ރިޕޯޓްކޮލަމިސްޓް

"ﷲ އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް ފެގެއް ނުބޯނަން"

"މިހާރު ފެގު ނުބޮންތަ؟" އަހަރެންގެ ރައްޓެއްސަކު ސިގިރޭޓެއް ރޯ ކޮއްލަމުން ބުނެލިއެވެ. "އާން، މިހާރު ހުއްޓާލި ތާ އެތައް ދުވަހެއް، ތީގެން ލިބޭ ގެއްލުންތަކާ އެއްޗިހި އެނގޭ އިރުވެސް ކީއްކުރަން ބޮނީ؟" އަހަރެން ޖަވާބު ދިނުމަށްފަހު ސުވާލެއް ކޮއްލީމެވެ. "އެއީ ދެން ރައްޓެހިންނާ އެކު މަޖާ ކޮއްލާ ދެން ފޫހި ފިލުވާލަން ދޯ، އަސްލު ވަރަށް ފިރިހެން ވަންތަ ގަޓު ކަމެއްނު މީ" އޭނާ ބުންޏެވެ.

މި ސުވާލު ސިނގިރޭޓު ބޯ މީހަކާ ކޮއްލައިފިނަމަ ތަފާތު ޖަވާބު ތަކެއް އަޑު އިވިގެން ދާނެއެވެ. "ބޯ ހަމަ ޖައްސާލަން ބޯލަނީ"، "އާއިލާގެ ތެރޭގައި ޖެހޭ މައްސަލަ ތަކުން ހިތް ނުތަނަވަސްކަން ފިލުވާލުމަށް"، "ރައްޓެހިންނާއެކު މަޖާ ކޮއްލުމަށް ބޮނީ"  އަދި އެއްބަޔަކު އެމީހުން ސަޕޯޓް ކުރާ މީހަކާ ވައްތަރުވުމަސްވެސް ބޮއިފާނެއެވެ. ނުވަތަ ކުޑަ އިރުއްސުރެ ބޮމުން އަންނާތީ  ހުއްޓާނުލެވި ތިބެނީއެވެ. އަދި އަނެއްބައި މީހުން "މަށަށް ފައިދާ ވާތީ މި ބޮނީ، އެއީ ޙަރާމް ކަމެއް ކަމަކަށް ޤަބޫލެއް ނުކުރަމޭ" ބުނެ ފަޚުރުވެރި ވެއެވެ.

"ސިގިރޭޓުން އެތަކެއް ނުބައި އަސަރު ތަކެއް ކުރާ ކަމާ، އެއީ ޙަރާމް ކަމެއް ކަމާމެދު ފިކުރު ކޮށް ވިސްނާލާ ހަމަ ސީރިއަސްކޮށް ތިކަން ހުއްޓާލާކަށް ނުވިސްނަންތަ؟" އަހަރެން އަހާލީމެވެ. އޭނާ ބުންޏެވެ. "އުހު ވިސްނަން، އެކަމަކު އެކަމުގެ ގެއްލުމާ އެއްޗިހި ބޮޑަށް އެނގުނީމަ ހުއްޓާލަން ފަސޭހަ ވާނެ ކަންނޭގެ.."

އަހަރެންގެ ވާހަކަ ފެށީމެވެ.

- އިތުރު ކަމަކަށް ވިސްނާލުމުގެ ކުރިން ފުރަތަމަ ތިމާ އަކީ ﷲ ގެ އަޅެއްކަން ހަނދާން ކޮއްލާ، މި އަޅުވަންތަކަމުގެ އެންމެ މުހިއްމު އެއްކަންތައް އެއީ އަހަރުމެން އެކަލާނގެއަށް ފުރިހަމަ އަށް ކިޔަމަންތެރިވުން. އެގޮތުގައި މަސައްކަތް ކޮށްގެން އަހަރުމެނަށް ކާމިޔާބު ލިބޭނީ. ސިގިރޭޓު ބުއިމަ ތިބާގެ ނަފްސަށް އެބަ ގެއްލުން ދެވޭ، ފައިސާ އެބަ އިސްރާފު ކުރެވޭ، ތިމާގެ ހަޔާތް އަޅުވެތިކަމެއްގެ ދަށަށް އެބަދޭ، އަދި އެހެން މުސްލިމުންނަށްވެސް އުނދަގޫތައް އެބަ ކުރިމަތިވޭ، އަޅެ މިކަން ހަމަ ރަނގަޅު ކަމެއްކަމުގައި ވާނެތަ؟ މިކަމުން ރަމްޒު ކޮށްދެނީ ތިބާ ﷲ އަށް ކިޔަމަންތެރިވާ ވަރުތަ ނޫނީ ނުކިޔަމަންތެރި ވާވަރުތަ؟
- ތީގެއިން ދުވާ ވަހުން އުދަނގޫ ވާތީ ބައެއްމީހުން ތިބާގެ ކައިރިއަށް އައިސް އުޅެލާ ސަލާމް ކޮއްލާ ވާހަކަ ދައްކާ ހަނދާލަން ވެސް ބޭނުން ނުވޭ.
- ސިނގިރޭޓު ބުއިމުގެ ސަބަބުން ދަރިން ލިބުމުގައިވެސް މައްސަލަތަކެއް ކުރިމަތިވޭ، އަދި ޖިންސީ ބާރުތަކަށް އަސަރުކުރޭ، ބައެއް ފަހަރު ދަރީން ނުލިބޭ މީހުނަށްވެސް އެބަވޭ.
- އަދި ދަރިން ލިބުނަސް ސިނގިރޭޓުގެ ސަބަބުން އެކުޑަކުޑަ ދަރިފުޅު އައިބު ވުމުގެ ފުރުސަތު ބޮޑު.
- ސިނގިރޭޓުގެ ސަބަބުން އާއިލާއާ، ޚާއްޞަކޮށް މައިންބަފައިންނާ އޮންނަ ގުޅުން ހީނަރު ވެގެންދޭ، އެއީ އެމީހުންގެ ކުރިމަތީގަ ސިނގިރޭޓު ބޯކަށް ބޭނުމެއް ނުވާނެ، އެހެން ވީމަ ގިނަ ވަގުތު އެމީހުނާ ދުރުގަ އުޅެން ޖެހެނީ.
- ސިނގިރޭޓަކީ ފުރާނައަށްވެސް ހުރި ބޮޑު ނުރައްކަލެއް، އެތަކެއް މިލިޔަން މީހުންނެއް މަރުވަމުން އެބަދޭ ކޮންމެ އަހަރަކު ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން، އެތަކެއް މެޑިކަލް ރިސާޗުތަކަކުން ދައްކާ ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ސިނގިރޭޓު ބުއިމުގެ ސަބަބުން މީހުން މަރުވާލެއް ގިނަކަން. މަރު އަދި ނުވިޔަސް ސިނގިރޭޓު ބުއިމުގެ ސަބަބުން އެމީހާގެ ހަޔާތުގެ ފަހު ދުވަސްކޮޅު ތަޙައްމަލް ކުރަންޖެހޭ ވޭން އެއީ އަހަރުމެން އެންމެން ދަންނަ ކަމެއް.
- ބައެއް ހުޅަނގުގެ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ސިނގިރޭޓުގެ ސަބަބުން ބުއްދިއަށްވެސް އަސަރު ތަކެއް ކުރާކަން. ވިސްނުމުގެ ބާރު ދައްވުމާ، ކަންނެތްކަންފަދަ ކަންތައް ކުރިމަތިވޭ.
- ސްޓްރޯކް ތަކާ، ހާރޓް އެޓޭކާއި ކުއްލި މަރަށް މިކަމުން މަގުފަހި ކޮށްދޭ.
- ސިނގިރޭޓު ބުއިމުގެ ސަބަބުން ލޮލުގެ އެތައް މައްސަލަ ތަކެއް ކުރިމަތިވޭ، ލޮލުގެ އެތަކެއް ބަލި ތަކެއް ޖެހުމަށް މަގު ފަހިވޭ، ބައެއް ފަހަރު މިކަންކަން ލޯ އަދިރިވުމާ ހަމައަށް ގެންދޭ.
- ސިގިރޭޓުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި ތިބާގެ އަގު ދަށްވޭ، ޤަދަރު ކުޑަވޭ.
- ސިނގިރޭޓު ބުއިމުގެ ސަބަބުން އަޅުކަންތަކާ މީހާ ދުރުކުރޭ، އެއީ ވަރަށް ބުރަ ކަމަކަށް ވޭ، އަދި ހަމަ ގިނަ ވަގުތު ވިޔާ ނުދާ މީހުންނާ އެކީ އުޅުމަށް މަގު ފަހިވޭ، މިކަމުގެ ސަބަބުން ރަނގަޅު ޞާލިޙު މީހުންނާ އެކު ތިބާއަކަށް ވަގުތު ހޭދަކޮށެއް ނުލެވޭ.
- ސިނގިރޭޓު ބުއިމުގެ ސަބަބުން ތިބާގެ ހަށިގަނޑުގެ ބާރުދަށްވޭ، ޖުމްލަ ކޮށް މުޅި ހަށިގަނޑުގެ ހުރިހާ ބައި ތަކަކަށް މިކަމުން އަސަރުކުރޭ.
- ދުންފަތުގެ އިސްތިއުމާލަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ އެންމެ މުހިއްމު ކަންތައް.
- ދަތާ ހިރުގަނޑުގެ ތަފާތު ބަލިތަކާވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކުރިމަތިލާން ޖެހެނީ ވެސް މަދެއްކޮށެއް ނޫން، އަދި ދަތްތަކުގެ ކުލަ ހަޑިވެ، އަގައިގެ ރަހަ ބަދަލުވެގެން ދޭ.

- ކެއްސުމާ، ނޭވަޔަށް އުނދަގޫ ކުރުމާ ފުއްޕާމޭގެ ބަލިތަކާ މިހެން ގޮސް ނޭވާ ލުމުގެ ނިޒާމަށް ޖެހޭ އެތަކެއް ބަލިތަކެއް މިކަމުގެ ސަބަބުން ކުރިމަތިވޭ.

“ފުދިއްޖެ.. ފުދިއްޖެ” އޭނާ ބުންޏެވެ. “އެހެން ވިއްޔާ ތިކަން އެއްކޮށް ހުއްޓާލަން ވީނު؟” އަހަރެން ބުނީމެވެ. އޭނާ ކުޑަކޮށް ބޯކަހާލުމަށް ފަހު ބުންޏެވެ. “ބޭނުން ހުއްޓާލަން އެކަމަކު އަދި ތަންކޮޅެއް ފަހުން”

“ފަހުންނޭ، އެހެން ވިއްޔާ ތިބާއަކަށް ނުވިސްނުނު، މި ދެއްކި ވާހަކަތަކަކުން އަސަރެއް ނުކުރި، އަހަރެންނަކަށް ހީޔެއް ނުވޭ ތިބާ ހުއްޓަލާނެ ހެނެއްވެސް.” އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

“ނޫން އަސްލުވެސް އަހަރެންނަށް ވިސްނިއްޖެ، އެކަމަކު ހުއްޓާލުމަކީ ނުލާހިކު އުނދަގޫ ކަމެއްނު، ދެން އަނެއްކާ މިހާރު ހުއްޓާލާފަ އަނެއްކާ ފަހުން ބޮވި ދާނެ ކަމުގެ ބިރުވެސް އޮވޭ، އެހެން ވެ މިހެން މިބުނީ.” އޭނާ ބުންޏެވެ.

“ދެން ކޮބާތަ ތިކަމުގެ ހައްލަކީ؟ ތިކަމުގެ ސަބަބުން ބޮޑު ބައްޔެއް ކުރިމަތިވުންތަ؟ އޭރުން ދެން ހުއްޓާލުމަކުން ވާނެ ފައިދާއެއް އޮންނާނެތަ؟” އަހަރެން ބުނީމެވެ.

“ނޫން އަދި އަހަރެން ގެ ހާލަތު އެހާ ގޯހެއް ނޫނޭ، އަދި ބައްޔެއް ޖެހެން އުޅޭހެން ހީއެއް ނުވޭ.” އޭނާ ޖަވާބު ދިނެވެ.

“ދެން ކޮބާތަ ހައްލަކީ؟” އަނެއްކާވެސް އަހަރެން އެހީމެވެ.

އޭނާ ކުޑަކޮށް ވިސްނާލުމަށް ފަހު ބުންޏެވެ. “އަހަރެން ދެން މަލްބަރޯ ހާރޑް އިން ކެމަލް ލައިޓް އަށް ބަދަލު ކޮއްލަން މިއުޅެނީ، އޭގަ ނިކޮޓިން ވެސް މަދުވާނެ، އެގޮތަށް ދެން މަދުކުރަމުން ކުރަމުން ގޮސް ހުއްޓާލެވިދާނެ އެއްނު؟”

އަހަރެންނަށް އެނގިފަވާ އެއްޗަކުން ޖަވާބު ދިނީމެވެ. “ތީ ވަރަށް ބޮޑު އޮޅުމެއް”

– ހާރޑް ބުއިމަށްފަހު ލައިޓަށް ބަދަލު ކުރާ މީހުން ބޯ ސިނގިރޭޓުގެ އަދަދު ކުރިން ހާރޑު ބުއި އިރު ބުއި އަދަދަށް ވުރެ މާ ބޮޑަށް އިތުރުވާކަން މިކަން ތަޖުރިބާ ކޮށްފަ ހުރި ކޮންމެ މީހަކަށް އެނގޭނެ.
– އަނެއްކާ އެތެރެއަށް ދަމާލާ ވަރު އިތުރުވާނެ ކުރިޔަށްވުރެ.
– އަދި ދަމާލާފަ ދުންތައް ފުއްޕާމޭގަ ބަހައްޓާލާ ވަގުތު އިތުރު ކުރެވޭނެ، އެހެންކަމުން އެޖެހެނީ ހަމަ އެއްތަނެއްގަ.
– އެހެންވީމަ ފަހަރެއްގަ ކުރިއަށް ވުރެ ގިނައިން ނިކޮޓިން ހަށިގަނޑަށް އެތެރެވެސް ވެދާނެ، އެހެންކަމުން އެއީ ހައްލެއް ނޫން.

“ދެން ކޮބާތަ ހައްލަކީ؟” އަހަރެންގެ ވާހަކަ ނުނިމިގެން އުޅެނިކޮށް އޭނާ އެހިއެވެ. “ބުނެދީ ބަލަ، ކިހިނެއްތަ ހުއްޓާނީ؟ ކޮބާތަ ހުއްޓާލަން އެންމެ ފަސޭހަ ގޮތަކީ؟ ކިހިނެއްތަ އަހަރެން ސަލާމަތްވާނީ”

އަނެއްކާވެސް އަހަރެންގެ ވާހަކަ ފެށީމެވެ.
– ފުރަތަމަ އެއީ ޙަރާމް ކަމެއް ކަމަށް ޤަބޫލު ކުރުން. އެއަށްފަހު، އެކަމުން ލިބޭ ގެއްލުންތަކާ ކުރާ ނުބައި އަސަރުތަކާމެދު ވިސްނާ ފިކުރުކޮށްލާ.
– ދެން އިޚްލާސް ތެރި ކަމާ އެކު ރަނގަޅު ތައުބާ އަކުން ﷲ ގެ ޙަޟްރަތުގައި ތައުބާވޭ، ތިބާގެ ގުނަވަނަކަށް ކަމެއް ކުރިމަތިވުމުގެ ކުރިން ނޫނީ މަރު ވުމުގެ ކުރިން އަވަހަށް އެކަލާނގެއަށް ރުޖޫޢަ ވޭ، ލަސްނުކުރޭ.
– ތިކަމުން ދުރު ކުރައްވާތޯ ﷲ އަށް ގިނަގިނައިން ދުޢާ ކުރޭ، އެކަލާނގެއީ ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެ، އޭރުން އިން ޝާﷲ ތިކަން ހުއްޓާލުމަށް އެކަލާނގެ އެހީތެރި ވެވޮޑިގަންނަވާނެ.

” ފުރަތަމަ އެއީ ޙަރާމް ކަމެއް ކަމަށް ޤަބޫލު ކުރުން. އެއަށްފަހު، އެކަމުން ލިބޭ ގެއްލުންތަކާ ކުރާ ނުބައި އަސަރުތަކާމެދު ވިސްނާ ފިކުރުކޮށްލާ”

– ނަމާދު ތަކަށް ވަރަށް ފަރުވާތެރި ވާންވާނެ، ކޮންމެ ހުކުރު ދުވަހަކުވެސް އަޑު އިވޭނެ ނަމާދަކީ ފާހިޝް ޢަމަލް ތަކާ މުންކަރާތްތަކުން ދުރު ކޮށްދޭ ކަމެކޭ ޚުތުބާގަ ކިޔާ އަޑު، އެހެން ކަމުން ނަމާދުތަކަށް ރައްކާތެރިވާތި.
– ގިނަގިނައިން ސުންނަތް ރޯދަ ހިފަން އާދަ ކުރުންވެސް އެއީ ރަނގަޅު ކަމެއް.
– ގިނައިން ޤުރުއާން ކިޔަވައި ޛިކުރު ކުރުމުގައި މީހާ މަޝްޣޫލު ވާނަމަ އެމީހެއްގެ ހިތައް ﷲ މަޑު މައިތިރިކަން ވައްދަވައި ސާބިތުކަން ދެއްވާނެ، އަދި ފާފަތައް ޒީނަތްތެރިކޮށް މީހުންނަށް ދައްކާ އިބިލީސްގެ ކިބައިން ރައްކާތެރި ކޮށްދެއްވުމަށް ގިނަގިނައިން އެދޭތި.
– ސިނގިރޭޓު ހުއްޓާލުމުން ލިބޭނީ ކޮންކަހަލަ ފައިދާ ތަކެއްތޯވެސް ވިސްނާ ހަދާލެވިދާނެ.
– ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހަކަށް އެކަލާނގެ އެއަށް ވުރެ ރަނގަޅު ކަމެއް އެކަމުގެ ބަދަލުގައި ދެއްވާނެ.
– ސިނގިރޭޓު ބުއިން ހުއްޓާލުމުން ލިބޭ ދަރުމަ އާ ސަވާބާ މެދު ވިސްނާލާ، އެކަމަކުން ދުރުހެލިވުމަށް އުނދަގޫ އުފުލަން ޖެހޭ ކަމެއް ވެއްޖިއްޔާ އެކަން ހުއްޓާލުމުން ލިބޭ ދަރުމަވެސް ބޮޑުވާނެ.
– ތިބާ ސިނގިރޭޓު ހުއްޓާލުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ އެތައް ކަމަކުން ހަށިގަނޑު ރައްކާތެރިކޮށް ހަވާނަފްސުގެ އެދުންތައް ބަލިކޮށް އޭގެ މައްޗަށް ގަދަވެ ގަނެވުނު ކަމަށްޓަކައި އުފާކުރޭ.

 “ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހަކަށް އެކަލާނގެ އެއަށް ވުރެ ރަނގަޅު ކަމެއް އެކަމުގެ ބަދަލުގައި ދެއްވާނެ”

– ސިނގިރޭޓު ބުއި މުގެ ސަބަބުން ލިބޭ ގެއްލުންތަކާ ހުއްޓާލުމުން ހިތައްލިބޭ ހަމަ ޖެހުމާ އަޅާ ކިޔާ ތަފާތު އިހުސާސްކޮއްލާ.
– ހުއްޓާލައިގެން ހުރެފަ އަނެއްކާ ބޮވުނަސް އުއްމީދު ކަނޑާ ނުލާތި، އަނެއްކާވެސް ހަމަ ކުރިޔަށްވުރެ ވަރުގަދަ އަޒުމަކާ އެކު ހުއްޓާލާ ކާމިޔާބު ވަންދެން މަސައްކަތް ކުރާތި.
– ވިޔާނުދާ އަދި ސިނގިރޭޓް ބޯ އެކުވެރިންނާ ދުރުހެލިވާތި. އެބައިމީހުން ބޯ ތަން ފެނުމުން ބޯ ހިތްވެސް ވާނެ، އަދި ބައެއް ފަހަރު އެބައި މީހުން އެކަމަށް ދަޢުވަތުވެސް ދޭނެ. ތިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ބަސް ނާހާތި، އަދި ﷲ ގެ ވާގި ފުޅާ އެކު ތިކަން ހުއްޓާލުމުގައި ގަދައަޅާ މަސައްކަތް ކޮށް ރަނގަޅު އެކުވެރީން ޚިޔާރު ކުރާތި.
– ތިބާ އެހީތެރި ވެދޭނެ ފަރާތް ތަކުން އެހީ ހޯދުމަކީވެސް ހަމަ ރަނގަޅު ކަމެއް، މިސާލަކަށް އާއިލާމެ މީހުން، ނޫނީ ޑޮކްޓަރެއްގެ އެހީތެރިކަންވެސް ހޯދިދާނެ.

ތިބާއަށް ހެޔޮ މަގު ދައްކަވައި ތިކަމުން ސަލާމަތް ކުރައްވާތޯ ﷲ އަށް ދުޢާ ކުރަން. އަހަރެންގެ ވާހަކަ ނިންމާލީމެވެ.

ދެން އަހަރެންނަށް އަޑު އިވިގެން ދިޔަ ޖުމްލައިން ހިތްހަމަ ޖެހުނެވެ.

“ﷲ އިރާދަ ކުރެއްވިއްޔާ އަހަރެން ދެން ދުވަހަކުވެސް ފެގެއް ނުބޯނަން”

ގުޅުންހުރި

6 ޚިޔާލު

  1. ފުދިއްޖޭ ބުންޏަސް ހަމަ ބޯ ގޮވީ ފަށާނެ ސިގިރޭޓު ބޯން. މައްސަލައަކީ އަޤީދާގެ މައްސަލަ.

  2. ހެހެ ރަނގަޅު ވާހަކައެއް

  3. ހުރިހާވެސް މައްސަލައަކީ އަޤީދާގެ މައްސަލަ. އެކަމު އުޅެނީ ސިގިރޭޓު ހުއްޓުވަންވެސް ޝޯއެއް ބާއްވަން. އަނެއްކާ ޝޯ ބަލާނީ ސިނގިރޭޓް ބޮމުން. ހެހެ

  4. ފެގު ނުބޮއި ނުތިބެވޭނެ ކަމަށް ބައެއް މީހުން ބުނޭ. އެކަމާއި އަޅުގަނޑު ދެބަސް. ހުއްޓާލަންވީމާ ހުއްޓޭނެ. ބޯންވިމަ ބޯ ގޮތަށް.

  5. މޫސަގެ ވާހަކައަކަށް އެއްބަސްވެވޭކަށް ނެތް. ފެގް ބުއިން ހުއްޓާލުމަކީ ވަރަށް ވޭން އަޅާކަމެއް. އެކަމުގައި އުޅޭ މީހެއްވީމަ މިބުނަނި މިހެން. މަގޭވެސް އެކި ބޭސްތައް ބޭނުންކުރިން. އެކަމު އެކަމެއް ނުވި. ދެން ގިވަޕް ކޮށްފިން.

  6. ހަސަންޓޭއަށް ބުނެލަން އޮތީ ހަމަ އީމާންތެރިކަން ދަށިއްޔޭ. އަޅުގަނޑުވެސް މީ ހަމަ ވަރައްގަދަޔަށް ސިނގިރޭޓް ބުއި މީހެއް. މިހާރު ހުއްޓާލިފަހުން އަހަރެއްވަނީ. ވޭން އަޅާކަމެއްކަމަށް ގަބޫލުކުރަން. އެކަމު ހަމަ ކުޑަކަމެއް ހިތައް ގެނެސްލައްވާ. ރާ ހަރާމް ކުރެއްވިކަން އެންގުނު ދުވަހު މަދީނާގެ މަގުތަކުގަ ރަލުގެ ކޯރުތަށް ހެދުނީ އެމީހުން ރާބޯހިތްނުވާތި އެއްނޫން، ސިކު ނުވާތީއެއް ނޫނީ ވޭން ނުއަޅާތީއެއްވެސް ނޫން، ހިތުގަ އޮއި އީމާންތެރިކަމެއްގެ ސަބަބުން.

Your email address will not be published. Required fields are marked *

More in ރިޕޯޓް