"ހިބްރޫން" ގެ "ޔައްޠާ" އަވަށުގެ ދެކުނުގައި ހުންނަ "ޚަރުބަތް ސޫސިޔާ" ޕްރައިމަރީ ސްކޫލް ތަޅާލާނެކަމަށާއި "ޒައިފް" ޕްރައިމަރީ ސްކޫލް ބަންދުކުރާނެކަމުގެ އިންޒާރު އިޒްރޭލުގެ ޢަސްކަރިއްޔާއިން ދީފިއެވެ.
"ޔައްޠާ" އަވަށުގެ ކައުންސިލް މެމްބަރެއްކަމުގައިވާ ރާތިބް ޖަބޫރު "މާން" ނިއުސް އެޖެންސީ އަށް ބުނިގޮތުގައި އިޒްރޭލު ސިފައިން މިދިޔަ ބުދަ ދުވަހު "ޚަރްބަތް ސޫސިޔާ" ޕްރައިމަރީ ސްކޫލަށް ވަދެ ސްކޫލް ތަޅާލާނެކަމުގެ އެންމެ ފަހުގެ އިންޒާރު މިހާރުވަނީ ޕްރިންސިޕަލާއި ޙަވާލުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސްކޫލާއި ފެން ވަޅަކާއި ސްކޫލްގެ ހެލްތު ޔުނިޓާއި އެހިސާބުގައި ހުރި 3 ގެއެކެވެ.
އޭނާ ބުނިގޮތުގައި އެސްކޫލްގައި 36 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން ދާއިރު 7 ޓީޗަރުންނާއި އަދި ޕްރިންސިޕަލަކު މަސައްކަތްކުރެއެވެ. އިޒްރޭލުން ވަނީ ވަރަށް އާދައިގެ ގޮތަކަށް ޢިމާރާތްކޮށްފައިވާ މިސްކޫލް މިދިޔަ އަހަރުވެސް ބިމާ ހަމަކޮށްލާފައެވެ. ނަމަވެސް އަވަށުގެ މީހުން އަލުން ސްކޫލް އިމާރާތްކުރީއެވެ.
"ޒެއިފް" ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް ބުނި ގޮތުގައި އިޒްރޭލު ސިފައިންވަނީ ސްކޫލް ބަންދުކުރާނެކަމުގެ އިންޒާރު އޭނާއަށް ދީފައެވެ.
"ހިބްރޫން" ގެ ދެކުނުގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފީހުގެ ޑިރެކްޓަރ ފައުޒީ އަބޫ ހުލައިލް ވިދާޅުވިގޮތުގައި ސްކޫލް ތަޅައިލުމުގެ އިޒްރޭލުގެ މިޢަމަލަކީ ޣައިރު ޤާނޫނީ ޢަމަލެކެވެ. އަދި މީގެ ސަބަބުން އެތައް ކުދިންނެއް ތަޢުލީމު އުގެނުމުގެ ޙައްޤުން މަޙުރޫމުވެގެންދާނެއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެހިސާބުގަނޑުގައި ދިރިއުޅެން ދަތިވެފައިވާއިރުވެސް އެސްކޫލްގެ ސަބަބުން އަވަށުގެ މީހުންނަށް އެމީހުންގެ ދަރިންނަށް ތަޢުލިމު ދީގެން އެމީހުންގެ ބިންތައް ދޫކޮށްނުލައި ތިބުމުގެ ހިތްވަރު ވަނީ ލިބިފައެވެ.
މަޞްދަރު: މާން ނިއުސް އެޖެންސީ

ކޮމެންޓް (0)
ލޯޑް ކުރަމުން...