ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި އިންސާނީ ޙައްޤުތަކާ 'ބެހޭ' އދ. ގެ ހައިކޮމިޝަނަރު ނަވަނިތަމް ޕިއްލޭ މިއަދު ވިދާޅުވީ، ޒިނޭކުރާ އަންހެނުންނަށް އިސްލާމީ ޝަރީޢަތުގައި ދިނުމަށް ކަނޑައަޅުއްވާފައިވާ އުޤޫބާތް ކަމުގައިވާ ހައްދު ޖެހުމީ އަންހެނުންގެ ޝަރަފަށް އުނިކަން ލިބޭ ކަމެއްކަމުގައެވެ. އަންހެނުނާމެދު ކުރެވޭ ތަފާތު އަނިޔާވެރި ޢަމަލުތައް އިތުރުވަމުންދާ ކަމަށާއި އޭގެ މިސާލެއްގެ ގޮތުން ޒިނޭކުރާ އަންހެނުންގެ ގައިގާ ހައްދު ޖެހުން ނަވަނިތަމް ޕިއްލޭ ވަނީ ފާހަގަ ކުރައްވާފައެވެ. ނަވަނިތަމް މިކަން ފާހަގަކުރި އިރު އިސްލާމީ ޝަރީޢަތުގައި ޙައްދު ޖެހުން އޮންނަނީ ހަމައެކަނި ޒިނޭކުރާ އަންހެނުންގެ ގައިގާ ނޫންކަމާއި، ފިރިހެނަކަށްވެސް ޒިނޭގެ ކުށް ސާބިތުވެއްޖެނަމަ ހައްދު ޖެހުމަށް އިސްލާމްދީން ގޮވާލާފައިވާކަމެއް ޕިއްލޭއަކަށް އެނގިނުލައްވައެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ!" (ސޫރަތުއް ނޫރް 2)
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ ޢާންމު ބަހުސް އެއް ބޭއްވުމަށް ނަވަނިތަމް ޕިއްލޭ ވަނީ ގޮވާލައްވާފައެވެ. މީނާ މިމޭރުމުން ވާހަކަދެއްކެވި އިރު މިއީ އިންސާނުންނަށް ބަހުސް ކުރުމުގެ ޙައްޤު ލިބިގެންވާކަމެއް ނޫންކަމަށް ބުނަން ކެރުނު މަޖިލިސް މެމްބަރަކު ނެތުމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ތިމަތިމާމެންގެ ޕާޓީގެ ދިފާއުގައި އަނގަ 'ތަންމިނަށް' ހުޅުވާލަންކެރޭ ޢިއްޒަތްތެރި މެމްބަރުން އެމީހުންގެ ދީނުގެ ޙައްޤުގައި 'އުފް' ވެސް ބުނެލަން ނުކެރުނުކަމީ އެމީހުންގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދޭކަމެކެވެ. މަޤާމަށް ކުފޫ ހަމަވާކަމާމެދުވެސް ސުވާލު އުފެދޭކަމެކެވެ.
އިސްލާމީ ޝަރީޢަތަކީ ހުޅަނގުން ގެނެސްގެން އުޅޭ 'ޑިމޮކްރަސީ' ކަހަލަ ފުށްގަނޑެއް ނޫނެވެ. ބޭނުންވީމާ ޢަމަލުކޮށްފައި، ބޭނުން ނުވީމާ ދޫކޮށްލެވޭހާ 'ސިމްޕަލް' އެއްޗެއްވެސް ނޫނެވެ. އެހެނީ އިސްލާމީ ޝަރީޢަތަކީ އިންސާނީ ޙަޔާތަށް އަލިކޮށްދޭ ދަންމަރެވެ. މަރުވުމަށްފަހު އަންނާން އޮތް ޙަޔާތް ކާމިޔާބު ވުމާއި ނުވުން ބިނާވެފައިވާ އަސާސެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
" އަދި إيمان ކަމަށް كافر ވާމީހާ (އެބަހީ إسلام دين ގެ حكم ތަކަށް ދެކޮޅު ހަދާމީހާ ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ عمل باطل ވެގެންވެއެވެ. އަދި އޭނާވަނީ آخرة ގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (ސޫރަތުލް މާއިދާ 5)
ޝައްކެތްނެތެވެ! އިސްލާމީ ޝަރީޢަތަކީ މީސްތަކުންގެ ވެރި ރައްބުލް ޢާލަމީން އިންސާނުން އެޔާ އެއްގޮތައް ޢަމަލު ކުރުމަށް ބާވައިލެއްވި ދިރިއުޅުމުގެ ނިޒާމެވެ. އެއީ އޭގައިވާ ކަންކަމާމެދު އަޅުގަނޑުމެންގެ ޚިޔާލަކީ ކޮބައިތޯ ބަލައި، ބަހުސް ކޮށް 'އިސްލާޙު ހުށައެޅުމަށް' މާތް ﷲ ބާވައިލެއްވި 'ޤާނޫނުގެ ޑްރާފްޓެއް' ނޫނެވެ. އެއީ މިސްތަކުން އުޅުމަށް އެކަލާންގެ ރުހިވޮޑިގެންވާ މަގެވެ. އެއީ އެނޫން ގޮތެއް އެކަލާންގެ ހަޟްރަތުގައި ޤަބޫލުވެގެން ނުވާ މަތިވެރި ޝަރީޢަތެވެ.
މާތް ﷲ ނިޔާކުރައްވާ، މިންވަރު ކުރައްވާ ކަންކަމާމެދު ބަހުސް ކުރުމީ އިންސާނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެހެނީ އެކަލާންގެއީ އިންސާނުންނަށް އެންމެ ފައިދާ ހުރި ގޮތާއި، އިންސާނީ ޝަރަފާއި ކަރާމާތަކީ ކޮބައިކަންވެސް މޮޅަށް ދެނެވޮޑިގެންވާ އަލް ޢަލީމެވެ. ނިޔާ ކުރެއްވުމުގައި އެންމެ ޢަދުލުވެރި، އެންމެ ޙިކުމަތްވަންތަ އަލް ޙަކީމެވެ.
ލިޔުމުގެ ފުރިހަމަ ކަމާއެވެ. މާޝާ ﷲ.
ރައީސަކަށް މިހިރަ ނަޝީދު ޙައްދު ޖެހުމާބެހޭގޮތުން މަޝްވަރާކުރަން ގޮވާލުމާ ދޭތެރޭ ޢިލުމުވެރިން ބަޔާނެއް ނެރެލި ނަމަ ހާދަ ރަނގަޅުވީހޭދޯ؟ އެވަރުވެސް ކޮށްލަން ނުކެރުނުދޯ ޢަބުދުލްމަޖީދު ޢަބުދުލް ބާރީއަކަށްވެސް………… ދެން މުރުތައްދުވެ އިންކާރުކޮށް ދެކޮޅުހަދައި އޭގެ މަތީގައި ދެމިތިހުންނަ މީހާއާމެދު ކަންތައްކުރަންޖޭހޭގޮތްވެސް ޝޭހަކު މީހުންނަށް އަންގައިދީބަލަ….