އެމެރިކާގައި ކުރިއަށްދާ "އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާއިން ހިތްވަރު ލިބި ފްރާންސްގެ ވެރިރަށް ޕެރިހުގައިވެސް އެމުޒާހަރާ ފަށައިފިއެވެ. މުއްސަނދި މަހުޖަނުންނާއި ދެކޮޅަށް ކުރިއަށްދާ މިމުޒާހަރާ ފަށާފައިވަނީ ޕެރިހުގެ މަޝްހޫރި ވިޔަފާރީގެ މަރުކަޒު "ލަ ޑިފެންސް" ގައެވެ.
އޮންލައިން ފޯރަމްތަކުގައި ގޮވާލި ގޮވާލުމަށް އިޖާބަދީ އެތައް ސަތޭކަ ބަޔަކު މުޒާހަރާއަށް އެއްވެފައިވާކަމަށް ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރެއެވެ. މުޒާހަރާކުރާމީހުންގެ މައިގަނޑު ޝުޢޫރަކީ ފްރާންސްގެ އިޤްތިޞާދީ މައްސަލަތަކާއި އެޤައުމުގެ މުއްސަނދިންނާއި ފަޤީރުންނާއި ދެމެދު ބޮޑުވަމުންދާ އާމްދަނީގެ ފަރަގެވެ.
މުޒާހަރާކުރާމީހުންގެ ތެރެއިން އެކަކު ހާމަކުރިގޮތުގައި ބައެއް މީހުންނަށް ގްރީސްއާއި ސްޕެއިންގައި އޮތްފަދަ މައްސަލަތަކެއް ފްރާންސްގައި ނެތްކަމަށް ހީވިނަމަވެސް، އެކަމުގެ އަސަރު އެންމެ ފަހުން ފްރާންސަށްވެސް ކުރާނެއެވެ. އެހެންކަމުން، އެކަމަށް ތައްޔާރުވުން މުހިންމެވެ.
މުޒާހަރާ ކުރާ މީހުން ވަނީ ޓެންޓް ފަދަ ތަކެތި ޖަހައި އެމީހުންގެ އަތުން ކާނާއާއި ރަޖާފަދަ ތަކެތި އަތުލުމަށް ފުލުހުންކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފައެވެ. އެހެންނަމަވެސް، ބައެއް ޓެންޓްތައް ހަލާކުކޮށްލައި ބައެއް މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް މުޒާހަރާކުރާމީހުން ބުނެއެވެ. އަދި މިއީ ގިނަބަޔަކު ހައްޔަރުކުރުމަށް ފުލުހުން ތައްޔާރުވަމުންދާކަމުގެ އިޝާރާތެއްކަމަށް ޤަބޫލުކުރެވޭކަމަށްވެސް އެމީހުން ބުނެއެވެ.
މަޞްދަރު: ޕްރެސްޓީވީ

ކޮމެންޓް (0)
ލޯޑް ކުރަމުން...