ބުދަ ދުވަހު އެކަނިވެސް އަފްގާނިސްތާނުގައި އެމެރިކާ ސިފައިންގެ 8 މީހުން މަރާލައިފިއެވެ.
އަފްގާނިސްތާނުގެ ދެކުނެ ސަރަހައްދުގައި، ތާލިބާނުންގެ މީހަކު ކާރުގައި ގޮސް ޖާނުން ފިދާވެގެން ދިން ފުރަމަ ހަމަލާގައި އެމެރިކާގެ 3 މީހުން މަރުވެފައި ވާއިރު، މި ހަމަލާގައި އަފްގާންގެ ސިފައިންގެ މީހެއްގެ އިތުރުން އާންމުންގެ 5 މީހުންވެސް މަރުވެފިއި ވާކަމަށް ނޭޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ. ކަންދަހާރުގެ ޕްރޮވިންސްގެ ޕޮލިސް ޗީފް ސަރުދާރު މުހައްމަދު ޒަޒާއި ހާމަކުރެއްވި ގޮތުގައި، މިއަދުގެ ހަމަލާގައި މަރުވި އާންމުންގެ 5 މީހުންގެ ތެރޭގައި ހިމެނެނީ 3 ތަރުޖަމާނުންނާއި 2 ސެކިޔުރިޓީ ގާޑުންނެވެ.
ތާލިބާނުންގެ ސްޕޯކްސް މަން ޤާރީ ޔޫސުފް އަހްމަދީ ރިޕޯޓަރުންނާ ފޯނުން ވާހަކަ ދަށްކަވަމުން ވަނީ މިހަމަލާތަކުގެ ޒިންމާ ތާލިބާނުން ނަގާކަމަށް ވިދާޅުވެފައެވެ. ޔޫސުފުލް އަހްމަދީ ހާމަ ކުރެއްވި ގޮތުގައި މިހަމަލާތަކުގައި ބޭރުގެ ފައުޖުތަކުގެ 13 މީހުންގެ އިތުރުން އަފްގާން ސިފައިންގެ 8 މީހުން ވަނީ މަރުވެފައެވެ.
މިއަދުގެ ހަމަލާތަކުގައި މަރުވި މީހުންނާއެކު ޖުލާއީ މަހުގެ މިހާތަނަށް އަފްގާނިސްތާނުގައި މަރުވި ބޭރުގެ ފައުޖުތަކުގެ މީހުންގެ އަދަދު ވަނީ 45 ކަށް އަރައިފައެވެ. އޭގެތެރެއިން 33 މީހުންނަކީ އެމެރީކާގެ ސިފައިންނެވެ. މިދިޔަ މަހުވެސް ތާލިބާނުންގެ ހަމަލާތަކުގައި ވަނީ ބޭރުގެ ފައުޖުތަކުގެ 103 މީހުން މަރާލައިފައެވެ. އޭގެތެރެއިން 60 މީހުންނަކީ އެމެރިކާގެ ސިފައިންނެވެ. ތާލިބާނުން ފަހަކަށް އައިސް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ބޭރުގެ ފައުޖުތަކަށް، ހާއްސަގޮތެއްގައި އެމެރިކާގެ ސިފައިންނަށް އަންނަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވަމުންނެވެ. މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވިއެޓްނާމް ހަނގުރާމައެކޭ އެއްފަދައިން އަފްގާނިސްތާނު ހަނގުރާމައިގައިވެސް އެމެރިކާ ވަނީ ބަލިވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...