ދިއިސްލާމްޔޫރަޕު

އެމެރިކާގެ ޑްރަގް އޭޖެންޓުންނަށް މަރުޙަބާ ނުކިޔާނެކަމަށް ބޮލީވިއާއިން ހާމަކޮށްފި

 

އެމެރިކާއާއިއެކު އޮތް ގުޅުން ރަނގަޅުކުރުމަށް އެއްބަސްވެފައިވީނަމަވެސް އެމެރިކާގެ ޑްރަގް އެޖެންޓުންނަށް މަރުޙަބާ ނުކިޔާނެކަމަށް ބޮލީވިޔާގެ ރައީސް އެވޯ މޮރަލެސް ހާމަކުރައްވައިފިއެވެ.

ސަރަޙައްދީ ބައްދަލުވުމަކަށް ކޮލަމްބިއާއަށް ވަޑައިގަތުމަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން މޮރަލެސް ހާމަކުރެއްވިގޮތުގައި އެއީ ޤައުމީ ވަޙްދަތާއި ސިޔާދަތު އެކުލެވިގެންވާ ކަމެކެވެ. މޮރަލެސް އިތުރަށް ހާމަކުރެއްވިގޮތުގައި އޭނާއަކީވެސް މީގެ ކުރީން އެމެރިކާގެ އެޖެންޓުން އެޤައުމުގައި ތިބުމުގެ ސަބަބުން އަނިޔާލިބުނު މީހެކެވެ. އެދުވަސްވަރު އަސްކަރީ ފައުޖުތަކާއި ފުލުހުންހެ ކޮންޓްރޯލްވެސް އޮތީ އެމެރިކާގެ އެޖެންޓުންގެ އަތްމަތީގައިކަމަށް މޮރަލެސް ހާމަކުރެއްވިއެވެ.

ބޮލީވިއާގެ މަސްތުވާތަކެއްޗާ ދެކޮޅަށް ޙަރަކާތްތެރިވާ ފުލުހުންދަނީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް ހާމަކުރެއްވިގޮތުގައި އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބބުން އެއްފަހަރު ހޭފުޅުވެސް ނެތުނެވެ.

"އެމީހުން އަހަރެމެންނަށް ވަރަށް އަނިޔާކުރި. އެކަން އެވަނީ ނިމިފައި." މޮރަލެސް ވިދާޅުވިއެވެ.

ފުރިހަމަ ސިޔާސީ ގުޅުން އުފެއްދުމުގެ އެއްބަސްވުމެއްގައި ބޮލީވިއާ އާއި އެމެރިކާވަނީ މިދިޔަ ހޯމަ ދުވަހު ސޮއިކޮށްފައެވެ. މިއެއްބަސްވުމަކީ މީގެ ތިން އަހަރު ކުރީން، އިދިކޮޅު މީހުންނަށް އެހީތެރިވުމުގެ ތުހުމަތުގައި އެމެރިކާގެ ސަފީރާއި ޑްރަގް އެޖެންޓުން ބޮލީވިއާ އިން ބޭރުކޮށްލުމަށްފަހު ވެވުނު އެއްބަސްވުމެކެވެ. މޮރަލެސް އިތުރަށް ހާމަކުރެއްވިގޮތުގައި ބޮލީވިއާގެ ދައުލަތް އުފެދުނުފަހުން ފުރަތަމަފަހަރަށް އެމެރިކާއިން ބޮލީވިއާގެ ޤާނޫނާއި ޤަވާޢިދުތަކަށް ތަބަޢަވާނެވެ.

ހޯމަދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ސަފީރުން ކަނޑައަޅާނެއެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމާއި ވިޔަފާރީގެ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރާނެއެވެ.

ސަފީރާއި ޑްރަގް އެޖެންޓުން ބޭރުކޮށްލި މައްސަލައިގައި އެމެރިކާއިންވަނީ ބޮލީވިއާއަށް ދީފައިވާ ވިޔަފާރީގެ ޢިނާޔަތްތައް ސަސްޕެންޑްކޮށްފައެވެ. އެމެރިކާއަށް ޑިއުޓީއަކާއި ނުލައި މުދާ އެތެރެކުރުމަށް ދީފައިވާ ޢިނާޔަތްތައް ކަނޑާލުމުގެ ސަބަބުން ބޮލީވިއާގެ އެތައް ރައްޔިތުންނެއްގެ ވަޒީފާތައް ގެއްލި މާލީގޮތުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންލިބޭކަމަށް ބޮލީވިއާއިން ހާމަކުރެއެވެ. މިދިޔަ ހޯމަދުވަހު ވެވުނު އެއްބަސްވުމުގައި މިމައްސަލައަށް އަލިއަޅުވާލާފައެއް ނުވެއެވެ.

ބޮލީވިއާގެ ރައީސް މޮރަލެސް އަކީ އެމެރިކާއާއި ދެކޮޅަށް އަޑުއުފުލާ ވެރިއެއްކަމަށްވާ ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒްއާއި ވަރަށް ގާތް ގުޅެމެއް ބާއްވާ ބޭފުޅެކެވެ.

މަޞްދަރު: އަލްޖަޒީރާ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *