މަތީގައިވާ ފޮޓޯގައި އެވަނީ މިސްރުގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު އެވެ. މިސްރުގެ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިކުޅުންތެރިޔާއަކީ މިސްރުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި 'މިސްރުގެ ޒިދާން' އެވެ.
2008 ވަނަ އަހަރު ސޫދާން އާއި ދެކޮޅަށް ކުޅުނު މެޗެއްގައި މިސްރަށް ގޯލެއް ޖެހުމަށްފަހު މުހައްމަދު ވަނީ އޭނާގެ ޖާޒީ ބޮލުގައި އަޅުވައި އެތެރެއިން ލާފައިވާ ޓީޝާޓުގައިވާ 'މެސެޖް' ސަޕޯޓަރުންނަށް ދައްކާފައެވެ. މުހައްމަދު އިހުތިޖާޖު ކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ޤާޒާ 10 ދުވަހަށް ބަންދުކުރުމާއި ގުޅިގެންނެވެ. މިއަމަލާއި ގުޅިގެން މުހައްމަދަށް ވަނީ އަދަބެއްގެ ގޮތުގައި 'ރީނދޫ' ކާޑެއް ދައްކާފައެވެ. ޤާޒާއާއި މެދު 'ސިމްޕަތީ'ވެގެން ކުރި މިއަމަލުގެ ސަބަބުން ކާޑު ދެއްކުމުން ދުނިޔޭގެ މީޑިއާތަކުންވަނީ މިއީ 'ކުޑަ އަދަބެއްގެ' ގޮތުގައި ސިފަކޮށްފައެވެ. އަދި ބައެއް އަރަބި ޤައުމުތަކުގެ މީޑިއާތަކުން ވަނީ މިއީ 'އޮނަރަބަލް ޕަނިޝްމަންޓް'އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިސްރުގެ 'ޒިދާން' ގެ މިއަމަލުގެ ސަބަބުން ފަލަސްތީނުގައި ވަނީ އޭނާ އަށް 'ޝުކުރު' އަދާކުރުމުގެ ގޮތުން މަގުތަކުގައި ހިނގާލުންތައް ބައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ 'ބަދަލެއްގެ' ގޮތުގައި މުހައްމަދު ވަނީ ސިފަކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...