އަފްގާނިސްތާނުގެ ހަމަނުޖެހުން ބޮޑު އުތުރާއި ދެކުނުގައި މިއަދު ހިނގައިދިޔަ ކުރިމަތިލުންތަކުގައި އެމެރިކާ ސިފައިންގެ 6 މީހަކު މަރުވެއްޖެއެވެ. އެމެރިކާ ސިފައިންގެ އިތުރުން މި ހަމަލާތަކުގައި އާންމުންގެ 12 ވަރަކަށް މީހުންވެސް މަރުވެފައި ވާކަމަށް ނޫސްތަކުން ހަބަރުދެއެވެ.
ނޭޓޯއިން ހާމަކުރާ ގޮތުގައި އެމެރިކާ ސިފައިންގެ 4 މީހަކު އަފްގާނިސްތާނުގެ އުތުރުގެ އެކި ސަރަހަށްދުތަކުގައި މަރުވެފައި ވާއިރު އަނެއް ދެމީހުން މަރުވެފައި ވަނީ ދެކުނުގައި ހިނގާދިޔަ ދެ ބޮންގޮއްވާލުމުގެ ހާދިސާއެއްގައެވެ. މިއަދު މަރުވި 6 މީހުންނާއެކު، މި މަހު އެމެރިކާ ސިފައިން މަރުވި ނިސްބަތް ވަނީ 23 އަށް އަރައިފައެވެ.
މިދިޔަ މަސްވެސް ވެގެން ގޮސްފައިވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ ފައުޖުތަކަށް އެންމެ ގެއްލުން ބޮޑު އެއް މަސްކަމުގައެވެ. މިދިޔަ މަހު އެކަނިވެސް 103 ބޭރުގެ ސިފައިން މަރުވެފައި ވާއިރު އޭގެތެރެއިން 60 މީހުންނަކީ އެމެރިކާގެ ސިފައިންނެވެ. އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްގާނިސްތާނުގައި މަރުވަމުން ދާއިރު، އެބައިމީހުން އަދިވެސް މަސައްކަތް ކުރަމުންދަނީ، ނުވަ އަހަރު ވެފައިވާ މި ހަނގުރާމައިގައި ބައިވެރިވުމަށް އިތުރު 30000 ސިފައިން އަފްގާނިސްތާނަށް ފޮނުވުމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...