މިދިޔަ ހޮނިހިރު ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އުތުރަށް އޮންނަ ހުސްބިމުގައި ޕްރީސްކޫލެއް އިމާރާތްކުރުމަށްޓަކައި ކޮންނަމުން ދަނިކޮށް ފެނުނު މިނިކަށިތަކަކީ އަނިޔާވެރިކަމާއެކު މަރާލެވިފައިވާ ބައެއްގެ ކަށިތައް ކަމަށް ޝައްކުކުރެވޭ މި ކަށިތަކުގެ މައްސަލަ ރަނގަޅަށް ތަޙުޤީޤުކޮށް ބެލެންޖެހޭނެ ކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ. މަޢުރޫފް މިހެން ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓިގެ ވެބްސައިޓްގައި އޭނާ ލިޔުއްވާފައިވާ ލިޔުމެއްގައެވެ. އެލިޔުމުގައި މިނިކަށިތަކުގެ މައްސަލަ ތަޙުޤީޤުކުރުމަކާއި ނުލައި ވަޅުލާފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.
ޑރ. މަޢުރޫފް ވިދާޅުވީ ތާރީޚް ލިޔުއްވާ ބޭފުޅުންނާއި އެނެލިސްޓުންގެ ފަރާތުން ލަފާކުރާގޮތުގައި ފެނުނު ކަށިތަކަކީ މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި ބައެއްގެ ކަށިތަކެއް ކަމަށެވެ.
ސަން އޮންލައިންގައި ޝާޢިއުކޮށްފައިވާ ފޮޓޯއަށް އިޝާރާތްކުރައްވާ ލިޔުއްވައިފައިވަނީ އެ ފޮޓޯއިން 3 އިންސާނެއްގެ ކަށި ފެންނަ ކަމަށާއި އިންސާނެއްގެ ގައިގައިވަނީ ފައިގައި ހިމެނޭ 3 ކަށި (Fibula, Tibia, Femur) އަދި އަތުގައި ހިމެނޭ 3 ކަށި (Radius, Ulna, Humerus) އާއެކު ޖުމްލަ 12 ދިގު ކަށިކަމަށާއި (long bones)، މީގެ ތެރެއިން Fibula (ފިބިޔުލާ) އަކީ ވަރަށް ހިމަ ކައްޓެއް ކަމަށެވެ. އެހެންކަމުން، އަވަހަށް ފަނާވުމުގެ ފުރުސަތު ބޮޑުކަމުން އެކަށި ފަނާވެފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ ލިޔުމުގައި ވެއެވެ. އަދި އެއީ ވަރަށް އާދައިގެ ގޮތަކަށް ގުނާލިކަމުގައިވީނަމަވެސް، ފޮޓޯއިން މަދުވެގެން 24 ދިގުކަށި ސާފުކޮށް ފެންނަން އޮތް ކަމަށާއި، އެތައް ބައިވަރު ކުދިކަށި ފެންނަންހުރުމުން، ފޮޓޯއިން ދޭހަކޮށްދޭ ގޮތުން އެއީ 3 މީހެއްގެ ކަށިކަމަށްވުން ވަރަށް ގާތް ކަމަށް ޑރ. މަޢުރޫފް ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުން ކޮންބޮޑުވުން އިތުރުކޮށްދޭ އަނެއްކަމަކީ މި ތިން އިންސާނުންގެ ވެސް ބޯ (skull) މި ކަށިތަކާ އެކު ނުވާކަމަށް އެ ލިޔުމުގައި ވެއެވެ.
ޑރ. މަޢުރޫފް ވިދާޅުވީ މި ފެނުނު ކަށިތަކުގެ ސަބަބުން، މިފަދަ އިތުރު ކަށިތައް ވިލިމާލޭގައި ވަޅުލާފައިވޭތޯ ބެލުމަކީ ކަމުގެ ޙަޤީޤަތް ބެލުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭނޭ ކަމެއް ކަމަށެވެ.
އަނިޔާވެރިކަމާއެކު ބަޔަކު މަރާލައި އެއްތަނެއްގައި (mass grave) އެއް ފަދައިން ވަޅުލާފައިވާ ކަމަށް މިކަމުން ޝައްކު އުފައްދާކަމަށާއި، ޝައްކުވާ ގޮތަކަށް ހިނގާފައި ހުންނަ މިކަހަލަ ކަންކަމަކީ ދައުލަތުގެ މައްޗަށް އެކަމުގެ ޙަޤީޤަތް ރައްޔިތުންގެ ޙައްޤުގައި ހޯދުން ލާޒިމުވާނޭ ކަމެއްކަމުގައިނޫނީ ނުވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
ޑރ. މަޢުރޫފް ކުރީގެ ވިލިމާލޭ ޖަލުގައި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ހެކިވާ ބޭފުޅުން މިހާރުވެސް މިދުނިޔޭގައި ތިބި ކަމަށެވެ. އަދި ޤައުމުގެ މާޒީގެ ކިލަނބުވެފައިވާ މިފަދަ ޞަފްޙާތަކުގެ ޙަޤީޤަތް މިފަދަ ބޭފުޅުންގެ އެހީގައި ދެނެގަނެ، ކަންކަން ރަނގަޅު މަގަށް އެޅުވުމަށް އިންސާފުވެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކަމާބެހޭ ޤައުމީ މުއައްސަސާތަކުން އަދާކުރަންޖެހިފައިވާ ޤައުމީ އަދި ޤާނޫނީ ވާޖިބެއް ކަމަށް މަޢުރޫފް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...