
ސަރުކާރުން ހިންގާ ލާދީނީ ކަންތައްތަކާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް
ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ކާފަރުން އަޅުކަންކުރާ ބުދުތައް ބެހެއްޓުމާއި، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ ގެނެސް ސަރުކާރުން ހިންގި ކަންތައްތަކަކީ ރާއްޖެއިން އިސްލާމީ އެއްބައިވަންތަކަން ނައްތާލާ، އިސްލާމްދީނުގެ ޝަރީޢަތުގެ ބާރު ކަނޑުވާލައި، އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ޕްރޮގްރާމްގެ ދަށުން ހިންގާ ކަންތައްތައް ކަމުގައި ޢަދާލަތު ޕާޓީން ބުނެފިއެވެ.
ޢަދާލަތުގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން އެޕާޓީގެ ރަސްމީ ވެބްސައިޓްގައި އިއްޔެ ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ޚާއްސަ ދަޢުވަތަކަށް ރާއްޖެ އައި ޕިއްލޭ ވަނީ ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފަށް، އިސްލާމްދީނުގެ ޝަރީޢަތަށް ގޮންޖަހައި، ކީރިތި ޤުރުއާނުގެ ޙުކުމްތައް ބަދަލުކުރުމަށް ރާއްޖޭގައި “ޢާންމު ބަޙުސް” ފެށުމަށް ގޮވާލާފައި ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭނޭ ކަމުގައި ބަޔާންވެފައި އޮންނާތީވެ އޭގައި ކޮޅުފައިން ޖަހައި އެއީ ގާނޫނު އަސާސީއެއް ކަމުގައި ގަބޫލު ނުކުރާ ކަމަށް ބުނެ ދިވެހިންގެ ލެޔާއި ކުޅެފައި ފުރިތާ ތިން ދުވަސްވެފައިވާ ކަމަށެވެ.
އިސްލާމްދީނަށާއި ރާއްޖޭގެ ޤާނޫނު އަސާސީ އަށް ގޮންޖަހާލައި ޕިއްލޭ ވާހަކަ ދައްކާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައާއި، ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
ޑރ. މަޢުރޫފް ވިދާޅުވީ، ކޮންމެ ހަފުތާއަކު ޚިޠާބު ދެއްވާ ރައީސް ނަޝީދު މިކަންތައް ކުށްވެރި ކުރައްވާ އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަށްފަހު، އިއްޔެ ރޭގައި ބޭއްވުނު ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން “މީހުން ދައްކާ ވާހަކަ ތައް އަޑުއަހައި ހަޖަމް ކުރުމުގެ ބާރު ހުންނަންޖެހޭނޭ” ކަމަށް ވިދާޅުވެ ޕިއްލޭ ދެއްކެވި ވާހަކަ ތަކަށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން، ރައީސް ނަޝީދުގެ ޙަގީގަތާއިމެދު އެއްވެސް ދިވެއްސަކު ޝައްކު ކުރާނޭ ޖާގައެއް ނެތް ކަމުގައި ޑރ. މަޢުރޫފް ވިދާޅުވިއެވެ.
ޑރ. މަޢުރޫފް ފާހަގަކުރައްވާފައިވާ ގޮތުގައި ޕިއްލޭގެ ވާހަކަތައް ދިފާޢުކޮށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެއް މީޑިއާގެ ސަމާލުކަމަށް އައިސްގެން އެވާހަކަ ދައްކަން ފެށުމުން އެލިޔުން ވެބްސައިޓުން ކުއްލިއަކަށް ނަގާފައި، ޕިއްލޭގެ ވާހަކަތައް މަތިމަތިން “ކުށްވެރިކޮށް” ތިން ދުވަސްފަހުން އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ.
ޑރ. މަޢުރޫފް ވިދާޅުވީ ޕިއްލޭގެ ކަންތަކާ ބެހޭގޮތުން ބޭރުގެ ނޫސްތަކުގައިވާ ރިޕޯޓްތަކުންވެސް އެކަމަކީ ދިވެހި ސަރުކާރު ހިންގަންތިބި ފަރާތްތަކާ ގުޅިގެން ހިންގި ޖަރީމާއެއް ކަން ސާބިތުވާ ކަމަށެވެ. މަޝްހޫރު ވޮއިސް އޮފް އެމެރިކާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ބުނެފައި ވަނީ ޕިއްލޭ ރާއްޖެ އަށް ކުރި ޒިޔާރަތުގައި ޙައްދު ޖެހުން ހުއްޓުވާނޭ ގޮތަކާއިމެދު ރައީސް މުޙައްމަދު ނަޝީދު އާއި ސަރުކާރުގެ އިސްވެރީންނާއެކު މަޝްވަރާ ކުރި ކަމަށް ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާ ކަމަށެވެ. އަދި ޙައްދު ޖެހުން އެއްކޮށް މަނާ ކުރެވެންދެން އެކަން ވަގުތީގޮތުން ހުއްޓާލުމަށްވެސް ޕިއްލޭ ސަރުކާރަށް ލަފާ ދީފައިވާ ކަމަށް އެޚަބަރުގައި ވެއެވެ.
މިސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި، ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ބުނުމަށްފަހުގައި ކޮންސަރވޭޓިވް ޕާޓީގެ ވެބްސައިޓްގައި ލިޔެފައިވެއެވެ. “މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ހަމަހިމޭންކަމާއިއެކު ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޑިޕްލޮމެޓިކް ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ.”
ޑރ. މަޢުރޫފް ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރު ވެރިކަމަށް އައީ ބޭރުގެ ފަރާތް ތަކެއްގެ ވަރަށްބޮޑު އެހީތަކަކާ އެކުގައިކަމީ ބޭރުގެ ނޫސް ތަކުން އެނގޭ ކަމެކެވެ. އެގޮތުން، ރައީސް ނަޝީދު ވެރިކަމަށް އިސްވެވަޑައިގަތްތާ ކުޑަދުވަސްކޮޅެއްގެ ފަހުން އިނގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާޓީގެ އިސްވެރިންގެ ވެބްސައިޓްގައި، “ކޮންސަރވޭޓިވް ޕާރޓީ މީހުންގެ ނުފޫޒު ދިވެހި ރާއްޖޭގައި އެބައޮތް – އަދި މީގެ ބޭނުން ހިފުން މުހިންމު” މި މައުޟޫއަށް ލިޔެފައިވާ ލިޔުމެއް ޑރ. މަޢުރޫފް ޙިއްޞާކޮށްފައިވެއެވެ.
އެ ލިޔުމުގައި ވަނީ : "އަލަށް ރައީސްކަމަށް ހޮވިވަޑައިގަތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ މުޙައްމަދު ނަޝީދު އެގައުމުގައި 30 އަހަރު ދުވަހުގެ ތެރޭގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބް ކާމިޔާބު ކުރެއްވީ ކޮންސަރވޭޓިވް ޕާރޓީގެ އެކްސްޕާރޓައިސް (ތަޖުރިބާ) ގެ ބޭނުން ވަރަށް މަތީ ދަރަޖައަކަށް ހިއްޕަވައިގެންނެވެ. ރިޕޯރޓް ތަކުން އެގޭގޮތުގައި އޭނާގެ ކެމްޕޭންގެ ކަންތައް ބަލަހައްޓާދިނީ ލަންޑަންގެ މޭޔަރ ބޮރިސް ޖޯންސަން ގެ ކުރީގެ އެއިޑެކެވެ. (އެހީތެރިއެކެވެ.) އަދި ކެމްޕޭނަށް ފަންޑް ހޯދައިދިނުމުގައި ކޮންސަރވޭޓިވް ޕާރޓީއިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ."
މިސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި، ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ބުނުމަށްފަހުގައި ކޮންސަރވޭޓިވް ޕާޓީގެ ވެބްސައިޓްގައި ލިޔެފައިވެއެވެ. “މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ހަމަހިމޭންކަމާއިއެކު ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޑިޕްލޮމެޓިކް ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ.”
ޑރ. މަޢުރޫފް ވިދާޅުވީ މިސަރުކާރު އައިފަހުން ކަންތައްތައް ހިނގަމުން ދާގޮތާމެދު ވިސްނާލާ ކޮންމެ މީހަކަށް މިސަރުކާރުން ކުރަހަން ބޭނުންވާ “ބޮޑު މަންޒަރަކީ” ކޮބާ ކަމާއި އަދި މިގެންދަންއުޅޭ “އަނެއް ދިވެހިރާއްޖެ” އަކީ ކޮންކަހަލަ ރާއްޖެއެއްކަން އެނގޭނެ ކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަކީ މިސަރުކާރުގެ އެންމެ ބޮޑު އެކުވެރީން ކަމަށް ޑރ. މަޢުރޫފް ވިދާޅުވިއެވެ.
"މީގެ މިސާލަކީ، އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކޮށް، ރާއްޖޭގައި ޣައިރުދީން ފަތުރަން އުޅުމުގެ ސަބަބުން ރާއްޖެއިން ޑިޕޯޓް ކޮށް ފޮނުވާލާފައިވާ ޑޭވިޑް ހާރޑިންގހަމް އަކީ މިއަދު ޝަރަފްވެރި އެއްގެ ގޮތުގައި، ދައުލަތުގެ މިނިސްޓަރުންނަށްވުރެ ބާރުވެރި ގޮތުގައި އައިސް ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރެވޭ މީހެކެވެ. 2 ޖުލައި 2009 ގައި އޭނާޔަށް “އޮނަރަރީ ކޮންސަލް ފޯރ ދަ މޯލްޑިވްސް އިން ސެލިސްބަރީ” އޭކިޔާ ޝަރަފްވެރި މަގާމެއް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާތީ މީގެކުރިން ބަންދުކުރެވުނު ވެބްސައިޓް “ މޯލްޑިވްސް ކަލްޗަރ ޑޮޓްކޮމް” ހިންގާ ފަރީޝާ ޢަބްދުﷲ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އެއްގެ ވަޒީފާގައެވެ. ބައިބަލް ދިވެހި ބަހަށް ތަރުޖަމާ ކުރިމީހުން މިއަދު ތިބީ ކިހައި ހިސާބެއްގައި ތޯއެވެ؟ ދިވެހިން މަގުފުރެއްދުމަށްޓަކައި ދިވެހި ބަހުން ކްރިސްޓިއަން ދީން ފަތުރާ ރޭޑިއޯ ހިންގި މީހުން މިއަދު ކޮބާތޯއެވެ؟ މިހިރަ ކަންކަމަކީ ދިވެހި ކޮންމެ ރައްޔިތަކު ކަންބޮޑުވާންޖެހޭ ސީރިޔަސް މައްސަލައެކެވެ." ޑރ. މަޢުރޫފް ލިޔުއްވާފައި ވެއެވެ.
ޑރ. މަޢުރޫފް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އިސްލާމީ އުއްމަތުގެ އެންމެ ބޮޑު ޢަދުއްވުން ކަމުގައިވާ ޒަޔަނިސްޓް އިޒްރޭލާއި ގުޅުން ބަދަހިކޮށް، ނުރައްކާތެރި އަދި ޣަދަރުވެރި އެގްރީމެންޓްތައް ކޮށް، އެމީހުންގެ ފްލައިޓް ތަކަށްދާންދެން ރާއްޖޭގައި ޖެއްސުމުގެ ހުއްދަދީ، ރާއްޖޭގެ އިސްލާމީ ވަޙުދަތު ނައްތާލުމަށް މަސައްކަތް ކުރާކުރުމަކީ މިއަދު ދިވެހި ރާއްޖެއާއި ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުން ކަމަށެވެ. އަދި މިކަންތައްތަކާ މެދު ދިވެހި ރައްޔިތުން ހަމަހިމޭނުން ނުތިބޭނޭކަން ދެއްކުމަށްޓަކައި ކުރެވޭ އިހުތިޖާޖުތަކުގައި ބައިވެރިވެލެއްވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ޑރ. މަޢުރޫފް ވަނީ ގޮވާލައްވާފަވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...