17 ވަނަ ސާކު ސަމިޓްގައި ބައިވެރިވާން ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާއާއި ޕާކިސްތާންނުގެ އިސް އޮފިޝަލުން ބައްދުލުކުރައްވައިފިއެވެ. އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއި އާއި ޕާކިސްތާންގެ އިސްފަރާތެއްކަމުގައި ވާ ސަލްމާން ބަޝީރު ބައްދަލު ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ނަސީރު ވިދާޅުވީ މަތާއި އާއި ބަޝީރު ވާހަކަ ދެއްކެވީ ސާކު ޤައުމުތަށް ގުޅިގެން ވިޔަފާރި ކުރެވިދާ ގޮތްތަކުގެ މައްޗަށް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ނުދެއްވައެވެ.
ސާކުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަފްޣާނިސްތާން ، ބަންގްލަދޭޝް ، ބުޓާން ، ޢިންޑިޔާ ، ދިވެހިރާއްޖެ، ނޭޕާލް ، ޕާކިސްތާން އަދި ސްރީލަންކާ މި 8 ޤައުމުން ވެސް ވަނީ ޕާކިސްތާންގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަށް ހުއްޓުވަން ޖެހޭކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން މިޤައުތަކަށް ވިޔަފާރީގެ މުޢުމަލާތްތަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް މިބައްދަލުކުރެއްވުމުގައި ވާހަކަ ދެއްކެވިއެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ މައްސަލަތަކެއް އުފެދިފައިވެއެވެ. އަދި މިދެޤައުމުން 1974 މިނިވަންވީ ފަހުން 3 ހަނގުރާމަ ކޮށްފައިވެއެވެ. ދެޤައުމުގެ ހަމަނުޖެހުމަކީ ކަޝްމީރު ސްޓޭޓް ބާރުގެ ދަށައްގެނައުމަށް ކުރެވޭ ހަނގުރާމައެވެ.
ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާން ދެބައިވީ ހިސާބުގައިވާ މުސްލިމުންގެ އާބާދީ އޮންނަ ސިޓީއެކެވެ. މިދިޔަ އަހަރު ވެސް އިންޑިޔާ ސިފައިން ކަޝްމީރަށް އަރާ ވަނީ ހަނގުރާމަކޮށްފައެވެ. ބަދަލު ކުރެވުނު ޙަމަލާތަކުގެ ސަބަބުން ކަޝްމީރުގެ 100 މީހުން ވަނީ މަރުވެފައެވެ.
2008 އަހަރު އިންޑިޔާގެ މުމްބާއީ އަށް ދިން ޙަމަލާ އާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާނާ އެކު މަޝްވަރާކުރުން ހުއްޓަލާފައެވެ. 170 މީހުން މަރުވި މިޙަމަލާ އިންޑިޔާއިން ވަނީ ޕާކިސްތާނުގެ ބޮލުގައި އަޅުވާފައެވެ. އިންޑިއާ އިން ވަނީ އެއީ ޕާކިސްތާނުގެ ޖަމާޢާތެއްކަމުގައިވާ ލަޝްކަރޭ ތައިބާ އިން ކުރިކަމެއް ކަމުގައި ތުހުމަތު ކޮށްފައެވެ. ޕާކިސްތާނުން މި ތުހުމަތާ ދެކޮޅު ހަދަމުން ދަނިކޮށް އެޖަމަޢާތުގެ ބައެއް މީހުން ހައްޔަރު ކޮށްފައި ވެއެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތަކަށް، ސާކްގެ ގުޅުމުގެ ތެރެއިން ފިނިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ހީނާ ރައްބާނީ މިއަދު ވިދާޅުވެފައި ވާ ކަމަށް މީޑިއާ ތަކުން ބުނެއެވެ..

ކޮމެންޓް (0)
ލޯޑް ކުރަމުން...