ހުޅަނގު އައްސޭރި އާއި އިންވެގެން އޮންނަ އުރުދުންވާދީގެ އުތުރުގައިވާ ފަލަސްޠީނުގެ ބިންތަކެއް އިޒްރޭލު ސަރުކާރުން ޔަހޫދީންގެ ދީނީ ޖަމާޢަތަކަށް ދީފިއެވެ.
އިޒްރޭލުގެ ނޫހެއް ކަމުގައިވާ "ހާރޓްޒް" އިން ހާމަކޮށްފައިވާ ގޮތުގައި 1500 އޭކަރުގެ ސަރަޙައްދަކަށް ފެތުރިފައިވާ މި ބިން އިޒްރޭލު ސަރުކާރުން ދީފައިވަނީ "ކިބުޓްޒް މީރާފް" ކިޔާ ޔަހޫދީންގެ ދީނީ ޖަމާޢަތަކަށެވެ. އަދި އެއަށްފަހު ފަލަސްޠީނުގެ ބިންތައް އަތުލުމަށްޓަކައި ހުޅަނގުއައްސޭރީގައި އިޒްރޭލުން ބިނާކޮށްގެން އުޅޭ ޣައިރުޤާނޫނީ ފާރުވަނީ 7 ކިލޯމީޓަރަށް ފުޅާކޮށްފައެވެ. މީގެ ބޭނުމަކީވެސް އަތުލައިގަނެވުނު ބިންތަކަށް އިޒްރޭލުގެ ބާރު ގަދަކުރުމެވެ.
ބިން ލިބުނު ޔަހޫދީ ޖަމާޢަތުގެ ލީޑަރެއްކަމުގައިވާ ޑޭވިޑް ޔިސްރާއީލް ބުނި ގޮތުގައި އެމީހުން އެބިމަށް އަތްގަދަކުރީ އިޒްރޭލުގެ ޤާނޫނުގެދަށުންނެވެ. އަދި އެ ބިމަކީ ޔަހޫދީ ވަޒަންވެރިން ދަނޑުގޮވާން ކުރުމަށްޓަކައި އެތައް އަހަރަކުށްސުރެ ބޭނުންކުރަމުން އަންނަ ބިމެއްކަމަށާއި މިހާރު އިޒްރޭލު ސަރުކާރުން އެވަނީ އެބިމަކީ އެމީހުންގެ މިލްކެއްކަމުގައި ރަސްމީގޮތުން ހަމަޖައްސާފައިކަމަށްވެސް އޭނާ ބުންޏެވެ.
މިބިންތަކުގެ އަޞްލު ވެރިންނަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްޠީނުގެ ހުޅަނގެ އައްސޭރީގައި ދިރިއުޅުނު މީހުންނެވެ. ނަމަވެސް 1967 ވަނަ އަހަރު ކުރެވުނު ޢަރަބި އިޒްރޭލު ހަނގުރާމައިގައި އިޒްރޭލުން އުރުދުންގެ ވާދީއަށް އަތްގަދަކުރުމާ ގުޅިގެން އެހިސާބުގަނޑުގެ ވަޒަންވެރިން ވަނީ ނަފްސު ސަލާމަތްކުރުމަށްޓަކައި އެތަން ދޫކޮށް ހިޖުރަކޮށްފައެވެ. އަދި އެއަށްފަހު އެނބުރި އައުމުގެ ފުރުޞަތު އިޒްރޭލުން އެމީހުންނަށް ދީފައެއްނުވެއެވެ. އިޒްރޭލުގެ ޤާނޫނުގެ ދަށުންވެސް ފަލަސްޠީނު މީހުން ދޫކޮށްފައިވާ މިފަދަ ބިންތަކަކީ ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުގައި ހުންނަންޖެހޭ ބިންތަކެކެވެ. އަދި މިފަދަ ބިންތައް ޔަހޫދީ ވަޒަންވެރިންނަށް ދިނުމަކީވެސް މަނާކަމެކެވެ.
_______
މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...