ދިއިސްލާމް އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވޭ އިހާނެތި ގޮތާ މެދު ލޮލުން ކަރުނަ އަންނަ މީހުން މަދު!

އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވޭ އިހާނެތި ގޮތާ މެދު ލޮލުން ކަރުނަ އަންނަ މީހުން މަދު!

އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވޭ އިހާނެތި ގޮތާ މެދު ލޮލުން ކަރުނަ އަންނަ މީހުން މަދު!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެންމެ ތަރައްޤީވެ ތަހުޒީބުވެފައިވާ ކަމަށްބުނާ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައްކުރާ އިހާނެތި ގޮތާ މެދު ލޮލުން ކަރުނަ އަންނަނީ މަދުބަޔަކު ކަމަށް އެޤައުމުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ފިލްމަކުން ނުވަތަ ޓީވީ ޝޯތަކުގައި މަޝްހޫރު ސްޓާރަކަށް ހިތާމައެއް މެދުވެރިވެއްޖެނަމަ އެ އެއްޗެހި ބަލާ އެތައް ބަޔަކު ރޮއި ހިތާމަކުރެއެވެ. ނަމަވެސް ހަޤީޤީ ހަޔާތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވޭ އިހާނެތި ގޮތާއި މެދު ރޮއި ހިތާމަކުރާ މީހުން މަދެވެ. އިނގިރޭސިވިލާތުގެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތަކުން ނެރުނު ރިޕޯޓަކުން ދައްކާފައިވާ ގޮތުގައި އެޤައުމުގެ އެތައް ހާސް އުމުރުން ދުވަސްވީ މީހުންނެއް ވަނީ ވަރަށް ނިކަމެތި ހާލުގައެވެ. އެމީހުންނަށް ވަނީ އެމީހުންގެ އަހުލުވެރިންގެ ފަރާތުން އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އިނގިރޭސިވިލާތުގައި ދުވަސްވީ މީހުންނަށް އެހީވާ ހިޔާތަކަކީވެސް އެމީހުންނަށް ޖަލަކަށް ވަނީ ވެފައެވެ. ދުވަސްވީ މީހުން ބެލެހެއްޓުމަށް ހަވާލުވެފައިވާ މީހުން ވެސް ވަނީ އެމީހުންނާ މެދު އިހްމާލުވެފައެވެ. ދިރާސާއިން ދެއްކިގޮތުގައި މިފަދަ ހިޔާތަކުގައި  ދުވަސްވީ މީހުންނަށް ކާތަކެތި ދިނުމުގައި ހަރުކަށި ވުމުގެ އިތުރުން ނުކުޅެދޭ ހާލުގައި ގޮނޑިތަކުގައި ތިބޭ މީހުން އަނިޔާވެރިކަމާއި އެކު ކޮއްޕާލުމާއި، ވާހަކަ ދައްކާ ބަހުރުވަ ވެސް ހަރުކަށި ކަމަށެވެ. މިކަމުން ދޭހަވަނީ މިފަދަ ހިޔާތައްވެސް ވަނީ ފޭލްވެފައި ކަމެވެ.

މިކަމުގެ ސަބަބުން އެމީހުންގެ ޒުވާން ދުވަސްވަރުގައި ޤަދަރާއި ޢިއްޒަތުގައި އުޅުނު މީހުން މިއަދު ވަނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާ ލިބި ބޭކާރު ބަޔަކަށްވެފައެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭގައި މިފަދަ ހިޔާތަކުގައި ހިންގާ އަނިޔާވެރި މަންޒަރުތަށް ދައްކުވައިދޭ ސިއްރުން ރިކޯޑުކުރެވިފައިވާ އެތައް ވިޑިއޯތަކެއް ވަނީ އާއްމު ކުރެވިފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަނިޔާވެރިވެގެން މިދިޔަ މަހުގެ ތެރޭގައި ވެސް ކޮންމެ 5 ހޮސްޕިޓަލަކުން 1 ހޮސްޕިޓަލް މިގޮތަށް ކަންކުރާކަން އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމައާތަށް ވަނީ ފާހަގަ ކުރެވިފައެވެ.

"އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންގެ ދަރަޖަ އެމީހުން ގެންގުޅޭ ކުއްތާތަކަށް ވުރެ ދަށެވެ. އެ ކުއްތާތަކަށް ލިބޭ ފަދަ ލޯތްބާއި އަޅާލުން އެމީހުންގެ މުސްކުޅި މައިންބަފައިންނަށް ނުލިބެއެވެ."

އެޖަމައާތުން ވަނީ އުމުރުން 77 އަހަރުގެ އަންހެނަކަށް ހޮސްޕިޓަލަކުން ވެފައިވާ އިހުމާލާއި ދީފައިވާ އަނިޔާގެ ވާހަކަ ހިއްސާކޮށްފައެވެ.

"މި އަންހެންމީހާ ވަނީ ސާޖަރީއެއް ހެދުމަށްޓަކައި އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. ސާޖަރީ ހެދުމުގެ އެތައް ގަޑިއެއް ކުރިން އޭނާ ކުޑަކަމުދެވިފައިވާ ހާލުގައި ނަޖިހާއެކު ވަނީ ބޭއްވިފައެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ވަނީ ޖަރާސީމު އުފެދި ތަފާތު ބަލިތައް ޖެހިފައެވެ. އަދި އޭނާ މަރުވެގެން ގޮސްފައިވަނީ އެހާލުގައި އޮވެގެންނެވެ. އެނާ ވަޅުލުމުގައި މަސައްކަތްކުރި މީހުންނަށް  ޖެހުނީ  މާސްކު އަޅައިގެން އޭނާއާ ކައިރިވާށެވެ. ހަށިގަނޑުގައި ހެދިފައި ހުރި ފާރުގަނޑުތަކުން ދުވާ ވަހުގެ ސަބަބުންނާއި ބަލިތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ." އެ ޖަމާއަތުން ފާހަގަކޮށްފައި ވެއެވެ.

އުމުރުން ދުވަސް ވެފައިވާ މީހުންނަށް އަޅާލާނެ ބަޔަކު ނެތިފައިވާއިރު ދަރިންނަށް އެމީހުންގެ މައިންބަފައިން މުސްކުޅިވުމުން ބުރައަކަށްވެ އެމީހުން ޙާއްސަ ހިޔާތަކަށް ފޮނުވާލާ މީހުން ވެސް އިނގިރޭސިވިލާތުގައި ވަނީ ގިނަވެފައެވެ. މަދު ހިޔާތަކަކުން މުސްކުޅިންނަށް ކަމޭހިތިކަމުގައި ވިޔަސް އެމީހުންނަށް ޒިޔާރަތް ކުރާނެ ދަރިޔަކު ނެތް ކަމުގައި މިރިޕޯޓުތަކުން ހާމަވެއެވެ. ހިޔާތަކަށް ނުލާ މުސްކުޅިން ވަނީ އެމީހުން އަމިއްލައަށް އުޅުމަށްޓަކައި ދޫކޮށްލެވިފައެވެ. ގިނަ ފަހަރު އެފަދަ މީހުންގެ ޚަބަރެއް އާއިލާއަށް ލިބެނީ މަރުވުމުންނެވެ.

އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންގެ ދަރަޖަ އެމީހުން ގެންގުޅޭ ކުއްތާތަކަށް ވުރެ ދަށެވެ. އެ ކުއްތާތަކަށް ލިބޭ ފަދަ ލޯތްބާއި އަޅާލުން އެމީހުންގެ މުސްކުޅި މައިންބަފައިންނަށް ނުލިބެއެވެ.

ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މައިންބަފައިންނަށް އެމީހުންގެ ދަރިން އަޅާނުލާ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އަޅާލާނެ މީހަކުނެތި އެކަނިމައިއެކަނި ގދ. ގައްދޫ ފަޅުގެއެއްގައި އޮތް އުމުރުން ދުވަސްވީ މީހަކު މިމަހު 10 ވަނަ މަރުވެގެން ގޮސްފައިވަނީ އޭނާގެ އާއިލާގެ މާ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ނުލިބިއެވެ.

ރާއްޖޭގެ މުޖުތަމަޢުގައި ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޤަދަރާ ޢިއްޒަތް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް މިއަހަރުގެ އޮކްޓޯބަރު 1 ގައި ހެލްތު މިނިސްޓްރީން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި ބައެއް ދަރިންނަށް އެމީހުންގެ މައިންބަފައިން ބެލުން ބޮޑުކަމަކަށްވެގެން މަގުމަތިކުރަމުންދާ ކަމަށްވެސް ހެލްތުގެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައި ވަނީ ވަރަށް ގިނަ ބަޔަކު އެމީހުންގެ މައިންބަފައިން ބެލެހެއްޓެން ނެތްކަމަށް ބުނެ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މައިންބަފައިން ފޮނުވުމަށް އެދެމުންދާ ކަމަށެވެ. އަދި އެމަރުކަޒުގައި އޭރުވެސް (ބަޔާން ނެރުނުއިރު) އުމުރުން ދުވަސްވީ 45 މީހަކު ތިބި ކަމަށާއި، އެމީހުންނާ ޙަވާލުވާން ގިނަފަހަރު ޢާއިލާތަކުން އިންކާރު ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ޓެގް

އުމުރުން ދުވަސްވީ މީހުން އިނގިރޭސިވިލާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.