ކޮލަމިސްޓްދިއިސްލާމް

އިރާދަކުރެއްވިއްޔާ "ރާމާމަކުނާއި އޫރުގެ ދަރިން"ގެ ނިމުންކައިރިވަނީ

 

ސުބްޙާނަﷲ! ރާމާމަކުނާއި އޫރުގެ "ގުރޭންޑް ޗިލްރަންގ"ގެ ކިއްލާ ނިމިދިއުމުގެ ވަގުތުކައިރިވަނީއެވެ. ޒައިނިސްޓުޔަހޫދީންގެ އަނިޔާވެރިކަން ނިމުމުގެ ވަގުތުޖެހެނީއެވެ. އިރާދަކުރެއްވިއްޔާ 2025 ގައި އިޒްރޭލްގެ ނިމުން އިޢުލާނުވެގެންދާނެވެ. އެއީ ޔަހޫދީނާންކުރެވުނު ހަނގުރާމައިގެތެރޭގައި ރިބާޠުގެ މައިދާނުގައި ސާބިތުވެހުރެ ޝަހީދުވެދިޔަ މުޖާހިދެއްގެ އަންދާޒާއެކެވެ. ﷲ އެއަންދާޒާ ސީދާކުރައްވާށިއެވެ! އާމީން

ޝައްކެއްނެތެވެ. އަނިޔާވެރިކަމާއި އަނިޔާވެރި ދައުލަތްތަކުގެ ޢުމުރުދިގުވިޔަސް އެފަދަ ދައުލަތް ނެތިގެންދާނެއެވެ.އެއީ އިސްލާމީ ދައުލަތަކަށްވިޔަސްމެއެވެ. އަނިޔާވެރިންނަށް ﷲލޯބިވެވޮޑިގެންނުވެއެވެ.އަދި އަނިޔާވެރިން ނެތިކުރެއްވުމަށްފަހު އެކަލާނގެ ޒާތުފުޅަށް ތަޢުރީފުކުރައްވާފައިވެސްވެއެވެ.

އިޒްރޭލަކީ އަނިޔާވެރިވުމުގައި ހައްދުފަހަނަ އަޅާފައިވާ ޒައިނިސްޓު ޔަހޫދީންގެ ދައުލަތެކެވެ. އަދި އެއީ މުސްލިމުންގެ ބިމަކަށް ވެރިވެގަނެގެން ބައިނަލްއަޤުވާމީ މުއާމަރާތްތަކުގެ އަހުލުވެރިންގެ އެހީގައި އުފައްދާފައިވާ އިސްލާމުންނާ ދެކޮޅުވެރި ކިއްލާއެކެވެ. މިހާރު މިދައުލަތަކީ އަނިޔާވެރިކަމުގެ ބައްޕައެވެ. ޓެރަރިޒަމްގެ އެދުރެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ މިދައުލަތް ބިމުން ފޮހެވިގެންދިޔުމުގެ ވަގުތުގާތްވަނީކަމުގައި އެމީހުންގެ ތެރެއިން އެކަންދެކޭމީހަކު ހެކިދީފިއެވެ. މިދިޔަ ހަފްތާގައި އިޒްރޭލްގެ ސެކިއުރިޓީ އެންޑް ޕޮލިޓިކަލް ޑިފެންސްގެ ރައީސް ޖެނެރަލް އަމޯސް ޖިލްއާދު ޔަހޫދީންނަށް އިންޒާރުދިންގޮތުގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު އިޒްރޭލް އޮޔާލައި ގެންދާނެ ކާރިސާއެއް މެދުއިރުމަތީގައި އުފެދޭނެވެ. އެއީ ސީރިޔާގެ ވެރިކަން ވެއްޓުމުނަތީޖާއެއްގެ ގޮތުން މިޞްރާއި ޖޯޑަންނާއި އަދި ސޫރިޔާގެ މުސްލިމް ބުރަދަރހުޑްގެ ލީޑަރޝިޕްގެދަށުން އުފެދިގެންދާނެ އިސްލާމީ އިމްބަރާޠޫރެވެ. ބޮޑު އިސްލާމީ ވެރިކަމެވެ. މުސްލިމުންގެ ސިޔާސީ ބާރެކެވެ.

ޖެނެރަލް ޖިލްޢާދާ ޙަވާލާދީ އިޒްރޭލްގެ ސިފައިންގެ ރޭޑިއޯއިން ހާމަކުރި އެވާހަކައިގައި އިތުރަށް ބަޔާންވެފައިވެއެވެ. ސޫރިޔާގައި ހިނގަމުންދާ އިންތިފާޟާ ކާމިޔާބުވެ ބައްޝާރުލް އަސަދުގެ ވެރިކަން އުވިގެން ހިނގައްޖެނަމަ އިޒްރޭލު ކާރިސާއަކާ ކުރިމަތިލާނެވެ. ދެން އެ ޤައުމު އޮންނާނީ ހަނގުރާމައިގެ އިންޒާރުގެ ތެރޭގައެވެ. މިސްރާއި ޖޯޑަންނާއި އަދި ސޫރިޔާގެ މުސްލިމް ބުރަދަރހުޑްގެ މީސްތަކުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ތެރޭގައެވެ. މިސްރާއި ޖޯޑަން އަދި ސޫރިޔާގެ އިޚްވާނުލްމުސްލިމީންގެ ވިސްނުމާއި އެމީހުންގެ އަމާޒަކީ މެދުއިރުމަތީން އިޒްރޭލް ނައްތާލައި އިސްލާމީ އިމްބަރާޠޫރެއް އުފައްދައި މެދުއިރުމަތި އެ އިސްލާމީ ބާރުގެ ދަށަށް ގެނައުމެވެ.

ނަމަވެސް އަރަބި ޑިކްޓޭޓަރުން ބަޔާންކުރަމުންއައިގޮތުގައި އިޒްރޭލްގެވުޖޫދް ފޮހެލާނެ ބަޔަކީ އެބައިމީހުންނެވެ. އެމީހުންނަކީ އިޒްރޭލާ މުޅިން ދެކޮޅުބަޔެކެވެ. އެހެންނަމަވެސް ޔަހޫދީންގެ ހެކިބަހުން ސާބިތުވަނީ އަރަބި ޑިކްޓޭޓަރ ވެރިންނަކީ އިޒްރޭލްގެ ހިމާތްތެރި މިތުރުންކަމެވެ. ސޫރިޔާގައި ހިނގަމުންއަންނަ އިންތިފާޟާ ނުވަތަ ސަވްރާގެ ޙަރަކާތްފެށިގެންއައި ފުރަތަމަ ދުވަސްކޮޅުގައި އިޒްރޭލް ރައްޔިތުން ބައްޝާރުގެ ވެރިކަމާމެދު ވަރަށްބޮޑަށް ބޭޤަރާރު ޙާލަތެއްގައި ތިބިކަމަށް އެތާނގެ ނޫސްތައް ބަޔާން ކޮށްފައިވެއެވެ. އަދި އެބައިމީހުންދެކެނީ ބައްޝާރަކީ އިސްރާއީލްގެ ލޮބުވެތި ރަސްގެފާނުކަމުގައެވެ. ސޫރިޔާގެ ވެރިކަމަކީ އިޒްރޭލާއި ޒައިނިސްޓުންގެ ރުހުންލިބިފައިވާ މިތުރުވެރި ނިޒާމެއްކަންކަށަވަރުވެފައިވެއެވެ. އަދި އެއީ އިޒްރޭލް ރައްކާތެރިކުރާ ޙިމާޔާތްކުރާ ވެރިކަމެކެވެ. އެހެންނޫންނަމަ ސޫރިޔާގެ މިލްކުގައިވާ އިސްތިރާތީޖީގޮތުން އެންމެ މުހިންމު އެއްބިން ގޯލާން އިޒްރޭލަށް ވިއްކާނުލީހެވެ. 1967 ގެ ހަނގުރާމައަށް ފަހު، ޙާފިޒުލް އަސަދުވަނީ އެތަން 50 މިލިޔަން ޑޮލަރަށްވިއްކާލާފައެވެ. އިޒްރޭލް ދެމެހެއްޓުމަށްޓަކައި އެއީ ވަރަށްމުހިންމުތަނެއްކަމުގައި ޒައިނިސްޓުންދެކެއެވެ. އެހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުތައް ބަލިނުވަނިސް ބަލިވިކަމަށްހަދައި ގޯލާން އިޒްރޭލް ހިފައިފިކަން އިޢުލާނުކޮށްފައިވަނީ ހަނގުރާމައިގައި މުސްލިމުން ހަތިޔާރުބެހެއްޓުމުގެ 17 ގަނޑިއިރުކުރިންނެވެ.އަނެއްކޮޅުން ލުބްނާނުގައި އިސްލާމީ ހޭލުންތެރިކަން ނައްތާލުމަށާއި އަދި އެ ޤައުމުގައި އިސްލާމީ ހޭލުންތެރިކަމާ ގުޅިފައިވާ ދަރިން މެރުން ފަދަ އެތައް ކަމެއްހިމެނެއެވެ. 1980 ގައި ޙުމާތު ނަމަކަށް ކިޔާ ސަހަރުގެ 25 ހާސް މުސްލިމުން ޚާއްޞަކޮށް އިޚްވާނުންގެ ޤަތުލު ޢާއްމު މިހާރުގެ ވެރިމީހާގެ ބައްޕަ ވަނީ ހިންގާފައެވެ. މިދެޤައުމުގެ އިސްލާމީ ހޭލުންތެރިކަމުގެ އެންމެކުރީގައި ވަނީ މުސްލިމްބްރަދަރ ހުޑެވެ. މިއިންޤައުމެއްގައި އިސްލާމީ ހޭލުންތެރިކަން ވަރުގަދަވުމީ އިޒްރޭލަށް ހުރިނުރައްކަލެއްކަމުގައި ޔަހޫދީންދެކެވެ. މިހެންކަމުން މިހާރުވެސް ބައްޝާރުލް އަސަދުގެ ޢަޒުމަކީ އިޚްވާނުން އެމީހުންގެ އިސްލާމީ ދަޢަތާއިގެން ސޫރިޔާގައި ހިންދެމިލިޔަނުދިނުމެވެ. މިސައުރާގެ ތެރޭގައި ވަރަށްގިނައިން ޙުމާތުގައި ޤަތުލުތައް ހިންގާފައިވެއެވެ. މިހާރުވެސް އިޒްރޭލަށް އެންމެ އަމާން ބޯޑަރަކީ ސޫރިޔާ ބޯޑަރެވެ. އެހެންކަމުން މިހާރު ސޫރިޔާގައިވާ ޑިކްޓޭޓަރ ދެމެހެއްޓުމަށްޓަކައި އެކިސިފަ ސިފައިގައި ޔަހޫދީން ޒައިނިސްޓުން މަސައްކަތް ކުރަމުންގެންދެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އަހަންނަކަށް އަސްލު ހަޤީޤަތެއް ނޭގެ. އެކަމަކު ތިވާހަކަ ޤަބޫލްކުރަން އުދަގޫ. ސަބަބަކީ، ބައްޝާރުގެ ވެރިކަން ވެއްޓިއްޖެނަމަ، ދެން އެތަނުގެ ވެރިކަން އިޚްވާނުލް މުސްލިމޫންގެ އަތްމަތްޗަށްދާނެކަން އެގޭއިރު ހުޅަގުންނާއި އެމެރިކާއިން އެވެރިކަން ވައްޓާލުމަށް އެހާވަރަކުން އުޅޭނެބާއެވެ؟ ކޮންމެއަކަށް އަހަރެމެންގެ އިސްލާމީ ދުނިޔެއަށް ދިމާވެފައިވާ ހުރިހައި ހުރަސްތައް ގިރާކޮށް މުޅި އިސްލާމީ އުއްމަތަށް ހިންދެމިލެވެނެ ދުވަހެއް އަވަހަށް އައުން އެދެމެވެ.

  2. އަހަރެން މިލިޔުމަށް ތާއީދުކުރަން. ޙަޤީޤަތުގައިވެސް ޢަރަބި ޑިކްޓޭޓަރުންނަކީ ފަހަރެއްގައިވެސް އިސްލާމީ އުންމަތް ނަގައި ކޮޅަށްޖެހޭފަދަ ޤާބިލްކަމެއް އިޚްލާޞްތެރިކަމެއްވެސް ހުރި ބައެއްނޫން. އެމީހުންގެ ކިރިޔާވެސް އިޚްލާޞްތެރިކަމެއް ހުރިނަމަކަ 60 އަހަރު ވަންދެން އިޒްރޭލަކަށް ފަލަސްޠީނު ރައްޔަތުންނަކަށް ބޭނުންހާ ގޮތަކަށް އަނިޔާއެއް ނުކުރެވުނީސް މި މީހުން ފަލަސްޠީނޭ ކިޔައިގެން އަނގަ ހުޅުވަނީ ޢާންމުންގެ ތާއީދު ހޯދާ އަމިއްލަ ވެރިކަން ދިފާޢުކުރުމަށް.

  3. ހުޅަގުންނާއި އެމެރިކާއިން ކަންކަން ކުރާގޮތްކަމަށް ދުނިޔޭގެ ލޯމައްޗަށް ދައްކާގޮތަކީ ޙަޤީޤަތް ކަމަށް ނުބައްލަވާށެވެ. މުސްލިމުންގެ މަސްލަހަތު ހުރިކަންކަމުގައި އެމީހުން ފާޅުކަން ބޮޑުގޮތެއްގައި ކުރާކަންކަމާއި ދައްކާވާހަކަތަކަކީ މުސްލިމުން އެމީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލު ކުރުމަށްޓަކައި އެމީހުން ރާވައި ހިންގާ ޙީލަތްތެރި ޕްރޮޕެގެންޑާއެވެ. ފަހަރެއްގައިވެސް އެއީކީ ޙަޤީޤަތެެއްނޫނެވެ. އަމިއްލަފުޅަށް ދިރާސާކުރައްވާށެވެ. އިންޝާﷲ އޭރުން މަންޒަރު ސާފުވާނެއެވެ.

    ހުޅަގާއި އެމެރިކާގެ އަނިޔާއަކީ ހަމައެކަނި މުސްލިމުންގެ ހަތުރުންނެއް ނޫންއިގޭތޯއެވެ. އެބައިމީހުންނަކީ ހަމައެކަނި އެމީހުންގެ މިތުރުންނެވެ. އަދި އެހެން ހުރިހާ މީހުންގެ ހަތުރުންނެވެ. ތާރީޚް މިކަމަށް ހެކިދެއެވެ. މިއީ ލެޓިންގ އެމެރިކާ އާއި އެފްރިކާ ބައްރުވެސް ހަޅާކުކޮށްލި ނުބައިވެގެންވާ މީހުންނެވެ.

Your email address will not be published. Required fields are marked *