ދިއިސްލާމް "މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ" : ރައީސް ނަޝީދު

"މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ" : ރައީސް ނަޝީދު

"މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ" : ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

 

ރައީސް ނަޝީދު - ފޮޓޯ : ރައީސް އޮފީސް

ދިވެހިންނަކީ މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ ކަމަށާއި، އެކަން އެގޮތަށް ނުވުމަށްޓަކައި ހިތްތަކުގައި އުފައްދަން ޖެހެނީ ވަކި ބާވަތެއްގެ ގައުމީ ރޫހަކާއި ގައުމީ ޖޯޝެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދަޅުވީ ދަރުބާރުގޭގައި ބޭއްވި މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދިވެހި ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ގާތުގައި ދައްކާ ވާހަކަތަކާއި އިވޭ ވާހަކަތަކާއި، ފެންނަ މަންޒަރުތަކަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭ ނުވަތަ ހަޖަމް ކުރެވޭ، އަޑު އެހުމުގެ ހިތްވަރު ހުރި ވާހަކަތަކަކަށް ވާންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ. އެކަން ނުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަން މިޖެހެނީ ވަކި ބާވަތެއްގެ ޤައުމީ ރޫހެއް. ޤައުމީ ޖޯޝެއް. މިދެންނެވި ގައުމީ ޖޯޝް ނުވަތަ ގައުމީ ރޫހު އުފެދިގެން އަންނަނީ އެއްވެސް ހާލެއްގައި ކަންކަން އަޑު ނޭހުމަކުންނެއް ނޫން. ވާހަކަތައް ނުދެއްކުމަކުންނެއް ނޫން. ކަންކަން ފޮރުވުމަކުންނެއް ނޫން. ސާފު ސާދާ ގޮތުގައި، ދެފުށް ފެންނަ ގޮތުގައި، އަޅުގަނޑުމެންގެ ހިތަށް އަންނަ ވާހަކަތައް އަޅުގަނޑުމެންގެ ދުލުން ބުނެވި، އެ ވާހަކަތަކުގައި ހުރި ހެޔޮ ނުބައި އަޅުގަނޑުމެން އެންމެންގެ މެދުގައި މަޝްވަރާ ކުރެވި، ބަހުސް ކުރެވި، އެ މައްޗަށް ބުރަވެ އަޅުގަނޑުމެންގެ ކަންކަން ނިންމުމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރޭގައި ފާހަގަކުރެވުނު އަދި އެލިބުނު ނަސީބަކީ ރައީސް އެދެންނެވި ބާވަތުގެ ޝަހްސިއްޔަތުތަކެއް ފާހަގަކުރުމުގެ ނަސީބު ކަމަށެވެ. ރައީސް ވިދާޅުވީ ޤައުމެއް ބިނާކުރުމުގައި ހަމައެކަނި ބޭނުންވަނީ އުމްރާނީ ތަރައްޤީއެއް ނުން ކަމަށާއި، ތަރައްޤީ ވާން ޖެހެނީ ތިމާ މީހާ ކަމަށެވެ. އަދި ތަރައްޤީ އަކީ ތިމާއަށް ވާގޮތެއް ކަމަށާއި، ދިވެހި މީހާއަށް އަންނަ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމެއް ބިނާކުރުމުގައި ހަމައެކަނި، އަޅުގަނޑު އަބަދުވެސް ތަކުރާރުކުރަން، ބޭނުންވަނީ ކޮންކްރީޓާއި ދަގަނޑެއް ނޫނޭ. ބޮޑުހިލަ ބަނދަރާއި އެއްގަމު ތޮއްޓެއް ނޫނޭ. މިސްކިތު ވަށާ ފާރާއި އަދި އެ ނޫން ވެސް ހަމައެކަނި އުމްރާނީ ތަރައްގީއެއް ނޫނޭ. ތަރައްގީ ވާން މިޖެހެނީ ތިމާ މީހާ. ތަރައްޤީ އަކީ ތިމާއަށް ވާ ގޮތެއް. އޭނާ އަށް، އަމިއްލަ މީހާ އަށް، ދިވެހި މީހާ އަށް އަންނަ ބަދަލެއް."

ރައީސް ވިދާޅުވީ އެބަދަލު ގެނައުމަށްޓަކައި ސަރުކާރުން ނުވަތަ ދައުލަތުން ކުރާންޖެހޭ ކަންތައްތަކުގެ ތެރޭގައި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކޮށްދޭ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ހައްގު އިނާމާއި ހައްގު ޝުކުރުގެ ބަސް ރައްދު ކުރުމަކީ ގައުމިއްޔަތަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އިނާމު ލިބުނު ފަރާތްތަކަކީ އަޤީދާ ވަރުގަދަ ލާމަސީލު މިސާލުތަކެއް ކަމަށް ރައީސް ނަޝިދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ރޭގައި އެމަނިކުފާނުގެ އަތްޕުޅުން ސަރުކާރުން ޤައުމީ އިނާމް ދެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ފާޙިޝް ފިލްމުތައްކުޅެ، ނާޗަރަންގީ ކުޅެ ނަށައި، މިއުޒިކާއެކު ލަވަކިޔައި ބިންމަތި ފަސާދަކުރާ ބޭފުޅުން ހިމެނެއެވެ. އަދި ރޭގެ ޖަލްސާގައި ޝުކުރުއަދާކުރުމުގެ ނަމުގައި އައިޓަމް ކުރިއަށް ގެންގޮސްފައި ވަނީ ވެސް އިސްލާމްދީނާ ޚިލާފަށް، އައުރަ ނިވާނުކޮށް ހުރި، އިނާމު ލިބުނު އަންހެން ލަވަކިޔުންތެރިއަކު އެންމެންގެ ކުރިމައްޗަށް ސްޓޭޖް މައްޗަށް އަރައި މިއުޒިކާއެކު ކިޔައިދިން ލަވައަކުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤައުމީ ތަރައްޤީގައި އަޅުގަނޑުމެންގެ އަޤީދާ ވަރުގަދަވުން ވަރަށް ބޮޑަށް ފާހަގަ ކުރެއްވޭ ކަމަށާއި ކޮންމެ ދިވެއްސަކީ ވެސް، އަމިއްލަ ނަފުސަށް އިތުބާރު ހިފޭ، އަދި މީހަކު ދައްކާ ވާހަކަ އަކުންނާއި އަނެކާ ބުނާ އެއްޗަކުން، އަޤީދާ ގުޑާ ފަދަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

"މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކަ އަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ" ކަމަށް ވިދާޅުވެ މިފަދަ ވާހަކަފުޅުތަކެއް ރޭ ރައީސް ނަޝީދު ދައްކަވާފައި ވަނީ، ސަރުކާރުން ދައުވަތުދީގެން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައާއި، ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލައި ވާހަކަދައްކާފައިވާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ޤައުމީ އިނާމް ދެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ފާޙިޝް ފިލްމުތައްކުޅެ، ނާޗަރަންގީ ކުޅެ ނަށައި، މިއުޒިކާއެކު ލަވަކިޔައި ބިންމަތި ފަސާދަކުރާ ބޭފުޅުން ހިމެނެއެވެ. އަދި ރޭގެ ޖަލްސާގައި ޝުކުރުއަދާކުރުމުގެ ނަމުގައި އައިޓަމް ކުރިއަށްގެންގޮސްފައި ވަނީ ވެސް އިސްލާމްދީނާ ޚިލާފަށް، އައުރަ ނިވާނުކޮށް ހުރި، އިނާމު ލިބުނު އަންހެން ލަވަކިއުންތެރިއަކު އެންމެންގެ ކުރިމައްޗަށް ސްޓޭޖް މައްޗަށް އަރައި މިއުޒިކާއެކު ކިޔައިދިން ލަވައަކުންނެވެ.

ޕިއްލޭ އެދުވަހު ގޮވާލާފައި ވަނީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެމީހުންގެ ޝަރަފަށް އުނިކަން ލިބޭނެ ކަމެއް ކަމަށާއި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ރާއްޖޭގައި ބޭއްވުމަށެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައިވާ މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށް އޮންނަ ޝަރުތު ނައްތާލުމަށް ވެސް ޕިއްލޭ ވަނީ ގޮވާލާފައެވެ. އަދި ލާދީނީ އެއްޗެހި ފަތުރާ ހިލްއަތު ރަޝީދުގެ ބްލޮގް އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ބަންދުކުރުމުން، އެކަމަށްވެސް ޕިއްލޭ ފާޑުކިޔާފައިވެއެވެ.

ދިވެހި ރައްޔިތުންގެ އެތައްހާސް ބަޔަކު ޕިއްލޭގެ މިވާހަކަތައް ކުށްވެރިކޮށް މިފަދަ ކަންތައްތަކަށް ރާއްޖޭގައި ފުރުޞަތުތައް ނުދިނުމަށް ދަނީ ގޮވާލަމުންނެވެ. އަދި ރައީސް ނަޝީދާއި ކަމާބެހޭ އެންމެހާ ފަރާތްތަކުން މިކަން ކުށްވެރިކޮށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އަދި މިކަމާގުޅިގެން އަޑުއުފުލައި މިދިޔަ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު އަދި ހޮނިހިރު ދުވަހުގެ ރޭ ގިނަ ބަޔަކު ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި މުޒާހަރާވެސް ކޮށްފައެވެ.

ޕިއްލޭގެ މައްސަލައިގައި އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ގޮވާލާފައެވެ.

ނަމަވެސް، ޕިއްލޭގެ އެވާހަކަތައް ރައީސް ނަޝީދު މިހާތަނަށް ކުށްވެރިކުރައްވާފައެއް ނުވެއެވެ. އަދި ޕިއްލޭގެ އެނުބައި ވާހަކަތަކަށް ރައީސް ނަޝީދު ތާއީދުކުރައްވާ ކަމަށާއި، އެފަދަ ވާހަކަތައް ރާއްޖޭގައި ދެއްކުމަށް ހިތްވަރުދެއްވާކަން ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުންވެސް ދޭހަވާކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ޓެގް

ޤައުމީ އިނާމު ޕިއްލޭ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.