
ތުރުކީވިލާތަށް މިއަދު އައި ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ސަރަހައްދުގައި މީހުން ހަރަކާތްތެރި ވަނީ
ތުރުކީވިލާތުގެ އިރުމަތީ ސަރަހައްދަށް މިދިޔަ މަހު 23 ގައި އައި ބާރުގަދަ ބިންހެލުންމުގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ އިތުރުވެފައިވާ ކަމަށް އެޤައުމުގެ ކަމާބެހޭ ވުޒާރާތަކާ ޙަވާލާދީ މީޑިއާތަކުން އިއްޔެ ބުނެފިއެވެ.
ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި އަރސިސް އާއި ވާން ޕްރޮވިންސްގެ ހުރިހާ ސަރަޙައްދެއް މިހާރު ބަލާ ވަނީ ނިމިފައެވެ. އަދި މިއީ ފިނިކަން ގަދަ ދުވަސްވަރަކަށް ވުމާއެކު، ދިރިތިބި ބަޔަކު ފެނުމުގެ އުއްމީދު ކުޑަކަމަށް އެފަރާތުން ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން، ފައިތުވި ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް 230 މީހުން ސަލާމަތްކުރެވިފައި ވެއެވެ. އަދި ހާލުގައިޖެހިފައިވާ އެތައް ހާސް ބަޔަކު މިހާރުވެސް ތިބީ ވަގުތީ ޓެންޓުތަކުގައެވެ.
ފިނި މޫސުމް ބޯމަތިވެފައި ވުމާއެކު، ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ގެތަކެއް ހަދައިދިނުމަށް ރާވަމުންދާ ކަމަށް ތުރުކީގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އަދި އެސަރަހައްދުގެ ކަރަންޓާއި، ފެނާއި، ގޭހާއި، މުއާސަލާތީ ޚިދުމަތްތަކާއި އަދި ނަރުދަމާގެ ނިޒާމް އަލުން ހަމައަކަށް އަޅުވާފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
ވާން ޕްރޮވިންސަށް މި ބިންހެލުން އައިތާ މަދު ވަޤުތުކޮޅެއް ފަހުން، އެޤައުމުގައި ހުންނަ ބިންހެލުންތަކާ ބެހޭ މައި މަރުކަޒުގެ މާހިރުން ލަފާކޮށްފައި ވާގޮތުގައި މި ކާރިޘާގައި 1,000 އަށް ވުރެ ގިނަ މީހުން މަރުވެގެން ދާނެއެވެ. އެމީހުން އޭރު މިފަދައިން ލަފާކޮށްފައި ވަނީ ބިންހެލުމުގެ ބާރުމިނަށާއި، އެ ސަރަހައްދުގައި ހުރި ޢިމާރާތްތަކުގެ ފެންވަރަށް ބަލާ ދިރާސާކޮށްފައެވެ. ނަމަވެސް މިހާތަނަށް މަރުވި މީހުންގެ ޢަދަދު ކަމުގައި ރިކޯޑް ކުރެވިފައި ވަނީ 600 މީހުންނެވެ.
މިބިންހެލުމުގައި ވެއްޓި ބިމާ ހަމަވި ޢިމާރާތްތަކުގެ އަދަދު 2,000 އަށް އަރައެވެ. އަދި 3,700 ޢިމާރާތަކަށް ގެއްލުން ލިބިފައިވާތީ، ދިރިއުޅުމަށް ނުރައްކާތެރި ތަންތަނުގެ ގޮތުގައި ނިންމާފައި ވެއެވެ.
މިބިންހެލުމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ތުރުކީ އަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މިބިންހެލުމުގެ ސަބަބުން ތުރުކީއާ އަވަށްޓެރި އަރުމީނިއާ އަދި އިރާނުގެ ބައެއް ޢިމާރާތްތަކަށް ވެސް ލޮޅުން އައިސްފައި ވެއެވެ.
ތުރުކީވިލާތުގެ ސިމޯ އަށް މިއަހަރު މެއި މަހު އައި ބިންހެލުމެއްގައި ދެ މީހުން މަރުވެ، 79 މީހުން ޒަޚަމްވެފައި ވެއެވެ. އަދި 1999 ގައި އެޤައުމަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 18,000 މީހުން މަރުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...