މިއަދު އަޅުގަނޑަށް ވަރަށް މުހިއްމު ފިލާވަޅެއް ދަސްވެއްޖެއެވެ. އަދި އެފިލާވަޅުން ހުރިހާ ކިޔުންތެރިންނަށް ވެސް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރަމެވެ. އެއީ އަޅުގަނޑުމެންނަށް "ހުރިހާ އެންމެން ރުހޭ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ" ކަމެވެ. މާ ބޮޑު ފިލާވަޅަކަށް ވެގެން އަޅުގަނޑު މިއުޅުނީ އެންމެންވެސް ދަންނަ، އާދައިގެ ވަރަށް ކުޑަކުޑަ ކަމެއްކަމަށް ތިބާ ހިތަށް އަރާފާނެއެވެ. އެކަމަކު ސުވާލަކީ އެކަން އެނގޭ އިރުވެސް އެކަން ހާސިލް ކުރަން ތިބާ މަސައްކަތް ކުރަނީ ކީއްވެގެން ތޯއެވެ؟ އެއީ ވާނެ ކަމެއް ނޫނެވެ!
މިސާލަކަށް ތިބާ މަޖީދީމަގުގައި ހުންނަ ބޫޓް ވިއްކާ ހުރިހާ ފިހާރައެއް ކަހަލަ ގޮތަށް ބަލައި ވަރަށް ރީތި ބޫޓެއް ގަނެގެން ގެއަށް ދިޔައީއެވެ. އެކަމަކު އެ ބޫޓު ތިބާގެ މަންމަ އަކަށް އެހާ ކަމަކު ނުދިޔައެވެ. މާ ގޮތް ބޮޑީއެވެ. އަނެއްކާ އެބޫޓު ހިފައިގެން ގޮސް އެހެން ބޫޓަކަށް ބަދަލުކޮށްގެން ގެއަށް ދިޔައީއެވެ. ބޭބެއަކަށް އޭގެ ކުލަ އެހާ ކަމަކު ނުދިޔައެވެ. އަނެއްކާ އެހެން ބޫޓަކަށް ބަދަލު ކުރީއެވެ. މިފަހަރު ދައްތަ އަކަށް ކަމަކު ނުދިޔައެވެ. މިގޮތަށް ތިބާ އަށް ކިތަންމެ ފަހަރަކު ބަދަލު ކުރެވިދާނެއެވެ. އެކަމަކު... ޚުލާސާ އަކީ: ހުރިހާ އެންމެން ރުހޭ ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ.
އެހެންކަމުން، އެންމެންގެ ރުހުން ނުހޯދޭނެކަން އެނގޭއިރު، ރަޙްމާން ވަންތަ ރަޙީމް ވަންތަ އަޅުގަނޑުމެންގެ ޚާލިޤް، ﷲ سبحانه وتعالىގެ ރުހުން ހޯދުމަށް މަސައްކަތް ކުރުން ކީއްތޯއެވެ؟
ޙަޤީޤަތުގައި މިދުނިޔޭގައި މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ﷲ سبحانه وتعالىގެ ނުރުހުންތެރިކަން އިޚްތިޔާރު ކުރާ މީޙާއަށް، މީސްތަކުންވެސް ނުރުހުންތެރި ވާން ފަށާނެއެވެ. އަދި މިދުނިޔޭގައި ﷲ سبحانه وتعالىގެ ރުހުން ހޯދުމަށްޓަކައި މީސްތަކުންގެ ނުރުހުންތެރިކަން އިޚްތިޔާރު ކުރާ މީހާއަށް، މީސްތަކުންގެ ރުހުން ލިބެން ފަށާނެއެވެ. ތަޖުރިބާ ކޮއްލައްވާށެވެ!
މިހާރު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަމާ ހިންގަވާށެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކޮންފަރާތެއްގެ ރުހުމެއް ހޯދުމަށް ހެއްޔެވެ؟ މީސްތަކުންގެ ރުހުން ހެއްޔެވެ؟ ނުވަތަ މާތްﷲ ގެ ރުހިވޮޑިގަތުން ހެއްޔެވެ؟
ބޮސް ގެ ރުހުން ލިބި ޕްރޮމޯޝަން ހޯދުމަށް ޓަކައި ތުނބުޅި ބާލާނީ ހެއްޔެވެ؟ ނުވަތަ ރަސޫލް صلي الله عليه وسلم ގެ ސުއްނަތުގައި ހިފައި ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ މަސައްކަތް ކުރާނީ ހެއްޔެވެ؟
ހިޖާބު ވުމަށް މާތްﷲ އަންގަވާފައި އެންގެވުމަށް އަމަލުނުކޮށް ރަހުމަތްތެރިންނާ މުޖުތަމަޢުގެ ރުހުން ހޯދާނީ ތޯއެވެ؟ ނުވަތަ ﷲ سبحانه وتعالىގެ ރުހިވޮޑިގަތުން ލިބޭތޯ އެކަމުގައި ކެތްތެރިވެ އިސްލާމީ ހެދުން އިޚްތިޔާރު ކުރާނީތޯއެވެ؟
އެއްކަލަ މުއްސަނދި ޑޮކްޓަރާ ކައިވެނި ކޮށްގެން މަންމަމެންގެ ރުހުން ހޯދާނީ ހެއްޔެވެ؟ ނުވަތަ ﷲ سبحانه وتعالىގެ ރުހިވޮޑިގަތުން ލިބޭ ފަދަ މީހަކާ ކައިވެނި ކުރާނީ ހެއްޔެވެ؟
އިޚްތިޔާރު ކުރުން އޮތީ ތިބާގެ އަތްމަތީގައެވެ. އަޅުގަނޑުގެ ނަޞޭޙަތަކީ އެންމެ ފުރަތަމަވެސް ﷲ سبحانه وتعالىގެ ރުހިވޮޑިގަތުން ހޯދުމަށް ނުވިސްނައި ތިބާ ކުރާކަމަކުން މަންފާއެއް ނުލިބޭނެއެވެ. ރަނގަޅެވެ. ދުނީޔޭގައި މީސްތަކުން ބޭނުން ވެގެން އުޅޭ ފައިސާ އާއި، އަންހެން ކުދިންނާއި، ރީތި ގެއަކާއި، ސައިކަލް ފަދަ އެއްޗިހި ލިބިދާނެއެވެ. އެހެން ނަމަވެސް ﷲ سبحانه وتعالىގެ ރުހިވޮޑިގަތުން ނުލިބި ހިތަކަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. އަދި އާޚިތަރުގެ ޙަޔާތް އޮތީއެވެ! އެހެން ކަމުން ކަމެއް ކުރާއިރު އެންމެ ފުރަތަމަވެސް "މިއީ ﷲ سبحانه وتعالىގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއްތޯ" ޗެކްކޮށްލައްވާށެވެ!

















މާޝާﷲ ވަރަށް ރަނގަޅު ލިޔުމެއް
ވަރަށް އިބުރަތްތެރި ލިޔުމެއް. ކޮންމެ އަޅަކުވެސް ބަލަންވީ ﷲ ގެ ރުއްސެވުން ލިބޭތޯ!!!
ތަފާތު ލިޔުންތައް ލިއުއްވަމުންގެންދަވާ ބޭފުޅުން އިސްލާމް ދީނުގައި ޑިމޮކްރަސީ އަދި ވޯޓް ދިނުން އަދި ޝޫރާ ފަދަ މުހިއްމު މަޢްލޫތަކަށް ލިޔުއްވުމަކީ މިދުވަސްވަރު މުހިއްމު ކަމެއްކަމުގައި ދެެކެން
ވަރަށް ރަގަޅު