އައްސުލްޠާން އަލްޣާޒީ މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވިތާ ގާތްގަނޑަކަށް 114 އަހަރު ފަހުން ދިވެހިރާއްޖޭގެ ރަސްކަމަށް ކުޑަ މުޙައްމަދު ރަސްގެފާނު އިސްކުރެވުނެވެ. މިރަސްގެފާނުގެ ތުއްޕުޅުކަމުން ވެރިކަމުގެ ހުރިހާ ކަމަކަށް މަންމާފުޅު މަރިޔަމް ކަނބާފާނު (އެނދި މަރިޔަނބު) ބާރުފޯރުވި އެވެ. މި ކަނބުލޭގެއަކީ ފާސިގުކަން ފާޅުކުރާ އަންހެނެކެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ފާޙިޝް ކަންތައްތަކާއި ފަސާދަތައް އާންމުވެގެންދިޔަ އެވެ.
މުޙައްމަދު މުޙިއްޔުއްދީންގެ ކުރިން ރާއްޖޭގެ ހާލަތު
ދައުލަތުގެ ވަޒީރު ކަމުގައި ތިއްބެވި ކަމަށް ޤާބިލު މީހުން ވަކި ކުރައްވައި މަރިޔަމް ކަނބާފާނު އޭނާގެ ޢާއިލާގެ އެކި މީސްމީހުނަށް ވަޒީރުކަންދެއްވި އެވެ. އެކަމަނާގެ އެއްބަނޑުމީހުން ރަށުތެރޭގެ މީހުންގެ އަނބިންގާތަށް ފައުޅުގައި ވަދެ މީހުންނަށް އަނިޔާކުރެ އެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ގަނޑުވަރުތެރޭގައި ބެރެކި ރައިވަރު ކިޔުމާއި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ކުޅިވަރުކުޅުން އޮވެ އެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު އަރުމާޒުވަޑައިނަވާއިރު އަންހެންނާއި ފިރިހެނުން ނިވާކަމެއްނެތި އުޅެޔެވެ. މިގޮތަށް ވަޑައިގަންނަވާއިރު ވެދުމުގެ ނަމުގައި ރާއްޖޭގެ ރަށްރަށުން މުދާފޭރޭ ކަމުގައި އެވެ.
މަރިޔަމް ކަނބާފާނާއި އޭނާގެ އަޢުވާނުން ދީނީ ޢިލްމުވެރިންނަށް އިހާނެތިކޮށްހިތި އެވެ. ދަންނަބޭކަލުންގެ ކުރިމަތީގައި ޖެއްސުމައް ފާސިދު ކަންތައްކުރެ އެވެ. މިކަމަށް ކެއްނުވެގެން ބައެއް ޢިލްމުވެރިން ރާއްޖެއިން ބޭރަށް ދުރުވި އެވެ. މިގޮތަށް ރާއްޖެއިން ބޭރަށް އަރުވައިލެވިގެން ހުރުމަށްފަހު ފޮނަދޫ ޚަޠީބުތަކުރުފާނުގެ ދަރިވަރު ޙަސަން ތާޖުއްދީން ރާއްޖެވަޑައިގަތުމުން ރަސްކަމާދެކޮޅަށް ނުކުމެދާނެތީ ބިރުން ޙަސަން ތާޖުއްދީން، މާލޭގެ ތޮށި އެތެރޭގައި ބޮޑު ކޯއްޓޭ ބުރުޒާއި ދިމާގައި 2 ދުވަސް ވަންދެން އަވީގައި ބޭންދި އެވެ. އަދި އެކަލޭގެފާނުގެ އެއްވެސް މީހަކު އެ ދޯންޏަށް އެރިއަނުދެ އެވެ. ދެން އެއަށްފަހު ހައްދުއްމަތީ ގަމަށް އަރުވައިލި އެވެ.
މުޙައްމަދު މުޙިއްޔުއްދީން ރަސްކަމަށް އިސްކުރެއްވުން
ހިޖުރައިން 1102 ވަނަ އަހަރު އަލީ ރާޖާގެ އެހިތެރިކަމާއި އެކު ހަނގުރާމަކުރި ބަޔެއްގެ މައްޗަށް ނަޞްރުލިބުމުން ކަނޑުމަތީގައި އަންހެނުންނާއި ފިރިހެނުން ނާޗަރަންގީ ކުޅެމުން އައި މަގުމަތީ ހިނގި އަލިފާނުގެ ހާދިސާގައި މަރިޔަމް ކަނބާފާނާއި ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވުމުން މުޙައްމަދު މުޙިއްޔުއްދީނަށް ރަސްކަމަށް އިސްކުރެވުނެވެ. މިރަސްގެފާނަކީ ދީލަތި، ކެއްތެރި، އިންސާފުވެރި އަދި ޢިލްމުވެރީންނަށް ލޯބިކުރައްވާ ރަސްކަލެކެވެ.
ރާއްޖެ އިޞްލާޙު ކުރުމަށް ކުރެއްވި މަސައްކަތްޕުޅު
ހައްދުއްމަތީ ގަމަށް އަރުވާލައިފާ ހުނަނެވި ޢިލްމުވެރިއެއް ކަމަށްވާ ޙަސަން ތާޖުއްދީން ގެންނަވައި ހެޔޮކޮށްހިތައި މާލޭގައި ބެހެއްޓެވި އެވެ. އަދި ފޮނަދޫ ޚަތީބުތަކުރުފާނު ގަނޑުވަރަށް ގެނަނަވައި ބޮޑުއަށީގައި ބެއިންދެވި އެވެ. ދެން ރަސްކަމުގެ ބޮޑުންނާއި އެއްމެން ޖަމާކުރައްވާ ޚަތީބުތަކުރުފާނަށް ވަޢުޡުބުނަން އަމުރުކުރުކުރެއްވި އެވެ.
ޚަތީބުތަކުރުފާނު ވަޢުޡްބުނަން ފެއްޓެވީ:
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوْ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنْ الرِّجَالِ أَوْ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
މާނައަކީ: " އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް، ނުވަތަ އެކަނބަލުންގެ މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ނިވާކުރާ ތަނާއި ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން އެކަނބަލުން ނުތަޅާހުށި ކަމެވެ. އަދި އޭ މުއުމިނުންނެވެ. ތިޔަބައި މީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ."
މިއާޔަތުންނެވެ. ވަޢުޡް ބުނެފައި ނުކުންނެވުމާއިއެކު ރަސްގެފާނު ކޮލިކަލޭގެ ނެރުއްވައި " ރާނުބޯން، ބަނގުނުކާން، ޒިނޭނުކުރާން، އަންހެނުން މޫނުބިރުގާއަޅާން، އަންހެނުން ފިރިހެނުންނުނަށް މަގުންއަރައި ތަންދޭން، މިސްކިތުގެ ވެޔޮވަޅުތަށް ޠާހިރުކުރާން، މިސްކިތް މިސްކިތުގައި ފަސް ވަގުތު ބަންގި ގޮވައި ޖަމާޢަތުގައި ނަމާދުކުރާން" އަމުރުކުރެއްވި އެވެ. ދިވެހި ތާރީޚު ބުނާގޮތުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންކުރެ މިކަންތައްތައް ޢާދަކުރެއްވީ މިރަސްގެފާނެވެ. ހެޔޮކަންތައްތަކަށް އަމުރުކުމާއި ނުބައިކަންތައް ނަހީކުރުމަށް ރައްރަށުގއި ތިބޭ ނާއިބުން ކުރާ އަމުރު ގަދަކުރުމަށް އަތޮޅުތަކުގެ ވެރީންނަށް ވަޞީޔަތްކުރެއްވި އެވެ. މީގެއިތުރުން ފިރިހެނުން ގަމީސް ލުމަށާއި ފަގުޑިއެޅުމަށާއި ފައިވާންލުމަށް އަމުރުކުރި އެވެ. އަދި ބޭނުންމީހަކު ޙައްޖަށް ދިޔުމަށްވެސް މިރަސްގެފާނު ހުއްދަދެއްވި އެވެ.
އެ ޒަމާނުގައި ދިވެހި މުޖުތަމަޢު
އެރަދުންގެ ޒަމާނުގައި ޢިލްމުވެރިން ގިނަވި އެވެ. އެބޭކަލުންނީ ޢިޒަތްތެރިކަން ލިބިގެންވާ ބަޔަކު ކަމުގައިވި އެވެ. އަދި އެބޭކަލުންނަށް ނަޞްރުދެއްވަ އެވެ. ރައްޔިތުންގެ ކިބައިން ވާރުންކިތައްމެ ތަނެއް ކަނޑައިލެއްވި އެވެ. އަމީރުންވެސް ރައްޔިތުން ގެ މައްޗަށް ރަޙުމަތްތެރިން ކަމުގައިވި އެވެ. އެމީހުން ރައްޔިތުންގެ އަތުން ލުނބޮޔެއް، މިރުހެއް، ދޮންކެޔޮލެއްގެ މިންވަރުވެސް ނުހިފަ އެވެ. ރައްޔިތުން އެ ރަސްގެފާނަށް ކިޔަނީ ހެޔޮރަސްގެފާނުގެ ނަމުންނެވެ.
ވެރިކުމުގެ ހުރިހާކަމެއް ރަސްގެފާނު ކުރައްވަނީ މުޙައްމަދު ސިރާޖުއްދީން ( ފޮނަދޫ ޚަޠީބުތަކުރުފާން) އާއި ޚަތީބުތަކުރުފާނުގެ ދަރިވަރު ޙަސަން ތާޖުއްދީން އާއި ދެބޭކަލުންނާއި މަޝްވަރާކުރުމަށް ފަހުގަ އެވެ. ސުލްޠާން މުޙައްމަދު މުޙިއްޔުއްދީން އަވަހާރަވީ ހިޖުރައިން 1103 ގަ އެވެ. މިރަސްގެފާނު ރާއްޖޭގައި ވެރިކަން ކުރެއްވީ 11 މަހާއި 26 ދުވަސް ވަންދެންނެވެ. ތާރީޚު ބުނާ ގޮތުން މިރަދުންނަކީ ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި އެންމެ ޢަދުލުވެރި ރަސްގެފާނެވެ. މި ދިވެހި ޤައުމަށް ދިނީ ޢިލުމުވެރިންގެ މަޝްވަރާގެ މަތިން ކަންކަން ނިންމަވާ މިފަދަ ޢަދުލުވެރި ވެރިން އިސްކުރައް ވާންދޭ އާމީން.
މިއީ 6 ނޮވެމްބަރ 2011 ދިއިސްލާމްގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
މަޢުލޫމާތު ނެގީ
- ދިވެހި ތާރީޚު
- ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަން ތަން ކޮޅު
- ތާރީޚައް އަވަސް ކަޅިއެއް
- ދިވެހިރާއްޖޭގެ ރަހުންނާއި ރާނީން
- އުތީމުދަރިކޮޅު ގެ ރަސްކަން
ޚިޔާލު