ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ ދުނިޔޭގައި ވެސް ހެޔޮކަން، އާޚިރަތުގައި ވެސް ހެޔޮކަން އެދިވަޑައިގެން އާންމުކޮށް އެތައް ސަތޭކަ ފަހަރު ދުއާ ކުރައްވާފައި ކަމަށާއި، އެކަމަކީ މި ގައުމުގެ އެއްވެސް ވެރިއަކު އިސްލާމީ ރޫހުގައި ކުރައްވާފައިވާ ކަމެއް ނޫން ކަމުގައި ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
"ހަވީރު" ނޫހަށް ޒުހައިރު އިއްޔެ ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވީ އެހެންކަމުން ރައީސް ނަޝީދު ދީނާ ޚިލާފު ކަމަކަށް ތަން ދެއްވާފާނެ ކަމަށް ދެކެވޭ ވާހަކަ އަކީ އެއްވެސް ހަޤަޤަތެއް ނޫން ކަމަށެވެ. އަދި އެއީ ރޯ ބުހުތާން ދޮގު ކަމަށާއި، އެއީ ސިޔާސީ ދަހިވެތިކަން ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ދީނީ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ކަނޑައަޅަނީ ދީނީ އިލްމުވެރިންގެ ރައުޔުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމުގައި މެދުވެރިއަކަށް ހުންނަވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ކަމަށެވެ. އޭގެ އިތުރުން ދީނީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފިޤުހު އެކަޑަމީއެއް ވެސް އޮތްކަން އޭނާ ޒުހައިރު ވަނީ ފާހަގަކުރައްވާފައެވެ.
ޒުހައިރު މިފަދައިން ވިދާޅުވިނަމަވެސް، އިސްލާމިކް މިނިސްޓަރ ޑރ. މަޖީދު ދެއްވާ ލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުނުކުރާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން އާއްމުކުރަން އުޅުނު މައްސަލައާއި، ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބެހެއްޓި ކާފަރުން އަޅުކަންކުރާ ބުދުތަކުގެ މައްސަލައިގައި ވެސް ސަރުކާރުން ޑރ. މަޖީދުގެ ބަސްފުޅަށް ފުރަގަސްދީފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. އިސްލާމްދީނާ ޚިލާފް ކަންތައްތަކަށް ސަރުކާރުން މަގުފަހިކޮށްދެމުން ދާކަން ފެންނަމުންދާ ކަންތައްތަކުން އެނގި ޘާބިތުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އަދި ފިޤުހު އެކަޑަމީ ހިންގުމަށް ވެސް އެކަށީގެންވާ ވަސީލަތްތައް ސަރުކާރުން ފަހިކޮށްނުދޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...