ވާހަކަދިއިސްލާމް

ވާހަކަ: ރާއްޖެ 2050 ވަނަ އަހަރުގައި

Photo By: szhujhaa

މަތިންދާބޯޓުން ފައިބައިގެން އެއާރޕޯޓުން ދިވެހިރާއްޖެއަށް ފޭބުނީމާ ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ކަނޑުގެ މެދުގައި މަޑުމައިތިރިކަމާއެކުގައި މިއޮންނަ ދިވެހިރާއްޖެއަށް އާދެވުނު ކަމުގެ ހިތްހަމަޖެހުމެވެ. ނަމަވެސް އަމިއްލަ ގައުމަށްވެސް މިއާދެވުނީ ހާދަ ހާލަކުންނެވެ. ރާއްޖެދާން އިންޑިޔާއިން ވިސާނުދީގެންވެސް ހަޔެއްކަ މަހު މަސައްކަތްކުރަންޖެހުނެވެ.
މިހާ އުނދަގޫ މިވީ އަޅުގަނޑު އަތުގައި ދިވެހި ޕާސްޕޯރޓެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ޕާސްޕޯރޓު އޮތުމުގެ ހައްޤުންވެސް އެންމެފަހުން މަހުރޫމުވީ ދަތްދޮޅި ދަށުގައި އިސްތަށި ގިނަވެފައި ރާއްޖެ ހިމާޔަތްކުރާ ފަރާތްތަކާއި ދެކޮޅަށް އެހެން ބަސްބަސް ބުނެލާތީއެވެ.
އެހެންވިޔަސް ހެވެވެ. މިއޮތީ ދިވެހިރާއްޖެއަށް އާދެވިފައެވެ. އުފަންވި ގައުމު ބަލާލެވޭނެ ކަމުގެ އުއްމީދާއި އަމިއްލަ ރަށަށް ދެވޭނެ ކަމުގެ އުއްމީދު ހިތުގައި ޖަމާވީމާ އެހެރަލިބޭ އުފަލެއް ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ހުސައިން ޞަލާޙުއްދީނު ވިދާޅުވާހެން ޅަފުރައިގެ ހަނދާނަކީ ވާ އާދައިގެ ހަނދާނެއް ނޫނެވެ. ރައްޓެހި ކުދިންއި އެކު މަސްހިފަން އަތިރިމަތީގައި އުޅުނު ހަނދާނާއި ދޮންވެލި ތުނޑީގައި ގަޑަގެ ޖަހައިގެން މަސްބާނަން ތިބޭ ހަނދާންވީމާ ހިތުގެ އުފެދޭ ޝުއޫރުތައް ބަންޑުންވަނީއަކީ އެހެރައެހެރަ ހެނެއްނޫނެވެ.

އެއާރޕޯރޓުން އެހެނެއްކަމަކު ހައިރާންނުވިއެއްކަމަކު ހައިރާންކުރުވީ ދިވެހިންގެ ބަދަލުގައި އަވައްޓެރި ގައުމުތަކުގެ މުވައްޒަފުންގެ މަރުހަބާއިންނެވެ. އެބައިމީހުންގެ ޕުލާސްޓިކު ހިނިތުންވުން ދިވެހިންގެ ހިނތުންވުންހާ ސާދާ ނޫން ކަމުގައިވިޔަސް އެއްޗެއް ނެތްތާކަށް ވަރިހަމައެވެ. ގޯހެއްނޫނެވެ. އެއާރޕޯރޓު ހިންގަނީ އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާގެ ކުންފުންޏަކުންޏެވެ. އެއާޕޯރޓުގެ ނަންވެސް މަހާތަމާ ގާންދީ އިންޓަރނޭޝަނަލް އެމްވީ އަށްވަނީ ބަދަލުވެފައެވެ. ޒަމާނާ އެކުގައި ހާދަ ކަންކަމެއް ބަދަލުވެއްޖެތާއޭ ހިތާ ހިތާ ކިޔާލެވުނެވެ. ކަންކަން ނިމިގެން މާލެދާން ފެރީއަށް އެރުނުއިރު ހުރީ ވަރުބަލިވެގެންގޮސް އަވަދިވެފައެވެ.

އައިސްފައިވާ އެންމެބޮޑު ބަދަލަކީ ކުރީގައި ބާލަކުޑި ދޯނި ފެރީގެ ގޮތުގައި ދުއްވިޔަސް މިހާރުއޮތީ އެންމެފަހުގެ އަގުބޮޑު ފައިބަރު ލޯންޗެކެވެ. ދުއްވަނީ އިރުގެ ހަކަތައިންނެވެ. މިގައުމު ކާރބަން ފުރީ ގައުމަކަށް ވެފައިވާ ކަމާއިމެދު ފަހުރުވެރި ވެވުނެވެ. އެކަމާ ވަރަށް އުފާވިއެވެ. އެކަމަކުވެސް އިރުގެ ހަކަތަހޯދަންޖަހާފައި ހުރި ބޯޑުތަކުގައި މޭޑްއިން އިންޑިޔާ ބޮޑު އަކުރުން ޖަހާފައި ހުރީމަ މެޔަށްލިބޭ ކެރުން ކުޑައެއްނޫނެވެ. އެހެންޏާ އަހަރެމެން ދަތުރުކޮށް އުޅުނީ އަހަރެމެން އަމިއްލަ ކާބަފައިން އީޖާދުކުރި އޮޑީގަ ވިއްޔާއެވެ. އޭރުގައި ދަތުރު ލަހަސް އޭރު ލިބުނު ހިތްހަމަޖެހުން މިހާރު ނުލިބޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

ފެރީއަށް އެރުމާއި މާލެއަށް ދެވުމާއި މާގިނައިރުތަކެއް ނުވިކަމުގައި ވިޔަސް ފެރީ ޓާރމިނަލަށް ފޭބުމާ އެކުގައި އަޅުގަނޑުގެ ދެލޯބޮޑުވިއެވެ. އެންމެން ފައިބާ ތަނުގައި ބޮޑު ބުދެއް ހުއްޓެވެ. ތިރީގައި ޖަހާފައި ހުރި ބޯޑު ބަލައިލިއިރު ފެރީ ޓާރމިނަލް ހިންގާ ގައުމުން ހަދިޔާއަކަށް ދީފައި ހުރި މޮނިޔުމެންޓެއްކަން އެނގުނެވެ. އަވައްޓެރި ޤައުމުތަކުގައި އަޅުކަންކުރަން ގެންގުޅޭ ބުދެއް މޮނިޔުމެންޓުގައި ގޮތުގައި ރާއްޖޭގައި ބަހައްޓާފައި ހުރީމާ އަޅުގަނޑަށް ލިބުނީ ކުއްލި ޝޮކެކެވެ. ގައިމު އަޅުގަނޑު 2011 ގައި ރާއްޖެއިން ފުރިއިރު މީހުން މިކަހަލަ އެއްޗެހި ތަޅަނީއެވެ. މިވީ ކީއްބާއެވެ؟ ދެތިން މީހުންނާއި ސުވާލުކޮށްލީމާ އެނގުނީ މިތަކެއްޗަކީ ޤާނޫނުން ހިމާޔަތް ލިބިދީފައިވާ ތަކެތިކަމެވެ. ލިބުނު ހިތާމަޔާއި ޝޮކާއި ދެރަޔާއި އެކުވީމާ އަޅުގަނޑުގެ ޝަހާދަތް އިނގިލި އަޅުގަނޑުގެ ނޭފަތް މައްޗަށް އަރުވާލައިގެން ކަރުކެހިލައި ނޭފަތް ދަމަމުން ހިނގައިގަތީމެވެ.

އެދުވަހު އަޅުގަނޑުގެ ވަޤުތުތައް ހޭދަކުރީ މާލެ ބަލައިލުމުގައެވެ. މުޅި ދުވަހު މާލެ ބަލައިލާ އަނެއްދުވަހު އަޅުގަނޑުގެ ރަށަށް ދިޔުމަށް އޮތީ ޕުލޭން ކުރެވިފައެވެ.

އަޅުގަނޑަށް ފެނުނީ މަންޒަރަކަށް ދޫކުރާ މަންޒަރެއްނޫނެވެ. މާލެއިން އަޅުގަނޑަށް ފެނުނީ ކުރިން ދެކުނު މަންޒަރުތަކެއްނޫނެވެ. ޒަމާނާއި އެކު އެކި އެކި ދީންތައް އައިސް މާލެ ފަސާދަކޮށްފިއެވެ. އަޅުގަނޑު ފުރިއިރު ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިލްޑިންގެ ބަދަލުގައި އެތަނުގައި ހުރީ ކޮންމެސް ބަޔެއްގެ ބިނާއެކެވެ. އެބިނާއަށް ވަދެވެނީ ދިވެހިރާއްޖޭގެ ވަކިދީނަކަށް ނިސްބަތްވާ މީހުންނަށް އައިޑީ ކާރޑު ދައްކައިގެންނެވެ. އެންމެފަހުން އެނގުނު ގޮތުގައި އައިޑީ ކާރޑުގައި ދީންވެސް ޖަހަންޖެހޭކަން އެނގުނެވެ. އަދި ޤާނޫނު އަސާސީން އެމީހަކު ބޭނުން ދީނަކަށް އުޅެން ހުއްދަދީފައިވާ ކަމާއި ދިވެހިން އުޅޭ ކޮންމެ ދީނަކީ ރާއްޖޭގެ ރަސްމީގޮތުން ބަލައިގަންނަ ދީނަކަށް ވާނެކަމަށް ޤަވާޢިދު ހަދާފައިވާކަން ވެސް އެނގުނެވެ.

މީގާ ހެއްވާ ތަންކޮޅަކީ އެތީސްޓެއްނަމަ އައިޑީކާރޑުގައި ދީން އިންނަ ތަނުގައި ޖަހާފައި އިންނަނީ "އެތީސަމް" އެވެ. އެތީސްޓުން އެއީ ދީނެއްނޫން ކަމަށްބުނާ ހާލުގައިވެސް އައިޑީކާރޑުގައި ދީންކަމަށް ޖަހަނީ އެހެންނެވެ.

އަޅުގަނޑަށް ހަމަހުރެވުނީ ހައިރާންވެފައެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ސުޕެގެޓީ އަށް އަޅުކަންކުރާ މީހުން ފެނުމުންނެވެ. އެބައިމީހުންގެ ފައްޅީގެ ކުރިމަތީގައި ސުޕެގެޓީ ބޯވާއެއްގެ ބުދުހަދާފައި ހުއްޓެވެ. އަދި ފައްޅީގެ ބޯޑުގައި ލިޔެފައި ހުއްޓެވެ. " ނުފެންނަ ކަލާންގެ އަކަށްވުރެ ފެންނަ ކެވޭ ކަލާނގެއެއް މާ ރަނގަޅެވެ." ލިބުނު ހައިރާންކަމާއި އެކު އަންނަ ހިނިން ދިވެހިންނާއިމެދު މާޔޫސްވުން އިތުރުވުން ނޫން އެހެންކަމެއްނުވިއެވެ.

ހަވީރު ވަޤުތު ލޮނު ޒިޔާރަތްކޮޅަށް އަޅުގަނޑު ގޮސްލީމެވެ. އެތަނުގައި ބޮޑު އެއްވުމެއް އޮތެވެ. އެތަން ދައްކަންދިޔަ ގައިޑު ބުނީ އެތަނުގައި އެޔޮތީ ސީޑީޕީގެ މުޒާހަރާއެއްކަމަށެވެ. ސީޑީޕީއަކީ ކޮބައިތޯ ސުވާލުކޮށްލުމުން އޭނާ ބުންޏެވެ. "ކުރިސްޓިޔަން ޑިމޮކްރަޓިކް ޕާރޓީ..މަޖިލީސް މެޖޯރިޓީއަކީ އެމީހުން. ދިވެހިން ވާހަކަދައްކާތީ މަމިހީކުރަނީ ތިޔައީ ދިވެއްސެއްކަމަށް؟" އަހަރެން ބުނީމެވެ. އާނއެކެވެ. އެކަމަކުވެސް އަހަރެން މީ މިހާރު ގައުމީގޮތުން ދިވެއްސެއްނޫނެވެ. ފެނުނު ހުރިހާ ކަމެއް ލިޔާނެހާ ހިތްވަރެއްވެސް އަޅުގަނޑުގެ ގަލަމުގައި ނެތެވެ. އެހެންކަމުން އެރޭ މާލޭގައި އަރާމުކޮށްލާފައި އަނެއްދުވަހު ރަށަށް ދާންފުރައިފީމެވެ.

ރަށުންވެސް ފެނުނީ އެހެންޏާ ނުފެންނަ މަންޒަރުތަކެވެ. ރަށުގައި ހުރީ ސިޓީ ހޮޓަލެއް އެޅިފައެވެ. އަޅުގަނޑު ހުރީ ސިޓީ ހޮޓަލުގައެވެ. ސަބަބަކީ އާއިލާގެ ގިނަމީހުން ރަށުގައި ނެތުމެވެ. ސިޓީ ހޮޓަލުގައި ކައިރިރަށްތަކުގެ މީހުންނާއި ރަށުގެ މީހުންތައް ޗުއްޓީ ހޭދަކުރަމުންދިޔައީ ވަރަށްވެސް މިނިވަންކަމާއެކުގައެވެ. އެންމެ ހައިރާންކުރުވީ މަކުނުބާގައިގެ މީހުންގެ ޖޯޑުތަކެވެ. އިނދެގެން އުޅޭ ދެފިރިހެނުންނާއި އިނދެގެން އުޅޭ ދެއަންހެނުންނެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އަސްތަޤުފިރުﷲއެވެ. މިތަނުން ފުރުންކަން މިއީވާ ހަމަނަސީބެއްތާއެވެ.

މޫދަށް އެރިލަންވެގެން ގޮނޑު ދޮށުގައި ހަދާފައި ހުރި ސުވިމންޕޫލަށް ދިޔައިރު އެތަނުގައިވެސް ހިލޭ ރާލިބެން ހުންނަ ކައުންޓަރުތައް ހުރެއެވެ. ފަރާތްފަރާތްތަކުން ފެންނަ މަންޒަރުތަކުން ލޯދިލުވާލަން ނުކުރެއެވެ. އެންމެ އަޖައިބުވީ ވެއްޓިފައި ހުރި ރާތަށިތަކު މަތިން ދުވަމުންދާ ކަކުނިތަކާ މެދުގައެވެ. އަހަރެމެން ކުޑައިރު ފެނުނު ކަކުނިތަކަށްވުރެ މިސޮރުމެން މާ ހަލުއްވެވެ. އަނެއްކާ މިސޮރުމެންވެސް މިހާރު ދިވެހިންހެން ބަދަލުވީ ބާވައެވެ. ނުވަތަ އެތީސްޓުން ބުނާހެން މިސޮރުމެންވެސް "އެވޯލްވު" ވީ ބާވައެވެ. ނުވަތަ ފުޅިތަކުން މިސޮރުމެންވެސް އަނެއްކާ "ބޮނީ" ބާވައެވެ. އަޖައިބުވެފައި ގޮނޑު ދޮށުގައި ހުއްޓައި ޖެހި ރާޅު އައިސް އަޅުގަނޑުގެ ފައި ތެތްމާލާފާއި އެނބުރި އައިދިމާޔަށް ހިނގައްޖެއެވެ. ގުދުރަތުގެ މިކަންކަން ބަދަލުނުވިޔަސް ހާދަ ގިނަކަންކަން ބަދަލުވެއްޖެތާއެވެ. ހިތާހިތާ ކިޔާލަން ހުރެފައި ގޮސް ސުވިމިންޕޫލަށް މަޑުމަޑުން ފައިބައިފީމެވެ.

އަދި ފެންގަނޑުގެ ތެރޭގައި ހަމަޖެހިލީމެވެ. އަދި އަޑިޔަށްގޮސް ދުވަހަކުވެސް މައްޗަށް ނާރާނަމޭ ހިތަށްއަރަމުން ދިޔައެވެ. މިފަސްގަނޑުގައި މަރުވާހިތްލެއް ހާދަބޮޑެވެ. އެހެނެއްކަމަކު ކުރާނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ނޭވާ ހާސްވާން ފަށައިފިއެވެ. މީހަކު ދަށުން ހިފަހައްޓާހެން ހީވާން ފަށައިފިއެވެ. މައްޗަކަށް ނޭރުނެވެ. ގައިގައި ވަރުބަލިކަމާއެކުގައި ގަޔަށް ލެވުނުހާ ބާރެއްލާފައި އަރަން މަސައްކަތްފެށީމެވެ.

ކުއްލިއަކަށް ވަރަށް ހިތްވަރުން ބާރަށް ތެދުވެވުނެވެ. ރަނގަޅަށް ބެލިއިރު މިއީއަކީ ފެނުނު ހުވަފެނެކެވެ. ހަޤީޤަތެއްނޫނެވެ. އިތުރަށް ޔަޤީންކޮށްލަން ހުރި ގޭގެ ކުޑަދޮރުން އިސްލާމީ މަރުކަޒާއި ދިމާއަށް ބަލައިލީމެވެ. އެދިމާއިން ޖުމްހޫރީ މައިދާނުގައި ހުރި ދިދަ ދަނޑީގައި ހުރީ ދިވެހިދިދައެވެ. އެދިދަ ހަމައެހެންޏާވެސް ހޫރޭހެން ހޫރެމުން ދިޔައެވެ. މިސްކިތުންވެސް އަސުރުނަމާދަށް ބަންގި ދޭން ފަށައިފިއެވެ. އެވަގުތު ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

އޭރު މޭޒުމަތީގައި މިއަދު ހަދައިގެން ގެނައި އާކުރި ދިވެހި ޕާސްޕޯރޓު އޮތެވެ.

އެވަގުތު އަންހެނުން ބުންޏެވެ. މާގިނައިން ކައިގެން މެންދުރު ނިދަންޏާ ވާނީ ތިހެންނެވެ. ހުވަފެނެއްފެނުނީކަން އަންހެނުންނަށް އެނގުނީ ކީއްވެގެންކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ހުވަފެނެއް ފެންނަންޏާ ނިދީގައި އަހަރެންނަށް ވާހަކަދެއްކުމަކީ ހަމާ ވަރަށް ގިނައިންވާކަމެކެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު އަވަސް އަވަހަށް އަސުރު ނަމާދަށް ދާން އަތުގައި އޮތް ސިވާކު ނަގައިގެން އުނގުޅަން ފެށީމެވެ.

ފެނުނު ހުވަފެނާމެދު ހައިރާނެއް ނުވާނެހެއްޔެވެ؟ ހުވަފެނުން އަހަރެން ފެނުނީ ވާ ހާދަ މުސްކުޅި ކޮށެވެ. ހުވަފެން އެއްކޮށް ރައްޓެއްސަކަށް ކިޔައިދިނީމާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ކޮންމެގޮތެއްވިޔަސް އަހަރެމެން ހަށިގަނޑުގައި ލޭހިނގަންޏާމު މިގައުމުގައި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައެވެ." (ނިމުނީ)

ނޯޓު: މިއީ ހިޔާލީ ކުރުވާހަކައެއް.

ގުޅުންހުރި

5 ޚިޔާލު

  1. ކުރިސްޓިޔަން ޑިމޮކްރަޓިކް ޕާރޓީ..މަޖިލީސް މެޖޯރިޓީއަކީ އެމީހުން. މިހާރުވެސް އެތާނގެ ގިނަމެންބަރުންގެ ވިސްނުން މި ޕާރޓީއާ ދާދި އެއްގޮތެވެ. ފަހަރުގައި ތިޔަ ޚިޔާލަކީ މަޖިލިސްގެ މެޖޯރިޓީ ވިސްނުމުގެ ތަޞައްވުރަކަށްވުން ދުރެއްނުވާނެވެ.

  2. މާޝާﷲ ވަރަށް ސަޅި..ޢެހާމެ ސާދާކޮށް އަތުރާލެވިފައިވާ ބަސްމަގެއް..

  3. ތި ހުވަފެން ތެދުނުކުރައްވާށި! އާމީން.

  4. http://www.muraasil.com/details/view/4/6120

    މިއީ އެއް އަހަރާއި 8 މަސް ކުރިން ދިވެހި ލިޔުންތެރިޔަކު ލިޔުއްވާފައިވާ ޚިޔާލީ ވާހަކައެކެވެ. މިއީ ތިޔަ ލިޔުން ލިޔުންވި ފަރާތްވެސް އަދި އެހެން ކިޔުންތެރިންވެސް ކިޔައިލާން ވަރަށް އިބްރަތްތެރި އަދި ތި ލިޔުމާއި ގުޅުން ހުރި ލިޔުމެކެވެ. އެލިޔުން ލިޔެފައިވަނީ 18 މާރޗް 2010 ގައި މުރާސިލްގައި ޖިބުއެ ކިޔާ ބޭފުޅެއްގެ ނަމުގައެވެ.

  5. ވަރަށް ރީތި ވާހަކައެއް.. އެހެންނަމަވެސް ތި ހުވަފެނުގައި ފެނުނުފަދަ ރާއްޖެއެއް އަޅުގަނޑުމެނަށް ނުދައްކަވާށި!

Your email address will not be published. Required fields are marked *

More in ވާހަކަ