked *