ޒިމްބާބުވޭގެ މުފްތީ އައްޝައިޚް އިސްމާޢީލް މޫސާ މެންކު މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މުފްތީ އިސްމާޢީލް މެންކުގެ މި ދަތުރުފުޅަކީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މުފްތީ އިސްމާޢީލް މެންކު ރާއްޖޭގައި ދަރުސެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި މަޢުލޫމާތު ދީފައިވާ ގޮތުގައި، މުފްތީ އިސްމާޢީލް މެންކު އަކީ ޒިމްބާބުވޭގެ ހަރާރޭއަށް އުފަން ބޭފުޅެކެވެ. ބައްޕައަކީ ދީނީ ޢިލްމުވެރިއެކެވެ. ބައްޕަގެ އަރިހުން ޢިލްމު އުނގެނިވަޑައިގެން ތުއްޕުޅުއިރު ޤުރްއާން ޙިފްޡުކުރައްވައި ޢަރަބިބަހާއި އުރުދޫ ބަސް ދަސްކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ހަރާރޭގައި ހުންނަ އެކަޑަމިކް ކޮލެޖުން ޘާނަވީ ތަޢުލީމް ޙާޞިލު ކުރެއްވުމަށްފަހު މަދީނާގެ އިސްލާމީ ޔުނިވާރސިޓީއިން ޝަރީޢާގެ ދާއިރާ އިން ޑިގްރީ ޙާޞިލްކުރައްވާފައި ވެއެވެ.
"މުފްތީ އިސްމާޢީލްއަކީ ވިސްނުންފުޅު ތޫނު ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޒިމްބާބުވޭގެ ހަރާރޭގެ ދާރުލް ޢިލްމު ކޮލެޖްގައި މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވުމާއެކުވެސް ބައިނަލްއަގްވާމީ ދީނީ ކޮންފެރެންސްތަކާއި ސެމިނާތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މުފްތީ އިސްމާޢީލްއަކީ ޒިންބާބުވޭގެ މަޖްލިސުލް ޢުލަމާގެ މެންބަރެއްގެ އިތުރުން އިފްތާ ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔާއެވެ. އަދި މީގެ އިތުރުން ހަރާރޭގެ އަރުކާޑިޔާ މިސްކިތުގެ އިމާމުވެސް މެއެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދީނީ ދަރުސްދެއްވުމަށް ދަޢުވަތު ލިބިވަޑައިގަންނަވައެވެ. މީނާއަކީ އިޖްތިމާޢީ މަސައްކަތް ކުރެއްވުމަށް ލޯބި ކުރައްވާ، ކައުންސިލިން ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ދެއްވާ ދީލަތި ބޭފުޅެކެވެ." އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...