މަދުންނޫނީ ނާންނަ ގަދަ ފިނީގެ ވިއްސާރައެއް ނިއުޔޯކްގެ ސިޓީޕާރކްގައި ހަރަކާތްތެރިވަމުންދާ އޮކިޕައި ވޯލް ސްޓްރީޓްގެ ބައިވެރިންނާ ކުރިމަތިވެއްޖެއެވެ.
ގަދަ ފިނީގައި ޓެންޓު ޖަހައިގެން މުޒާހަރާ ކުރަމުން ދާ މީހުން ބުނި ގޮތުގައި އެމީހުން މުޒާހަރާއަށް ނިކުތީ ހަމައެކަނި އަވިދޭ ރީތި ދުވަސްތަކުގައި އެކަނި މުޒާހަރާކޮށްލާކަށް ނޫނެވެ. އަދި ގަދަ ފިނީގައި ވެސް މުޒާހަރާ ކުރިއަށް ގެންދިއުމުގެ އަޒުމުގައެވެ.
އެ ސަރަހައްދުގައި ހަރަކާތް ތެރިވާ ނޫސްވެރިން ބުނާ ގޮތުގައި އެތާގެ ފިނިކަން ގަދަ ކަމުން މުޒާހަރާ ކުރާ ގިނަ މީހުން ތިބީ ޓެންޓުތަކުގެ ތެރޭގައެވެ. އަދި އެމީހުން ތިބީ އެނބުރި ގެޔަށްދާ ވިސްނުމެއްގައެއް ނޫނެވެ.
ނޫސް ވެރިންނާއި ވާހަކަ ދައްކަމުން މުޒާހަރާ ކުރާމީހުންގެ މެޑިކަލް އޮފިސަރު ބުނެފައި ވަނީ ކުރިމަތިވެގެން އުޅޭ ފިނި ވިއްސާރައަށް ތައްޔާރުވާން އެމީހުންނަށް މާ ބޮޑު ކަމެއް ކުރެވެން ނެއްކަމަށެވެ.
އަދި ފާއިތުވި ދުވަސް ތަކުގައި ހުމުގެ އަސަރު ހުރި 30 މީހަކަށް ފަރުވާދީފައިވާ ކަމަށް އޭނާ ހާމަކުރެއެވެ. އަދި މާ ހާލު ބޮޑުވާ މީހުން ހޮސްޕިޓަލަށް ފޮނުވަމުންދާ ކަމަށާއި ނަމަވެސް ބައެއް ބައިވެރިން މުޒާހަރާގެ މައިދާން ދޫކޮށް ދިޔުމަށް ދެކޮޅުހަދާކަމަށެވެ.
މުޒާހަރާގެ ބަޔެއް ބައިވެރިން ވަނީ އެ ސަރަހައްދަށް ވަރަށް ދުރު ސިޓީތަކުން އައިސްފައެވެ. އަދި އެމީހުން ބޭނުންވަނީ މުޒާހަރާގައި ފުރިހަމައަށް ބައިވެރިވުމަށެވެ.
އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ބަޔެއް ސިޓީތަކަށް ސްނޯވެސް ވެހޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...