ދިއިސްލާމް ޕިއްލޭ އަށް ޙައްޤު އަދަބު ދިނުމަށް ސަލަފުން އދ. އަށް ގޮވާލައިފި

ޕިއްލޭ އަށް ޙައްޤު އަދަބު ދިނުމަށް ސަލަފުން އދ. އަށް ގޮވާލައިފި

ޕިއްލޭ އަށް ޙައްޤު އަދަބު ދިނުމަށް ސަލަފުން އދ. އަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ޕިއްލޭއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޔޫއެން ބިލްޑިން ހުންނަ ދިމާ އަމީނީ މަގުގައި މުޒާހަރާކުރަނީ - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމްދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ޤާނޫނޫ އަސާސީގެ ބާރު ކަނޑުވާލާފައިވާތީ އދ. އިން އެމައްސަލަ ބަލައި ޕިއްލޭ އަށް އެކަމުގެ ޙައްޤު އަދަބު ދިނުމަށް ޖަމްޢިއްޔަތުއްސަލަފުން އދ. އަށް ގޮވާލައިފިއެވެ.

އދ. އިން ދިވެހިރާއްޖެ އަށް ކަނަޑައަޅުއްވާފައި ހުންނެވި ރެސިޑެންޓް ކޯޑިނޭޓަރ އަށް ސަލަފުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ޕިއްލޭ މިމަހު 24 ގައި ރައްޔިތުންގެ މަޖިލީސް މެމްބަރުންނާ ބައްދަލުކޮށް އިސްލާމްދީނުގެ ޙުކުމްތަކާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކައަކީ ރާއްޖޭގެ ދުސްތުރީ އަސާސް ކަމުގައިވާ، އިސްލާމްދީނުގެ އަސާސީ މަޞްދަރު، ކީރިތި ޤުރުއާނަށް ގޮންޖަހާ މާތް ﷲ ބާވައިލައްވާފައިވާ ޙުކުމް ބާޠިލްކުރުމަށް ގޮވާ ދައްކާފައިވާ ލާއިންސާނީ ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ ވާހަކަތަކުން ރާއްޖޭގެ ޤާނޫނު އަސާސީގެ ބާރުވެސް ކަނޑުވާލާފައިވާ ކަމަށެވެ.

އެހެން ކަމުން ޕިއްލޭ އެކަންކޮށްފައިވާ ކަމުގެ ރިޕޯޓް ތައްޔާރުކޮށް އެކަން ކުށްވެރިކޮށް އދ. ގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި، އަދި ދެވަނަ ފަހަރު އެފަދަ ކަމެއް އދ. އަށް ނިސްބަތްވާ މީހަކު ކުރިއަނުދޭނެ ކަމަށް އެއްބަސްވާގޮތަށް އެފަރާތުގެ މެދުގައި އަޙްދުހިއްޕަވައި އެކަމުގައި ފިޔަވަޅު އެޅުމަކީ ލާޒިމް ކަމެއް ކަމުގައި ސަލަފުން ބުނެފައި ވެއެވެ.

ސަލަފުން ބުނީ އދ. ކަމުގައި ވިޔަސް، އަދި އެނޫން ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމއުގައި ވިޔަސް، އަދި ދުނިޔޭގެ ކިތަންމެ ބޮޑު ޕަވަރެއް ކަމުގައި ބެލެވިފައި ވާ ބައެއް ކަމުގައިވިޔަސް، މި 100% އިސްލާމީ ދިވެހި ބިމުގައި ޕިއްލޭ ޢަމަލު ކުރިފަދައިން އިސްލާމްދީނަށް ކުޑައިމީސް ވާފަދަ ގޮތަކަށް އެންމެ ބަހެއްވެސް ބުނުމަކީ އަކަމާ އިންކާރުނުކޮށް ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބުއްދި ހުރި، ހަމަ އާއި އިންޞާފަށް ލޯބިކުރާ ހަމަ ކޮންމެ މީހަކުމެ، 100% އިސްލާމް ޤައުމެއްގެ ރައްޔިތުންގެ ވިންދާ ގުޅިފައިވާ މިފަދަ ޙައްސާސް މައްސަލައަކާ ބެހޭ ގޮތުން ޕިއްލޭ ދެއްކި ވާހަކަ އަކީ ތަހުޒީބު ކަމެއް އޭނާގެ ނެތްތާނގައި އަނެކާގެ އިހްސާސްތަކަށް ބެލުމެއް ނުގެންގުޅޭ އެންމެ ތަންދޮރު ނުދަންނަ ސަފީހުންގެ މިޒާދުގައި ހުންނަ ޢަމަލެއް ކަމުގައި ނޫނީ އެވާހަކަތަކާ މެދު ނުދެކޭ ހުއްޓެވެ. އަޅުގަނޑުމެންގެ މި ޤައުމުގައި ދީނެއް އެބައޮތެވެ. ޤާނޫނެއް އެބަ އޮތްމެއެވެ. ޘަޤާފަތަކާއި، އުޅުމެއް ވެސް އެބައޮތެވެ. ޠަބީޢަތަކާ މިޒާޖެއްވެސް މި ޤައުމުގައި އޮންނާނެ މެއެވެ. މިކަންކަން ޤަބޫލުނުކުރެވޭ ބަޔަކު، ނުވަތަ ޤަބޫލުކޮށްގެން ކަމަށް ތިބެ، އެކަންކަމަށް ގޮންޖަހާ އިޖްތިމާޢީ ބަދަހިކަމުގެ ކިއްލާ ފުނޑުފުނޑު ކޮށްލުމަށް މަސައްކަތްކުރާ ބަޔަކު ދިވެހި ރައްޔިތުންނަށް އަމާންވާނީ ކޮންފަދައަކުން ހެއްޔެވެ؟" ސަލަފްގެ ސިޓީގައި ވެއެވެ.

ސަލަފުން ބުނީ ޕިއްލޭ ވަނީ ރާއްޖޭގައި ޤާނޫނު އަސާސީ އެއް އޮންނަ ކަމަށް ޤަބޫލުނުކުރާ ކަމަށް ބުނެ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގައި ވެސް ކޮޅުފައިން ޖަހާފައި ކަމަށެވެ. އަދި މިކަމަކީ ކޮންމެ ޤައުމެއްގައި ވެސް އެންމެ މަތީ ދަރަޖައިގެ އަދަބު ކަނޑައެޅިގެންދާނޭ ބަލައިނުގަނެވޭނެ ބޮޑު ޖަރީމާއެއް ކަމުގައި ޤާނޫނު ހެދިފައިވާ ކަމަށް ސަލަފުން ބުނެފައި ވެއެވެ.

"މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަކީ ތިޔަ ފަރާތްތަކުގެ ޒިއްމާއެއް ކަމުގައި ވެސް ދަންނަވަން ޖެހެއެވެ. އަދި ނަވީ ޕިއްލޭގެ މި ޖަރީމާގެ ޙައްޤު އަދަބު ނުލިބި އިންޞާފުން ރެކިގަތުން ވާނީ ދިވެހިންނަށާ އަދި ދިވެހިރާއްޖެ އަށް އަލިފުދާލުން ކުރާ ބޮޑު އަނިޔާއެއް ކަމުގައެވެ. މިފަދަ އަނިޔާތައް ދެވަނަ ފަހަރަށް ތަޙައްމަލު ކުރާނެކަމަށް އެސްޓިމޭޓު ކުރުމަކީ ވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ލޮބުވެތި މުޥާޠިނުންނަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާ ހުއްޓެވެ." ސަލަފްގެ ސިޓީގައި ވެއެވެ.

ސަލަފްގެ ސިޓީގައި ބުނެފައި ވަނީ އދ. ގެ ފަރާތުން ކުރަމުންދާ މިފަދަ ޙަރަކާތްތަކާމެދު އެ ޖަމްޢިއްޔާ އިން ފާރަވެރިވަމުންދާނެ ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ސިޓީ

ޓެގް

އދ ޕިއްލޭ ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.