ދިއިސްލާމް އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިޢުފާ ދޭނެކަން ހާމަކޮށްފި

އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިޢުފާ ދޭނެކަން ހާމަކޮށްފި

އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިޢުފާ ދޭނެކަން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިޤްތިޞާދަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙުތައް ފާސްވުމުން އިސްތިޢުފާ ދެއްވާނެކަމަށް އިޓަލީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ހާމަކޮށްފިއެވެ.

ބާލުސްކޯނީ އިސްތިޢުފާ ދެއްވާނެކަން މިހާމަކުރީ އިއްޔެ ނެގުނު ވޯޓެއްގައި އުންމީދުކުރިވަރަށް ވޯޓު ނުލިބުމުންނެވެ. އެވޯޓުގައި ސަރުކާރުކޮޅަށް ކާމިޔާބު ލިބުނުނަމަވެސް، މުޅި މަޖްލީހުގެ އަޣްލަބިއްޔަތުކަމަށްވާ 316 މެމްބަރުންގެ ތާޢީދު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިއަށްހުރި ބަޖެޓްތަކަށް ވޯޓަށްނަގާއިރު، މުޅި މަޖްލީހުގެ އަޣްލަބިއްޔަތު ބޭނުންވާނެއެވެ.

ޔޫރަޕްގެ އިއްތިޙާދުން ދަނީ އެއްބަސްވެވިފައިވާގޮތާ އެއްގޮތަށް އިޤްތިޞާދީ އިސްލާޙުތައް ގެނައުމަށް އިޓަލީ ސަރުކާރަށް ބާރުއަޅަމުންނެވެ. އެއީ އެޤައުމަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައެވެ. ޔޫރަޕްގެ ބައެއް ވެރީން ޤަބޫލުކުރާގޮތުގައި ގްރީސް، އަޔަލެންޑް އަދި ޕޯޗުގަލްއަށް ކުރިމަތިވެފައިވާފަދަ އިޤްތިޞާދީ މައްސަލަތައް އިޓަލީއަށް ކުރިމަތިވުމަކީވެސް ވަރަށް ގާތް ކަމެކެވެ.

2 ޓްރިލިއަން ޔޫރާ އާ ގާތްކުރާ ޢަދަދަކަށް އިޓަލީވަނީ ދަރަނިވެރިވެފައެވެ. އެއީ އެޤައުމުގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 120 އިންސައްތައެވެ. މިކަން ޙައްލުކޮށް 2013 ވަނަ އަހަރު ތިލަފަތްހަމަ ބަޖެޓެއް އެކުލަވާލުމަށް 60 ބިލިއަން ޔޫރޯގެ ބަޖެޓެއްވަނީ މިދިޔަ އޮގަސްޓްމަހު ފާސްކޮށްފައެވެ.

އިސްތިޢުފާ ދެއްވުމަށްފަހު އިޓަލީގެ ރައީސްގެ ބެލުމުގެ ދަށުން ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ހިމެނޭ މަޝްވަރާތައް ފެށޭނޭކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ. ރައީސް އޮފީހުން އިތުރަށް ހާމަކުރިގޮތުގައި އިއްޔެ އެނެގުނު ވޯޓުގެ ބޮޑު މަންޒަރު ބާލުސްކޯނީއަށް ފެނެއެވެ. އަދި ޔޫރަޕްގެ ޤައުމުތަކުގެ ވެރީންގެ އުންމީދުތައް ޙާޞިލްކޮށްދިނުމަށްވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ބާލުސްކޯނީގެ އުމުރުން 75 އަހަރުވެފައިވާއިރު، އޭނާގެ މަޤްބޫލްކަންވަނީ 22 އިންސައްތައަށް ދަށަށް ގޮސްފައެވެ. ޤައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ އިތުރުން ރިޝްވަތު ދިނުމާއި، ޓެކްސް އަށް މަކަރު ހެދުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި 17 އަހަރުގެ ކަސްބީ އަންހެންކުއްޖަކާއެކު ހިންގި ޖިންސީ ގުޅުންތަކުގެ ސަބަބުން ބާލުސްކޯނީއަށްވަނީ ޤާނޫނީ މައްސަލަތަކަކާއި ކުރިމަތިވެފައެވެ.

މަޞްދަރު: ޕްރެސްޓީވީ

ޓެގް

ބާލުސްކޯނީ އިޓަލީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.