ހަތަރު އަހަރުވެފައިވާ ޣާޒާގެ ޙިޞާރާއި ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއެކު މިހާރު ޣާޒާއަށް ދަތުރުކުރަމުން އަންނަ، ދެ އުޅަނދު ހުއްޓުވާނެކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލު ޢަސްކަރިއްޔާގެ ތަރުޖަމާނުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެޤައުމުގެ ކަނޑުގެ ސިފައިން އޮތީ އުޅަނދުތަކާ "ބައްދަލުކުރަން ތައްޔާރަށްކަމަށާއި" އުޅަނދުތައް ޣާޒާއަށް ފޯރިޔަނުދިނުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެސް ވަނީ ވެނިމިފައި ކަމަށެވެ. ނަމަވެސް އުޅަނދުތައް ހުއްޓުވާނެ ގޮތެއް ހާމަކޮށްފައެއްނުވެއެވެ. އިސްރާއީލް ޢަސްކަރިޔާގެ ލެފްޓިނެންޓް ކާރނަލް އަވިޓަލް ލެބޮވިޗް ބުނެފައިވަނީ އެމިހުން ގެންދާނީ އުޅަނދުތަކުގެ ޙަރަކާތްތައް ބަލަމުންކަމަށާއި ނުކިޔަމަންތެރި ފަޅުވެރިން ތިބިނަމަ އެބަޔަކާ ކުރިމަތިލާނެކަމަށެވެ.
ތުރުކީގެ އިދާރާތަކުން ހުއްދަލިބުމާއެކު މިދަތުރުގައި ބައިވެރިވާ ދެ އުޅަނދުކަމުގައިވާ ކެނެޑާގެ "ތަޙްރީރު" ބޯޓާއި އަޔަލޭންޑްގެ "ހުއްރިއްޔާ" ބޯޓުވަނީ ތުރުކީގެ ހުޅަނގު ދެކުނުގެ ބަދަރެއްކަމުގައިވާ "ފެތިޔޭ" އިން މިދިޔަ ބުދަދުވަހު ދަތުރަށް ފުރައިފައެވެ.
އޭގެ ތެރެއިން އެއްއުޅަނދުގައި ހުރި "އަލްޖަޒީރާ" ގެ ނޫސްވެރިއެއްކަމުގައިވާ ކޭސީ ކޮފްމަން ބުނެފައިވަނީ "އެމީހުންނަށް މިހާރުވަނީ ދަތުރުގެ ފަސްބައިކުޅަ އެއްބައި ކަޑައްތުކުރެވިފައިކަމަށާއި ހުރިހާ އެންމެންވެސް ބޭނުންވަނީ ޣާޒާއަށް ވަނުމަށް" ކަމަށެވެ. އަދި "އިޒްރޭލުގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށްވެސް އެމީހުން ތިބީ ތައްޔާރަށްކަމަށާއި މިމަސައްކަތް ބޭކާރުވާން އެއްވެސް މީހަކު ބޭނުންނުވާ" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިދަތުރުގައި 24 އެކްޓިވިސްޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ފަސް ނޫސްވެރިންވެސް ހިމެނެއެވެ. މިއުޅަނދުތަކުން ޣާޒާގައި މިހާރު މަދުވެފައިވާ ބޭހާއި ބޭސްފަރުވާ ދިނުމަށް ބޭނުންވާ ސާމާނުވެސް ގެނެއެވެ.
_________
މަޞްދަރު: އަލްޖަޒީރާ

ކޮމެންޓް (0)
ލޯޑް ކުރަމުން...