އިއްޔެ ފްރާންސްގެ ތިރިގޭގެ ބޭއްވި ބައްދަލުވުމުގައި މޫނު ބުރުގާ މަނާކުރާ ބިލު، ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. ދެން މި ބިލު ދާނީ ފްރާންސްގެ މަތި ގެއަށެވެ. މަތިގެއިން މި ބިލާމެދު ސެޕްޓެމްބާރ މަހު ތެރޭ ގޮތެއް ނިންމޭވަރު ވާނެކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
މި ބިލު ހުށައެޅުމާ ހިސާބުން އިސްލާމީ ޖަމްއިއްޔާ ތަކާއި، އިންސާނީ ހައްޤުގެ ދިފާއުގައި މަސައްކަތް ކުރަމުން ދާ ޖަމާއަތް ތަކުން ދަނީ ކެނޑި ނޭޅި މި ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރަމުންނެވެ. އަދި ފްރާންސްގެ ބައެއް ގާނޫނީ ވަކީލުންވެސް ، މި ބިލަކީ ފްރާންސާއި، ޔޫރަޕިއަން ޔޫނިއަންގެ ގާނޫނާވެސް ފުށު އަރާ ބިލެއްކަމަށް ދަނީ ވިދާޅުވަމުންނެވެ. އަދި މި ބިލު ބާތިލު ގާނޫނަކަށް ވެގެން ހިނގައިދާނެ ކަމަށްވެސް ގިނަ އަދަދެއްގެ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
336މެމްބަރުން އެކުލެވޭ ތިރިގޭގައި، މި ބިލާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ މެމްބަރެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީކަމުގައިވާ ސޯޝަލް ޕާޓީގެ ގިނަ މެމްބަރުން ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ. މި ބިލު ސްޕްޓެމްބަރު މަހު ސެނެޓަށް ދާނެ ކަމަށް ލަފާ ކުރެވޭއިރު ، ސެނެޓުންވެސް މި ބިލު ފާސްވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ލަފާ ކުރެވޭ ގޮތުގައި މި ބިލު ގާނޫނަކަށް ވުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތި ވާނީ މަތިގެއިންވެސް ބިލު ނިކުންނަ ފަހުންނެވެ.
ފްރާންސް އަކީ ޔޫރަޕުގެ އެންމެ މުސްލިމުން ގިނަ ގައުމެވެ. ހިސާބުތަކުން ދައްކާ ގޮތުން ފްރާންސްގައި 5 މިލިއަނަށްވުރެއް ގިނަ މުސްލިމުން އުޅެމުންދެއެވެ. އާދައިގެ ބުރުގާ ފްރާންސްގެ މުސްލިމުންގެ ތެރޭގައި އާންމު އެއްޗަކަށް ވެފައި ވާނަމަވެސް ސަރުކާރުން ހާމަކުރާ ގޮތުގައި މޫނު ބުރުގާ އަޅައިގެން އުޅެނީ ގާތަގަނޑަކަށް 1900 އެއްހާ އަންހެނުންނެވެ.
ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި މި ބިލަކީ އިންތިހާބުގައި ކާމިޔާބު ހޯދުމަށް ރައީސް ނިކޮލަސް ސަރަކޯޒީ ކުރެއްވި ކަމެކެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް ފްރާންސްގެ ގާނޫނު ބުނާގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ދީނާއެއްގޮތަށް އަމަލުކުރުމުގެ މިނިވަންކަން ލިބިގެން ވެއެވެ. މީގެ އިތުރުން އ.ދ ގެ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ގެ އާޓިކަލް 18 ވާގޮތުން ކޮންމެ އިންސާނަކަށްވެސް އޭނަ ގަބޫލުކުރާ ދީނުގައި ވާގޮތަށް އުޅުމުގެ މިނިވަންކަން ލިބިގެން ވެއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރާކަމަށް ބުނާ ހުޅަނގުގެ ޤައުމުތަކުގައި މޫނު ބުރުގާ އެޅުމާއި، މިސްކިތް ބިނާކުރުންފަދަ ކަންކަމާ ދެކޮޅަށް އަންނަނީ ގިނަ ކެމްޕޭނުތަކެއް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...