ވާހަކަދިއިސްލާމް

މުސީބާތުގެ ވަގުތުގައި ހިތްވަރުއެލުވައިނުލާށެވެ.

އެއް ދުވަހަކު ދެމަފިރިއަކު ކައިރީގައި އޮތް  ކުޑަ ރަށަކަށް ހިތްހަމަޖައްސާލުމަށް ދާންތައްޔާރުވި އެވެ.  ދަތުރަށް ބޭނުންވާ ތަކެތި ބޮއްކުރައަކަށް އަރުވައި އަނބިމީހާ އެއަށް ލުމަށްފަހު، ފިރިމީހާ އަރައި ފަލިޖަހަންފެށި އެވެ. ރަށުގެ ނިވައިން ނެއްޓުމާއެކު ތޫފާނެއް ކުރިމަތިވެ، މޫސުން ގޯސްވެއްޖެ އެވެ.

އަނބިމީހާ  އޭނާގެ ފިރިމީހާކުރެ އަހާލި އެވެ. " ދެން ހަދާނި ކިހިނެއް؟"

ފިރިމީހާ ޖަވާބުގައި ބުނެލިއެވެ. " ކުރިއަށް ފަލިޖަހާނީ"

 ތޫފާން އިތުރަށް ގޯސްވެ، ކަނޑުގެ ރާޅުތައް ބޮޑެތިވެ، އޮއިވަރު ގަދަވެ، ބޮއްކުރާ ގެ ދުވެލި މަޑު ވެއްޖެއެވެ.

އަނބިމީހާ ހާސްކަމާ އެކު ބުނެލިއެވެ. " ދެން ހަދާނީ ކިހިނެއް؟"

" ކުރިއަށް ފަލިޖަހާނީ" ފިރިމީހާ ޖަވާބުގައި ބުންޏެވެ.

ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އެހެން އުޅަނދުތަކެއް އަނބުރައިލި މަންޒަރު ފެނުނެވެ. އަނބިމީހާ އޭނާގެ ފިރިމީހާގާތު ބުންޏެވެ. " އަހަރުމެންވެސް އަނބުރައިލަންވީ ކަން ނޭނގެ، އަހަރެންނަށް މިހާރު ކުރިވެސް ފެންނަވަރެއްނޫން އަދި އެހެން މީހުންވެސް އަނބުރައިލައިފި"

ފިރިމީހާ އޭނާގެ އަނބިމީހާގެ ގާތު ބުންޏެވެ. " ކުރިއަށް ބަލާށެ، އަހަރުމެން ހިތްވަރު ދޫކޮށް ލައިގެން ނުވާނެއެ، ކުރިއަށް ދަތުރު ކުރާނީ"

ކަނޑުވަރަށް ގަދަ ވެއްޖެއެވެ. ނަމަވެސް އެ ދެމަފިރިން ﷲ އަށް ވަކީލު ކުރާހާލު ހިތްވަރާއެކު ކުރިއަށް ދަތުރުކުރި އެވެ. އިރުކޮޅަކުން އަނބިމީހާ ގޮވައިލިއެވެ. " މިހާރު ތަންކޮޅެއް ސާފުކޮށް ތަންތަން ފެންނަހެން އެބަ ހީވޭ". ދެން ތަންކޮޅަކަށް ދަތުރު ކުރިތަނާ މޫސުން އަލިވެ، ކަނޑު ވަރަށް މަޑު ވެއްޖެއެވެ. އަދި ދާން ބޭނުންވި ކުޑަ ރަށުގެ ފަޅުތެރެއަށް ވަދެވިއްޖެއެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ބުންޏެވެ. " މިހާރު ފަސް އެނބުރި ބަލައި ބަލާށެ"

އަނބިމީހާ ބުންޏެވެ. " އެއީ ކީއްކުރަން ތޯ"

ފިރިމިހާ ބުންޏެވެ. " މިހާރު ކަނބުލޭގެ އެ ތޫފާނުން ސަލާމަތް ވުމާއެކު، ހިތްވަރު ދޫކޮށްލި މީހުންނަށް ނިކަން ބަލައިބަލާށެ އަދިވެސް އެމީހުން އެވަނީ އެތޫފާނުގައި ތާށިވެފައެ ނަމަވެސް ކަނބުލޭގެ ހިތްވަރު ގަދަކަމުން މިހާރު މިވަނީ ތޫފާނުން ސަލާމަތް ވެފައެވެ.

މިއީ މުސީބާތެއް ކުރިމަތިވެ ދަތިކަން ތަހައްމަލުކުރަމުންދާ ކޮންމެ މީހަކަށްވާ ނަމޫނާއެކެވެ. މީހަކު، މިސާލަކަށް އެންމެ ޖާނުން ވަރުގަދަ މީހާ ހިތްވަރު ދޫކޮށްލިއޭ ކިޔައިފައި ތިބާ ހިތްވަރު ދޫކޮށްލައިގެން ނުވާނެ އެވެ. ތިބާ ކެތެރިކަމާއެކު ކުރިމަތިލުމުން އެ ތޫފާނުން ސަލާމަތްވެ އަދި އިރުގެ ރީތި އަލިކަން ތިބާގެ މޫނަށް އެޅޭނެ އެވެ.

ﷲ ވަޙީކުރައްވަފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"...ތިބާޔަށްޖެހޭ މުސީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ." [ސުރަތުއް ލުޤުމާން 31 : 17]

"...ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ..." [ސޫރަތުލް ތައުބާ 9 : 40]

"ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ!..." [ސޫރަތުއް އާލް ޢިމްރާނު 3 : 139]

"އަދި ތިޔަބައިމީހުންނީ، އީމާން ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން ވަކީލު ކުރާށެވެ!" [ސޫރަތުލް މާއިދާ 5 : 23]

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ!..." [ ސޫރަތުލް ބަޤަރަ 2 : 153]

"ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." [ ސޫރަތުލް އިންޝިރާހް 94 : 6]

ރަސޫލާ ޞަލައް ﷲ ގެ ހަދީޡް ފުޅުތަކުން އެނގޭ ގޮތުގައި މީހަކަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވަން އިރާދަކުރެއްވުމުން އެމީހަކަށް ދަތި ދައްކުރިމަތި ކުރައްވަ އެވެ. އަދި ﷲ ބަޔަކުދެކެ ލޯބިވާނަމަ އެބަޔަކަށް ދަތިތައް ކުރިމަތި ކުރައްވަ އެވެ. މި ހުރިހާކަމެއްގެ ސިއްރަކީ މީސްތަކުން އިމްތިޙާނު ކުރައްވާ އަޅުތަކުންކުރެ ކެތެރިވެ ތަޤުވާވެރިވަނީ ކޮންބައެއްތޯ؟ ބެއްލެވުމެ އަދި ކުރިންވެސް ބުނިފަދައިން ހެޔޮގޮތް މިންވަރުކުރެއްވުމެވެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަޅަމެންނީ ކެތެރީން ކަމުގައި ލައްވާނދޭވެ.

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް އިބުރަތްތެރި…. އަހަރުމެނަށް ކޮންމެ ކަމެއް ކުރިމަތި ވިއަސް ކެތްތރި ވާންޖެހޭނެ…

  2. ވިސްނާ ފިކުރުކުރާ ބަޔަކަށް ކޮންމެ ހާދިސާއަކީވެސް އިބުރަތެއް!!!!

  3. ވަރަށް އިބުރަތްތެރި ލިޔުން ކޮޅެއް.. ހަޔާތްގައި ދިމާވާ ކޮންމެ ހާދިސާ އަކީ ވިސްނާ ފިކުރު ކުރާ ބަޔަކަށް ހުރި ރަނގަޅު އިބުރަތެއް..

  4. ރަނގަޅު ވަގުތެއްގައި މިލިޔުން ކިޔާލެވުނީ… ހިތަށް ހަމަޖެހުމާއި ފިނިކަން ލިބި އިތުރު ޔަޤީންކަމާ އިތުބާރު ލިބިއްޖެ!! ޝުކުރިއްޔާ!!!

Your email address will not be published. Required fields are marked *

More in ވާހަކަ